މާލެ ކައިރީ ދުވަސްވީ ރިސޯޓުތަކުގެ ކޮޓަރި އަގު ގެސްޓްހައުސްތަަކަށް ދަށުގައި

ބައެއް ގެސްޓްހައުސްތަކާ އަޅާބަލާއިރު މާލެ ކައިރީ ބައެއް ރިސޯޓުތަކުގެ ރޫމްރޭޓް ވަނީ ބޮޑުތަނުން ދަށްކޮށްފަ އެވެ.

މާފުށީގައި ދެ ޓޫރިސްޓުން : ބައެއް ރިސޯޓްތަކަށްވުރެ ގެސްޓްހައުސްގެ ރޫމް ރޭޓް މަތި -- -- މުހައްމަދު އަފްރާހް | މިރާ

އީދު ޗުއްޓީއަކަށް ތަނަކަށް ގޮސްލަން ކޮޓަރިއެއް ހޯދަން މިފަހަރު ވަނީ ދުނިޔޭގެ މަޝްރޫއު ބުކިން ސައިޓް "ބުކިން ޑޮޓްކޮމް" އަށެެވެ. އެ ސައިޓަށް ވަތން ސަބަބަކީ ރާއްޖޭގެ ޓޫރިޒަމް އޮފް ސީޒަނަށް ފައިބަމުން ދިއުމާއެކު ކޮޓަރިތަކުގެ އަގު ބަލައިލުމަށެވެ. ސައިޓުގައި މާލެ ކައިރީގެ ދުވަސްވީ ރިސޯޓުތަކުގެ ނަންތައް ޖަހާލުމާއެކު ލިބުނީ ހައިރާން ކަމެކެވެ. 

މި ދުވަސްވަރު މާލެ ކައިރީގައި ހިންގާތާ 15 ނޫނީ 30 އަހަރަށް ވުރެ ގިނަ ދުވަސްވީ ބައެއް ރިސޯޓުތަކުގެ އަގުތައް ހުރީ ބޮޑެތި ގެސްޓްހައުސްޔަކަށް ވުރެ ދަށުގަ އެވެ. އަގުތައް ވައްޓާލާފައި ވަނީ ހައިރާންވާ ވަރުގެ ދަަށަށެވެ. 

ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ހިންގާ ކ، މާފުށީގެ ބޮޑެތި ބައެއް ގެސްޓްހައުސްތަކުގެ އަގުތައް މި ވަގުތު މި ރިސޯޓުތަކަށް ވުރެ ބޮޑުކަން "ބުކިންޑޮޓްކޮމް" އިން އެކަނި ވެސް އެނގެ އެވެ. 

މާފުށީގެ އެންމެ ގެސްޓްހައުސަކަށް އަގުގެ ކޮމްޕެރިސަންއެއް ހަދާނަމަ މާފުށީގައި މި ވިޔަފާރީގައި އެންމެ ގަދަރުވެރި މަގާމުގައި އޮތް އެއް ގެސްޓްހައުސް ކަމަށްވާ އެރީނާ ހޮޓެލްސްގެ އެއް ޕްރޮޕަޓީގައި މި މަހުގެ 27 އިން 28 އަށް ކޮޓަރިއެއް ވިއްކާ އަގަކީ 111 ޑޮލަރު (ގާތްގަނޑަކަށް 1711.62ރ. ) އަށެވެ. ހަމަ މި މުއްދަތުގައި ކުރީގެ ކުޑަބަނޑޮސް މިހާރުގެ މަލަހިނި ކުޑަ ބަނޑޮހުގައި ކޮޓަރި ވިއްކާ އަގަކީ ރެއަކަށް 82 ޑޮލަރު (ގާތްގަނޑަކަށް 1,264ރ. ) އެވެ. 

މިހާރު މާލެ ކައިރީގައި ހުރި ކޮޓަރިތަކުގެ އަގުތައް ބަލައިލުމުން ފެންނަ ހައިރާން ކުރުވަނިވި އަނެއް ކަމަކީ މާލެ ކައިރީ ހުރި ދުވަސްވީ ބައެއް ރިސޯޓްތަކުގެ އަގުތައް ވެސް ބޮޑު ތަނުން ވައްޓާލާފައި ހުރި ކަމެވެ. 

މާލެއާ އިން ވެގެން އޮންނަ ވިލާ ގްރޫޕުން ހިންގާ ކުރީގެ ޕެރެޑައިސް އައިލެންޑް ރިސޯޓް ނުވަތަ މިހާރުގެ ހާފްބޯޑުގައި ކޮޓަރިއެއް ވިއްކަނީ 138 ޑޮލަރު (ގާތްގަނޑަކަށް 2,127ރ. ) އަށެވެ. އަދި ފިހާޅޮހީގައި ކޮޓަރިއެއް ވިއްކަނީ 118 ޑޮލަރު (ގާތްގަނޑަކަށް 1,819ރ. ) އަށެވެ. އަދި ރާއްޖޭގެ އެންމެ ދުވަސްވީ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ މާލެ ކައިރީ އޮންނަ ފިހާޅޮހި ރިސޯޓުގައި ރޫމްރޭޓް ހުރީ 118 ޑޮލަރުގަ އެވެ. 

