އޭޕްރީލު މަހު ތަކެތީގެ އަގަށް ލުޔެއް، އިންފުލޭޝަން ދަށަށް

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރެވި ބާޒާރަށް ބޭރު ފައިސާ ނެރޭ މިންވަރު އިތުރުވެ، ބޭރު ފައިސާގެ އަގު މިހާރަށްވުރެ ދަށްވާނަމަ އިންފުލޭޝަން އިތުރަށް ދަށްވާނެ ކަމަށް ބެލެވެއެވެ.

ބާޒާރު މަތީ ފިހާރައެއްގައި މީހަކު މަސައްކަތް ކުރަނީ -- ޔާމިން މުހައްމަދު

ފާއިތުވި އޭޕްރީލު މަހުގައި ރާއްޖޭގެ އިންފްލޭޝަން ރޭޓު ނުވަތަ މުދަލާއި ޚިދުމަތުގެ އަގު މާޗު މަހާ އަޅާބަލާއިރު 0.70 އިންސައްތައިން ދަށްވެފައިވާ ކަމަށް ތަފާސްހިސާބާ ބެހޭ ޤައުމީ އިދާރާއިން ބުނެފި އެވެ. 

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ ކޮންޒިއުމާ ޕްރައިސް އިންޑެކްސްއަށް ބަލާއިރު މާޗު މަހާ އަޅާބަލާއިރު އޭޕްރީލު މަހުގައި އެންމެ ބޮޑަށް އަގު ދަށްވީ ކަރަންޓާއި ފެނުގެ އަގުންނެވެ. އެގޮތުން ކަރަންޓުގެ އަގު މާޗު މަހަށްވުރެ 10.6 އިންސައްތަ ދަށްވެފައިވާކަމަށް އެ އިންޑެކްސްއިން ދައްކަ އެވެ. އަދި ސާފު ބޯފެނުގެ އަގުވަނީ 23.85 ޕަސެންޓު ދަށްވެފަ އެވެ. 

އިތުރަށް އަގުދަށްވީ މުދަލުގެ ތެރޭގައި ތަރުކާރީވެސް ހިމެނެ އެވެ. އެގޮތުން އޭޕްރީލު މަހުގައި ތަރުކާރީގެ ބާވަތްތަކުގެ އަގު 1.73 އިންސައްތައިން ދަށްވިއެވެ. ވައިގެ މަގުން ފަސިންޖަރުން ކުރާ ދަތުރުތަކުގެ އަގު 2.00 އިންސައްތައިން ދަށްވިއިރު، މުހިއްމު ކަރަންޓު ސާމާނު ހިމެނޭހެން ގޭބީސީތަކަށް ބޭނުންވާ މުދަލުގެ އަގުވަނީ 2.16 އިންސައްތައިން ދަށްވެފައެވެ. 

ނަމަވެސް ބައެއް މުދަލުގެ އަގު އޭޕްރީލު މަހުގައި ބޮޑުވެފައިވެއެވެ. އަގު ބޮޑުވީ ތަކެތީގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލުނީ މަހުގެ ބާވަތްތަކެވެ. މަހުގެ އަގު 1.30 އިންސައްތައިން އުފުލުނުކަމަށް ސީޕީއައި އިން ދައްކަ އެވެ. މޭވާއާއި އެއްގަމު މަހުގެ އަގުވެސް އުފުލުނެވެ. އެގޮތުން މޭވާގެ އަގު 0.68 އިންސައްތައިން އުފުލުނުއިރު އެއްގަމު މަހުގެ އަގުވަނީ 2.01 އިންސައްތައިން މަތިވެފައެވެ. 

އެ މުއްދަތުގައި އިންޝުއަރޭންސްއާއި އެހެނިހެން މާލީ ހިދުމަތްތަކުގެ އަގު 0.49 އިންސައްތައިން ދަށްވިކަމަށް ކޮންސިއުމާ ޕްރައިސް އިންޑެކްސްއިން ދައްކައެވެ. އަގަށް އައި ބަދަލަކީ ބޮޑު ބަދަލެއްކަމަށްނުވި ނަމަވެސް ބަދަލު އައިސްފައިވަނީ ހެލްތު އިންޝުއަރޭންސްގެ އަގަށް ކަން އެ އިންޑެކްސްގައި ފާހަގަކޮށްފައިވެއެވެ. 

އިތުރަށް އެ ރިޕޯޓުން ފާހަގަވި ގޮތުގައި މާލެ ސަރަހައްދުގައި އެންމެ ބޮޑަށް އުފުލުނީ ކާބޯތަކެތީގެ އަގެވެ. އެގޮތުން ކާބޯތަކެތީގެ އަގު 1.29 އިންސައްތައިން އިތުރުވިކަމަށް އެ ރިޕޯޓުގައި ފާހަގަކުރިއެވެ. ފަރުމަހުގެ އަގު 14.29 އިންސައްތައިން އުފުލުނުއިރު، ގަނޑުކުރި ކުކުޅުގެ އަގު 4.5 އިންސައްތއިން އުފުލުނެވެ. ތަރުކާރީއާއި މޭވާގެ އެކި ބާވަތްތަކުގެ އަގުވެސް މާލެ ސަރަހައްދުގައި އުފުލުނެވެ. 

މާލެއާ ހިލާފަށް އަތޮޅު ތެރޭގައި އެންމެ ބޮޑަށް އަގު އުފުލުނީ ސިއްހީ ހިދުމަތްތަކާއި ސިއްހަތާ ގުޅުންހުރި މުދަލުގެ އަގުތަކެވެ. އެގޮތުން ސިއްހީ ހިދުމަތުގެ އަގު 0.48 އިންސައްތައިން އުފުލިފައިވާކަމަށް އެ ރިޕޯޓުގައި ދައްކައެވެ. 

އިންފުލޭޝަން މަޑުމަޑުން ދަށަށް ފާއިތުވި އަހަރު އިންފުލޭޝަން ރެކޯޑު މިންވަރަކަށް އުފުލުމަށްފަހު މިހާރު ދަށްވާން ފަށާފައިވާ މައިގަނޑު ސަބަބަކީ، ބޭރު ފައިސާގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކެވެ. ސަރުކާރުގެ ސިޔާސަތަށް ގެންނަ ބަދަލުތަކާއެކު މަޑުމަޑުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު އަންނަނީ ދަށްވަމުންނެވެ. ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރެވި ބާޒާރަށް ބޭރު ފައިސާ ނެރޭ މިންވަރު އިތުރުވެ، ބޭރު ފައިސާގެ އަގު މިހާރަށްވުރެ ދަށްވާނަމަ އިންފުލޭޝަން އިތުރަށް ދަށްވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.