ދިވެހި ކެބިނެޓުން ނިންމި ނިންމުމާ ގުޅޭ މައުލޫމާތު ނޯޓެއް ދިވެހިރާއްޖޭގެ ހުރިހާ އެމްބަސީތަކާ ހާރިޖީ ވުޒާރާިއިން ވަނީ ހިއްސާ ކޮށްފަ އެވެ.
އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާ ކުރަން ދިވެހި ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން އެއްވެސް ގައުމަކުން މިހާތަނަށް މައްސަލައެއް ޖައްސާފައި ނުވާ ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިދިއަ ހޮނިހިރު ދުވަހު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވިކަން ސަރުކާރުން އިއުލާނު ކުރި އެވެ.
ސަރުކާރުގެ އެ އިއުލާނަށް ބައިނަލްއަގުވާމީ މީޑިއާގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބުނެވެ. މީސްމީޑިއާގައި އިސްރާއީލަށް ތާއީދު ކުރާ ބައެއް މީހުން ރާއްޖެ ބޮއިކޮޓު ކުރުމަށް ގޮވައިލައި އަޑުއުފުލި އެވެ. އަދި އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްގެ މެންބަރަކު އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭހާ ހިނދަކު ރާއްޖެއަށް އެމެރިކާއިން އެއްވެސް އެހީތެރި ކަމެއް ދިނުން މަނާ ކުރުމަށް ގާނޫނެއް ހުށަހެޅުއްވުމަށް ތައްޔާރުވެވަޑައިގަންނަވާކަމަށް އެ ގައުމުގެ ބައެއް މީޑިއާއިން ރިޕޯޓު ކުރިއެވެ.
މިފަދަ ރިޕޯޓުތަކާ ގުޅިގެން "މިރާ" އިން ޚާރިޖީ ވަޒީރު މޫސާ ޒަމީރަށް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ނިންމައިގެން މިހާތަނަށް އެއްވެސް ގައުމަކުން ދިވެހި ސަރުކާރަށް ޝަކުވާއެއް ނުވަތަ މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށެވެ.
"ފޮރިން މިނިސްޓްރީއާ ހިސާބަކުން އެއްވެސް ފަރާތަކުން [ކަންބޮޑުވުމެއް] އެއްވެސް ގައުމަކުން އައިސްފައި ނެތް. އެއްވެސް ގައުމަކުން މިކަމާ ގުޅޭ ގޮތުން ސުވާލެއް ކޮށްފައި ނުވޭ،" ޒަމީރު ވިދާޅުވި އެވެ.
އިތުރަށް ޒަމީރު ވިދާޅުވީ ދިވެހި ކެބިނެޓުން އެ ދުވަހު ނިންމި ނިންމުމާ ގުޅޭ މައުލޫމާތު ނޯޓެއް ދިވެހިރާއްޖޭގެ ހުރިހާ އެމްބަސީތަކާ ހާރިޖީ ވުޒާރާިއިން ވަނީ ހިއްސާ ކޮށްފަ އެވެ. އަދި އެ ނޯޓުގައި ހުރި މައުލޫމާތު ދިވެހި ސަފީރުން އެ ބޭފުޅުން ތިއްބަވާ ގައުމުތަކުގެ ސަރުކާރުތަކާ ހިއްސާ ކުރައްވާފައި ވެއެވެ.
އޭގެ އިތުރަށް އދ. އަދި ޖެނީވާގައި ތިއްބެވި ދިވެހި ސަފީރުން ވެސް އެ ބޭފުޅުން އެހެނިހެން ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނާ އެ މައުލޫމާތު ހިއްސާ ކުރައްވާފައިވާ ކަމަށް ޒަމީރު ވިދާޅު ވިއެވެ.
އިސްރާއީލު ޕާސްޕޯޓު މަނާ ކުރަން ނިންމި ނިންމުމާ ގުޅިގެން އިސްލާމީ ގައުމުތަކުގެ އާންމުން ވަނީ ވަރަށް ބޮޑަށް ރާއްޖެއަށް ތާރީފުކޮށް އެ ނިންމުމަކީ އެހެނިހެން މުސްލިމު ގައުމުތަކަށް ނަމޫނާއެއްކަމަށް ބުނެފަ އެވެ. އަދި ހުޅަނގުގެ ގައުމުތަކުގައި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން ވެސް އެ ނިންމުމަކީ ހިތްވަރުގަދަ ނިންމުމެއްކަން ފާހަގަކޮށް ތާރީފުކޮށްފައި ވެއެވެ.