ބައެއް ގެސްޓްހައުސްތަކާއި ރިސޯޓުތަކުގެ ރޫމް ރޭޓް

  •  އެރީނާ ހޮޓެލްސް - 111 ޑޮލަރު
  •  ކުޑަބަނޑޮސް - 82 ޑޮލަރު
  •  ޕެރެޑައިސް އައިލެންޑް ރިސޯޓް ހާފް ބޯޑް - 138 ޑޮލަރު

މި އަގުގައި ކޮޓަރީގެ އަގުތައް ހުރިއިރު ގެސްޓްހައުސްތަކުން ވެސް ޓެކްސް ދައްކަނީ ތިން ތަރީގެ ރިސޯޓަކުން ޓެކްސް ދައްކާ މިންވަރެވެ. 

މިހާރު ބުކިންތައް ސައިޓްތަކުގައި ހުރި ގޮތުން ރިސޯޓަކަށް ދާ މީހަކަށް އިތުރު ސަޕްލިމެންޓްރީތައް އެޑްކޮށްގެންނޫން ގޮތަކަށް ބައެއް ގެސްޓްހައުސްތަކަށްވުރެ އަގު މައްޗެއް ނުކުރެވެ އެވެ. މި ގޮތަށް އަގުތައް ބައްޓަން ކުރަން ޖެހޭ މައިގަނޑު ސަބަބަކީ އޮފް ސީޒަންގައި ޑިމާންޑް ދަށްވުމެވެ. އެހެންވެ ބައެއް ރިސޯޓްތަކުން ބުކިން ޕްރޮސެސްގައި ކަސްޓަމަރުންނަށް އޮޅުވާލުންތަކެއް ގެންގުޅެ އެވެ.

މާފުށީގައި ފުޅާކޮށް ގެސްޓްހައުސްގެ ވިޔަފާރިކުރާ 200 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ އެރީނާ ހޮޓެލްސް އިން ވާހަކަ ދެއްކެވި އިސް ވެރިއަކު ވިދާޅުވި ގޮތުގައި ގެސްޓްހައުސްތައް ފުޅާ ވެގެން ދިއުމާއެކު މިހާރު ރިސޯޓްތަކުން ދޭ ސާވިސް ޗާޖާ އެއްވަރުގެ އަދަދެއް ދޭން ފަށާފައިވާ ކަމަށެވެ. 

މާފުށީ އައުޓްޑޯ ޖިމްގައި ޓޫރިސްޓުންތަކެއް ކަސްރަތު ކުރަނީ -- މުހައްމަދު އަފްރާހް | މިރާ

"އަޅުގަނޑުމެން ފެބްރުއަރީގަ ދިނިން ސާވިޗާޖަށް މުވައްޒަފަކަށް 520 ޑޮލަރު. މުޅި މި އަހަރަށް ބަލާނަމަ 300 ޑޮލަރުވަރުގަ ހުރީ. އެހެންވީމަ އެނގޭ ބޮޑުތަން ރަނގަޅުކަން،" 

އެރީނާ އިން ފެބްރުއަރީ މަހު ސާޗިސް ޗާޖުގެ ގޮތުގައި 520 ޑޮލަރު ދީފައިވާއިރު މިއީ ރާއްޖޭގެ ގެސްޓްހައުސްއަކުން ސާވިސް ޗާޖުގެ ގޮތުގައި ދިން އެންމެ މަތީ އަދަދެވެ. އަދި މިއީ މާލެ ކައިރީހުރި ދުވަސްވީ ތިން ތަރީގެ ރިސޯޓްތަކުންވެސް ސާވިސް ޗާޖުގެ ގޮތުގައި ނުދޭ މިންވަރެކެވެ. 

މުވައްޒަފުން ގެންދާ މައްސަލަ ބޮޑު

މާލެ ކައިރީގައި ހުރި ބައެއް ރިސޯޓުތަކާ އެއްވަރެއްގެ ސާވިސް ޗާޖެއް ގެސްޓްހައުސްތަކުން ޕޭ ކުރަމުން ދާއިރު ދިވެހި މުވައްޒަފުން ހޯދުމަކީ މި ވިޔަފާރިއަށް އޮތް ބޮޑު ގޮންޖެހުމަކަށް ވަނީ ވެފަ އެވެ. ހާއްސަކޮށް ރިސޯޓްތަކުން ގެސްޓްހައުސްތަކުގެ މުވައްޒަފުން ގެންދާ މައްސަލަ މިހާރު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. 

ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ބޮޑު ގެސްޓްހައުސްއެއްގެ ވެރިއަކު ވިދާޅުވި ގޮތުގައި މުވައްޒަފުން ތަމްރީން ކުރުމުން ރިސޯޓްތަކުން ގެންދާ ކަމަށާ މިކަމުގެ ސަބަބުން ދަތިތަކާ ކުރިރިމަތިވާ ކަމަށެވެ. 

"ހަމަ ފުރިހަމައަށް ތަމްރީން ދޭތަނުން ހޭޑް ޕިކްކޮށް ރިސޯޓުތަކުން ސްޓާފުން ގެންދަނީ. މިކަން މިހާރު ބޮޑުވެއްޖެ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ. 

ގެސްޓްހައުސް - ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ އެޕްރީލްގެ ނިޔަލަށް ރާއްޖޭގައި 837 ގެސްޓްހައުސް އެބަހުއްޓެވެ. އަދި ޖުމްލަ އެނދުގެ އަދަދަކީ 14,042 އެވެ. އަދި ގެސްޓްހައުސް އޮކިއުޕެންސީ ހުރީ 56.6 ޕަސެންޓުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.