ލޭނު ހުއްދަދޭތީ ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުން، އިހުތިޖާޖަށް ނިކުންނަނީ

ޔޫނިއަނުން ފާހަގަކުރި އެއް މައްސަލައަކީ، މަސްވެރި ކަމަށް ކުރާ ހޭދަ ބޮޑުވެފައި އޮތްއިރު، ދުވަހުން ދުވަހަށް ފައިސާ ނުލިބުމެވެ.

ކަންނެލި މަސްވެރިން 2020 ގައި މާލެ ކައިރީގައި މުޒާހަރާ ކުރަނީ -- ޔޫނިއަން

ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރަން ހުއްދަ ދީފިނަމަ، އެ ސިނާއަތުގައި މަސައްކަތްކުރާ މަސްވެރިންނާއި ބޮޑުކަންނެލި އޮޑިވެރިން ބަނގުރޫޓުވާނެ ކަމަށް ބުނެ އިހުތިޖާޖަށް ނުކުންނަން ތައްޔާރުވަމުންދާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން ބުނެފިއެވެ. 

ލޭނު އެޅުން ހުއްދަކުރަން އުޅޭތީ ކަންބޮޑުވުން ފާޅުކޮށް ބީކޭއެމްޔޫން ނެރުނު ބަޔާނެއްގައި އެ ޖަމްއިއްޔާއިން ފާހަގަކުރި އެއް ކަންބޮޑުވުމަކީ ކުރާ މަސައްކަތާ އެކަށީގެންވާ އަގެއް ނުލިބުމެވެ. އަދި އެފަދައިން މުނާސަބު އަގެއް ނުލިބޭ ސަބަބެއްކަމަށް އެ ޖަމްއިއްޔާއިން ފާހަގަކުރީ ބޮޑުކަންނެލީގެ މަސްވެރިކަން މަދު ވިޔފާރިތަކެއްގެ މުށު ތެރޭ ބަންދުވެފައި އޮތުމެވެ. 

އަދި އެޖަމްއިއްޔާއިން ތުހުމަތުކޮށްފައިވާ ގޮތުގައި ސަރުކާރުތަކާއި ސިޔާސީ ވެރިން އެ ސިނާއަތުގެ ދެމެހެއްޓެނެވި ކުރިއެރުމާއި އާންމު މަސްވެރިންގެ މަސްލަހަތުތަކަށްވުރެ އަމިއްލަ ވަގުތީ މަސްލަހަތުތައް އިސްކުރުމުގެ ސަބަބުން އެ ސިނާއަތުން އެކަށީގެންވާ އާމްދަނީއެއް ލިބުމަށް ހުރަސްއެޅެއެވެ. 

އިތުރަށް އެ ޖަމްއިއްޔާއިން ބުނީ ބޮޑުކަންނެލީގެ މަސްވެރިކަމުގައި ލޭނު އެޅުން މަނާކޮށްފައި އޮތުމަށްފަހު އެކަން ހުއްދަކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޭރުގެ ބޯޓުތައް މެދުވެރިކޮށް ބޭރުކަނޑުން ގިނަ އަދަދެއްގެ ކަންނެލި ބާނައި، ކަނޑުމަތިން އެއް ބޯޓުން އަނެއް ބޯޓަށް މަސް ކިރުވައި ހަދާނެ ކަމަށްވެސް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ. 

އަދި އެކަމުގެ ސަބަބުން ކަންނެލި ލިބޭ މިންވަރު އިންތިހާއަށް އިތުރުވެ ޑިމާންޑަށްވުރެ ސަޕްލައި ގިނަވުމުގެ ސަބަބުން ކަންނެލީގެ އަގު ވެއްޓޭނެކަމަށް އެ ޖަމްއިއްޔާއިން ލަފާކުރެއެވެ. 

"ނަތީޖާއެއްގެ ގޮތުން ލިބޭ އާމްދަނީއައި ހަރަދާ ނުބައްދަލުވެ، ކަންނެލި މަސްވެރިކަމަށް އިންވެސްޓުކޮށްގެން ތިބި އޮޑިވެރިންނާއި، ކަންނެލި މަސްވެރިކަމުން ދިރިއުޅޭ އާއިލާތައް ބަނގުރޫޓުވާނެ. އަދި މަސްވެރިކަމުން ދިވެހީން ފެއަށްޖެހި ޒަމާންވީ ދިވެހި ދެމެހެއްޓެނެވި މަސްވެރިކަން ކޯޕަރޭޓު ކުންފުނިތަކުގެ އަތްދަށަށް ބަދަލުވާނެ،" ބީކޭއެމްޔޫން ބުންޏެވެ.

ކަންނެލި މަސްވެރިންގެ ޔޫނިއަނުން ފާހަގަކުރި އަނެއް މައްސަލައަކީ، މަސްވެރިކަމަށް ކުރާ ހޭދަ ބޮޑުވެފައި އޮތްއިރު، ދުވަހުން ދުވަހަށް ފައިސާ ނުލިބުމެވެ. އަދި ރިޔާސީ އިންތިހާބުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ބޮޑުކަންނެލީގެ އަގު ކިލޯއަކަށް 80ރ. އާއި 100 ރ. އާ ދެމެދުގެ އަގެއް ކަނޑައެޅުމަށާއި މިފްކޯއިން ކަންނެލި ގަންނަން ފެށުމަށް އެ ޖަމްއިއްޔާއިން ސަރުކާރަށް ގޮވައިލިއެވެ. 

އަދި ބޮޑުކަންނެލި މަސްވެރިކަމުގެ ސިނާއަތް ސަލާމަތްކުރުމުގައި ސަރުކާރުގެ ޒިންމާ ވަރަށް ބޮޑުކަން ފާހަގަކުރަމުން އެ ޖަމްއިއްޔާއިން ބުނެފައިވަނީ، މަސްވެރި އާއިލާތަކުގެ ބަނޑުފުރާނަ މުއްތިކުރުމާއެކު ހަމަޖެހޭ ދިރިއުޅުމެއް ހޯދަން ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ. 

އަދި އެ މަސައްކަތުގެ ތެރެއިން ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖެއް މާލެ ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، އެ އިހުތިޖާޖަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށްވެސް އެ ޖަމްއިއްޔާއިން ބުންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.