ފޮނަދޫ ދާއިރާގެ ގިނަ ބައެއްގެ ތާއީދާއެކު ގޮނޑި ކާމިޔާބު ކުރައްވައި އޭގެ ފަހުން މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވި އިރު މުޅި ލ. އަތޮޅުގެ ހުރިހާ ރަށެއްގައި ވަރަށް ބޮޑު ތާއީދާއި ރައްޔިތުންގެ ލޯބި އެ މަނިކުފާނަށް އޮވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އެ މަނިކުފާނުގެ އުފަން ރަށް، ލ. ފޮނަދޫއަށް އިއްޔެ ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް މަރުހަބާ ދެންވުމުގެ ހަރަކާތްތަކުގެ މަރުހަލާއެއްގައި ރޭ އޮތް ލަނގިރީގެ ސަގާފީ އައިޓަމެއްގައި ބައިވެރިވެ ވަޑައިގަތީ ލަނގީރީގައި ހިމެނި ދެ ލަވައިގައި ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރަން ގޮވާލާތީ އެކަމަށް އިޖާބަ ދެއްވުމުގެ ރަމްޒެއް، އަދި އެ މަނިކުފާނުގެ ރިހި ހަނދާނެއްގެ ގޮތުގަ އެވެ.
އެ މަނިކުފާނުގެ ހުރިހާ ކަމެއް ޑޮކިއުމެންޓް ކުރާ ބަޔޮގްރާފަރު، އަދި އެ މަނިކުފާނުގެ އަރިސް ބޭފުޅަކު ނަން ހާމަ ނުކޮށް "މިރާ" އަށް ވިދާޅުވީ "ފޮނަދޫ ރައްޔިތުންގެ މަރުހަބާގެ ލަނގިރީގައި ދެ ލަވައެއް ހުށަހެޅި ކަމަށެވެ. އެ ދެ ލަވައިގައި ގޮވާލައި އެދިފައި ވަނީ ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތުތައް ނަގަހައްޓާ ހިމާޔަތް ކޮށްދޭން ކަމަށެވެ
"އެހެން ވެގެން އެ ދެ ލަވައިގައި އެދެމުން ދިޔަ ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރުމުގެ ރަމްޒެއްގެ ގޮތުގައި ލަނގިރީގެ ސަފަށް [މަޖިލިސް ރައީސް] އަރާ ވަޑައިގެން ކުޑަ ކުޑަ ހިނދުކޮޅަކަށް ލަނގިރީގެ ހާއްސަ ނެށުމަށް ފައިހަމަ ކުރެއްވީ، އެކަމަކީ [ލަނގިރިއަކީ] އެ މަނިކުފާނަށް އާ ކަމެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.
ފޮނަދޫ ރައްޔިތުންގެ މަރުހަބާގެ ލަނގިރީގައި ރޭ ހިމެނި އެއް ލަވައިގައި ބުނަނީ "ދިވެހީންގެ މާތް ދީނާ ވަތަން ރައްކާތެރިކޮށް ދަމަހައްޓަމާ..." އެވެ. އަދި ލަނގިރީގައި ހިމެނި އަނެއް ލަވައިގައި ގޮވާލަނީ "ގައުމުގެ އަމްނާ އަމާންކަމާ ޝަރަފާއެކު ދަމަހައްޓާން... ޤައުމީ ލޯތްބާ ރީހާއެކުގާ ފިދާވެ ގުރުބާން ވާން" ށެވެ.
މި ދެ ލަވައަކީ މަޖިލިސް ރައީސް، އަބްދުއްރަހީމް އެ މަނިކުފާނުގެ ޒުވާން އުމުރުފުޅުގައި މީގެ 25 އަހަރު ކުރީން ފޮނަދޫގެ ލަނގިރި އާލާ ކުރައްވަން ނުކުންނަވައި އަދި ފޮނަދޫގެ "ޒުވާނުންގެ ރޫހު" ގެ ރައީސް ކަމުގައި ހުންނަވައިގެން ހެއްދެވި "ލަނގިރި ލަވަބައި" ގައި ހިމެނޭ ދެ ލަވަ އެވެ.
