މަރަން ހުކުމް ކުރިތާ ފަސް އަހަރު؛ އިސްތިއުނާފް އަދިވެސް ނުފެށޭ

މުހީތު މަރާލި މައްސަލައިގައި އޭރު 18 އަހަރު ނުފުރޭ ދެ ކުއްޖެއްގެ މައްޗަށް ވެސް ދައުވާ ކުރި އެވެ. އެ ކުދިންގެ މައްޗަށް 2013 ވަނަ އަހަރު ޖުވެނައިލް ކޯޓުން ވަނީ މަރުގެ ހުކުމް އިއްވާފަ އެވެ.

އަބްދުލް މުހީތުގެ ގާތިލުން، މުހުޖަތު (ކ) އަދި މައިމޫން (ވ) --

މީގެ 12 އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަބްދުލް މުހީތު (ބޮބީ) މަރާލި މައްސަލަ ސާބިތުވެ، މަރަން ހުކުމް ކޮށްފައިވާ ދެ މީހުންގެ އިސްތިއުނާފް މައްސަލަ ހައިކޯޓުގައި ފެށޭ ގޮތް ނުވެ މިއަދު ވެސް އަޑުއެހުން ނިންމާލައިފި އެވެ.

ފެބްރުއަރީ، 2012 ގައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅިގަނޑުގެ ތެރޭގައި މުހީތަށް ގްރޫޕަކުން  ހަމަލާދީ މަރާލި މައްސަލަ ސާބިތުވެ މަރަން ހުކުމް ކޮށްފައި ވަނީ ޅ. ނައިފަރު ޒައިތޫނިގެ، މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަގީގެ، މުހުޖަތު އަހުމަދު ނާސިހުގެ މައްޗަށެވެ. މި ދެ މީހުން މަރަން ހުކުމް ކުރީ މޭ 20، 2019 ގައެވެ.

މި މައްސަލަ ދެ މީހުންގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. މި މައްސަލައިގެ އިސްތިއުނާފް ފެށުމަށް މިއަދު އަޑުއެހުމެއް ބާއްވާފައިވާއިރު މީގެ ކުރިން ވެސް މައްސަލަ ފަށަން އަޑުއެހުން ތާވަލުކޮށްފައިވެ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ފެށޭ ގޮތެއް ނުވެ އެވެ.

މިއަދުގެ އަޑުއެހުމަށް ދެ މީހުން ވެސް ހާޒިރުވެފައި ވަނީ އާ ވަކީލުންނާ އެކު އެވެ. ދެ މީހުންގެ ދިފާއީ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ މި މައްސަލައިގައި އިސްތިއުނާފު ހުށަހަޅާފައި ވަނީ އޭނާގެ މުވައްކިލުންނާ މަޝްވަރާ ކުރުމެއް ނެތި އަދި ވަރަށް ހަނި ދާއިރާއެއްގައި ކަމަށެވެ. އެހެންކަމުން އިސްތިއުނާފް ފޯމު އިސްލާހު ކުރުމުގެ ފުރުސަތަކަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

އެ ހުށަހެޅުމަށް ދައުލަތުގެ ފަރާތުން އިންކާރު ނުކުރި ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން، ދިފާއުން އިސްލާހު ކުރަން އެދޭ ވަކި ކަމެއް ދިފާއީ ވަކީލު ހުށަހަޅުއްވާފައި ނުވާތީއާއި، ވަކީލު ބަދަލުވާ ކޮންމެ ފަހަރަކު އިސްލާހު ހުށަހެޅުން އެއީ އޮންނަ ކަމެއް ނޫން ކަމަށް ދޭހަވާ މޭރުމަކުން ފަނޑިޔާރުން ވާހަކަ ދެއްކެވި އެވެ.

ވަކީލު ހަމްޒާ އެދިވަޑައިގަތް ގޮތަށް އިސްތިއުނާފް ފޯމު އިސްލާހު ކުރުމުގެ ފުރުސަތު ބެންޗުން ނުދެއްވަ އެވެ. މިއަދުގެ އަޑުއެހުމަށް އިސްތިއުނާފީ ނުކުތާތައް ހުށަހެޅުއްވުމަށް ތައްޔާރު ނުވެ ވަޑައިގަތުމުން ފަނޑިޔާރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަޑުއެހުން ނިންމަވާލެއްވީ ދެން އޮންނަ އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތައް ހުށަހަޅަން ވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތަކަށް އިސްލާހެއް ގެންނަން ބޭނުންވާނަމަ އެ ފުރުސަތު އޮންނާނެ ކަމަށާއި އެކަމަށް ފަނޑިޔާރުން ގޮތެއް ނިންމަވާނެ ކަމަށް ވެސް ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ވިދާޅުވި އެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގައި ފަނޑިޔާރު މާނިއުގެ އިތުރުން ދެން ތިއްބަވަނީ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. 

މުހީތު މަރާލި މައްސަލައިގައި އޭރު 18 އަހަރު ނުފުރޭ ދެ ކުއްޖެއްގެ މައްޗަށް ވެސް ދައުވާ ކުރި އެވެ. އެ ކުދިންގެ މައްޗަށް 2013 ވަނަ އަހަރު ޖުވެނައިލް ކޯޓުން ވަނީ މަރުގެ ހުކުމް އިއްވާފަ އެވެ. އެ ހުކުމް ހައި ކޯޓުން ދަމަހައްޓާފައި ވާއިރު، އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.