ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ގޮނޑި އަބްދުއްރަހީމް ކާމިޔާބު ކުރައްވާފައި ވަނީ ބޮޑު ތަފާތަކުންނެވެ. އެމަނިކުފާނު ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް ވެސް ބަލިކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މާދަމާ، އެ މަނިކުފާނުގެ އުފަން ރަށް، ލ. ފޮނަދޫއަށް ވަޑައިގަންނަވާނެ އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ވަޑައިގަތުމަށް ފަހު އުފަން ރަށަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅެވެ. މާދަމާ އެ މަނިކުފާނު ފައްޓަވާ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ނޫނެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ގޮނޑި، އެ މަނިކުފާނު ކާމިޔާބު ކުރައްވާފައި ވަނީ ވަރަށް ބޮޑު ތަފާތަކުންނެވެ. އެމަނިކުފާނު އެ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުން ވެސް ބަލި ކުރައްވާފަ އެވެ.
ފޮނަދޫ ދާއިރާގެ ގިނަ ބައެއްގެ ތާއީދާއެކު ގޮނޑި ކާމިޔާބު ކުރައްވައި އޭގެ ފަހުން މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވި އިރު މުޅި ލ. އަތޮޅުގެ ހުރިހާ ރަށެއްގައި ވަރަށް ބޮޑު ތާއީދާއި ރައްޔިތުންގެ ލޯބި އެ މަނިކުފާނަށް އޮވެއެވެ.
މާދަމާ މަޖިލިސް ރައީސް ފޮނަދޫއަށް ވަޑައިގަންނަވާއިރު އެމަނިކުފާނުގެ އުފަން ރަށާއި ދާއިރާ އަދި މުޅި ލާމުން ވެސް އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވަން އެ އަތޮޅުން މަސައްކަތް ކުރެ އެވެ.
މަޖިލީހަށް ހޮވިވަޑައިގަތުމުގެ ކުރިން އަބްދުއްރަހީމް ހުންނެވީ ސީނިއާ މިނިސްޓަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމުގަ އެވެ.
މީގެ ކުރިން އެމަނިކުފާނު ވަނީ 17 ވަނަ މަޖިލީހާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ފޮނަދޫ ދާއިރާ މެންބަރުކަން ކުރައްވާފަ އެވެ.