އޭނާ ވިދާޅުވީ މަޖިލީސް ރައީސް އަބްދުއްރަހީމަކީ ގައުމީ ހިދުމަތުގައި މަތީ ފަންތި އާއި އެންމެ މަތީ ފަންތިއަށް ވަޑައިގަތުމާ ހަމައަށް ވެސް ފޮނަދޫގެ ލަނގިރިއަށް ގައުމީ ލަވަ ހައްދަވައި ދެއްވާ، ލަނގިރީގެ ސަފުގައި ބައިވެރިވެ ވަަޑައިގެންނެވުމުގެ ދިގު މާޒީއެއް އޮތް ބޭފުޅެއް ކަމަށެވެ.
"މީގެ 25 އަހަރު ކުރިން ވެސް އެ މަނިކުފާނު އެ ވަނީ ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތުތައް އުފުލައި ހިމާޔަތް ކުރަން ބާރު އަޅުއްވާފައި، އަދި 25 އަހަރު ފަހުން އެ މަނިކުފާނު އެ ހުންނެވީ ފުޅާ އަޣުލަބިއްޔަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި. އެ މަގާމުގައި ފުރަތަމަ ފަހަރަށް އުފަން ރަށަށް ވަޑައިގަތުމުން ފޮނަދޫ ރައްޔިތުން ދެންނެވި މަރުހަބާއިން އާކޮށް ދިނީ އެ މަނިކުފާނުގެ ވަރަށް ތާރީހި ރިހި ހަނދާނެއް. އެހެން ވެގެން ރޭ އެ މަނިކުފާނު ބޭނުންފުޅުވެ ވަޑައިގަތީ ލަނގިރީގެ ސަފަށް އަރާ ވަޑައިގަތުމަށް،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ވަޑައިގަތުމަށް ފަހު އުފަން ރަށަށް ވަޑައިގެންނެވި ފުރަތަމަ ދަތުރުފުޅުގައި ކައްދޫގެ ވައިގެ ބަނދަރުން އިއްޔެ އެ މަނިކުފާނާއި އަނބިކަނބަލުން ދިޔާނާ ހުސައިނަށް ރަތް ދޫލަ އާއި ހަތްކޮޅުގެ ގާޑު އޮފް އޮނާއެއް އެރުވުމާއެކު އެތައް ސަތޭކަ ބަޔަކު ސަފު ހަދަައި ހޫނު މަރުބަހާއެއް އެ މަނިކުފާނާއި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުންފުނިތަކާއި ސަރުކާރުގެ އިސްވެރިންނާއި އެހެން އިތްޒަތްތެރިންނަށް އަރުވާފައި ވެއެވެ.
އެ ހޫނު މަރުހަބާ 20 މިނެޓަށް ދެމިގެން ދިޔަ އެވެ.
މަޖިލިސް ރައީސްގެ ހައިސިއްޔަތުން އެ މަނިކުފާނު އުފަން ރަށަށް ވަޑައިގަތުމުން ރޭ ފޮނަދޫގައ ހަވާ އަރުވާފައިވާއިރު ފޮނަދޫ ރައްޔިތުންގެ ލަނގިރި އާއި ހާއްސަ ޖަފާތެއް ވެސް އޮތެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ގޮނޑި، އެ މަނިކުފާނު ކާމިޔާބު ކުރައްވާފައި ވަނީ ވަރަށް ބޮޑު ތަފާތަކުންނެވެ. އެމަނިކުފާނު އެ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުން ވެސް ބަލި ކުރައްވާފަ އެވެ.
ފޮނަދޫ ދާއިރާގެ ގިނަ ބައެއްގެ ތާއީދާއެކު ގޮނޑި ކާމިޔާބު ކުރައްވައި އޭގެ ފަހުން މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވި އިރު މުޅި ލ. އަތޮޅުގެ ހުރިހާ ރަށެއްގައި ވަރަށް ބޮޑު ތާއީދާއި ރައްޔިތުންގެ ލޯބި އެ މަނިކުފާނަށް އޮވެ އެވެ. މީގެ ކުރިން އެމަނިކުފާނު ވަނީ 17 ވަނަ މަޖިލީހާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ފޮނަދޫ ދާއިރާ މެންބަރުކަން ކުރައްވާފަ އެވެ.