މިއީ ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި ފަންޑެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
މި ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ ހޯމަ ދުވަހުގެ ރޭ 11:00 އަށް ހަމަވާނެއެވެ.
ބީއެމްއެލް އިން ބުނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށް މި ފަންޑަށް އެދި ހުށަހެޅޭނެ ކަމަށެވެ. މިކަމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށް bankfund@bml.com.mv އަށެވެ.
މި ފަންޑުގެ ދަށުން ކޮންމެ އަހަރަކުވެސް، ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން ފަސް ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް ދެލައްކަ ރުފިޔާގެ ހިލޭ އެހީ ބީއެމްއެލް އިން ދެ އެވެ. ބޭންކް ފަންޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެއެވެ.