ހާއްސަ އެހީއަށް ބޭނުވާ މީހުންގެ މަރުކަޒަށް 48 އަހަރު ފުރުން ފާހަގަކޮށްފި

ހާއްސަ އެހީއަށް ބޭނުވާ މީހުންގެ މަރުކަޒަށް 48 އަހަރު ފާހަގަކުރުމުގެ ގޮތުން މުވައްޒަފުންނަށް ފުޓްސަލް މުބާރާތެއް އަދި ފަރުވާ ހޯދާ މީހުންނަށް ފައިގަތަޅާ މުބާރާތެއް ކުރިއަށް ގެންދިޔަ އެވެ.

ގުރައިދޫ ހާއްސަ އެހީއަށް ބޭނުވާ މީހުންގެ މަރުކަޒަށް 48 އަހަރު ފާޙަގަކުރުމުގެ ތެރެއިން ފޮޓޯ: މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 48 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފި އެވެ. 

ގުރައިދޫގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހުޅުވީ 1976 ވަނަ އަހަރު އެވެ. އެއީ މިގޮތަށް ރާއްޖޭގައި ހުޅުވި ހަމައެކަނި މަރުކަޒެވެ. 

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އަހަރީ ދުވަސް ފާހަގަކުރރުމުގެ ރަސްމިއްޔާތުގައި  މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމްގެ ވިދާޅުވީ، މި ސަރުކާރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. 

ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ދީ، ތަމްރީނާއި ތެރަޕީގެ އެހީތެރިކަމާއެކު މުޖުތަމައުގެ އެހެން ފަރުދުންނާއި އެއް ހަމައެއްގައި އުޅެ، ދިރިއުޅުމުގެ ޒިންމާތައް އުފުލައި މުޖުތަމައުގައި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ހޯދައިދިނުމަށް މަރުކަޒުގައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް މުޖުތަމައަށް އަނބުރާ ހަވާލުކޮށް، އިޖުތިމާއީ ގުޅުންތަކާއި ހުނަރުތައް ދަސްކޮށްދިނުމުގެ އެކި ޕްރޮގްރާމުތައް އަބަދުވެސް ކުރިއަށް ގެންދެ އެވެ.  

މި މަރުކަޒަށް 48 އަހަރު ފާހަގަކުރުމުގެ ގޮތުން ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި މަޒުކަޒުގެ މުވައްޒަފުންގެ މެދުގައި ފޯރިގަދަ ފުޓްސަލް މުބާރާތެއް ކުރިއަށް ގެންދިޔަ އެވެ. އަދި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށް ފައިގަތަޅާ މުބާރާތެއްވެސް ކުރިއަށްގެންދިޔަ އެވެ.

އަހަރީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން މަރުކަޒުގެ ގޯތިތެރެ ސާފުކުރުމާއި ކުލަލުމުގެ މަސައްކަތް ކޮށްފައިވަނީ މުވައްޒަފުންނާއި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުގެ ފުރިހަމަ އެހީތެރިކަމާއެކު ކަމަށް މިނިސްޓްރީން ބުނެ އެވެ. އެ މަރުކަޒުގެ މުވައްޒަފުންނާއި، ފަރުވާ ހޯދާ މީހުން އަދި ގުރައިދޫގެ ރައްޔިތުން ބައިވެރިވެގެން ހާއްސަ ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔަ އެވެ. 

އެތަނުގައި ފަރުވާ ހޯދާ މީހުންނަށް ހާއްސަކޮށް ހުނަރު ދަސްކޮށްދިނުމުގެ ހަތަރު ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ކަމަށް މިނިސްޓްރީން ބުނެ އެވެ. އޭގެ ތެރޭގައި ކުރެހުމުގެ ކޯހަކާއި ސްކްރީން ޕްރިންޓިން ކޯހަކާއި، ފަހާ ކޯހެއް އަދި ކައްކާ ކޯހެއް ހިމެނެއެވެ.

ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަަޒަށް 48 އަހަރު ފުރުނު އިރު، 20 އަހަރަށްވުރެ ގިނަދުވަހު މަސައްކަތްކޮށްފައިވާ 18 ފަރާތެއް އެބަތިބި އެވެ. އެމީހުންގެ އަގުވަޒަންކުރުމަށް މިނިސްޓްރީން ވަނީ ހަނދާނީ ލިއުން ހަވާލުކޮށްދީފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.