ތޮއްޑޫ ދަނޑުތަކަށް ދިގު މުއްދަތު | ތޮއްޑުއަތޮޅުގެ އިކޮނޮމީ ފުރޮޅާލާ ބަދަލު

މިހާރު ދަނޑުބިން ދެނީ ފަސް އަހަރެވެ. އެހެންވެ އެތަންތަނުގައި ރައްކާތެރި ދަނޑުވެރިކަމަށް އިންވެސްޓް ކުރާނެ ވަގުތެއް ނޯވެ އެވެ. އެކަމަކު ދިގު މުއްދަތަށް ދޫކުރުމުން އާ އިންވެސްޓްމަންޓްތައް ކިބޭނެ އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރާ އއ. ތޮއްޑޫ

ދަނޑުވެރި އަދި ފަތުރުވެރި، ތޮއްޑޫގައި ބޮޑު ނުތަނަވަސް ކަމެއް އުފެދިގެން އުޅޭތާ ދެ ދުވަހެއްވަރު ވެއްޖެ އެވެ؛ ސަބަބަކީ ދަނޑުވެރި އެ އިކޮނޮމީން ދަނޑުވެރިކަމަށް ބިން ދޫކުރަމުން ދިޔަ މުއްދަތު ބަދަލު ކުރަން ކައުންސިލުގެ ޒަމާނީ ވިސްނުމަކުން ހިފައި ގަތުމެވެ. 

މިހާތަނަށް ކުރިންސުރެ ދަނޑުވެރިކަމަށް އެ ރަށުން ބިން ދޫކުރަނީ ފަސް އަހަރަށެވެ. އޭގެ ބަދަލުގައި ކައުންސިލުން 15 އަހަރަށް ދަންމާލީ އެވެ. އެކަމަކު މި ބަދަލު އޮތީ އެ ރަށުގެ މަދު ނަމަވެސް ބައެއްގެ ހިތް ނުތަނަވަސްވީ ކަމެއްގެ ގޮތު އެވެ. އެ މީހުންގެ ހިތަށް ވަސްވާސް ވަތން ކަމެއްގެ ގޮތު އެވެ. 

ތޮއްޑޫގައި އަލަށް ހެދި ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ރައްޔިތުންގެ ހިޔާލާއި ރުހުމާއެކު ފާސް ކޮށްގެން ދަނޑު ބިން ދިގު މުއްދަތަށް ދޫކުރަން ފެށުމާއެކު ހިތްހަމަ ނުޖެހޭ މީހުންގެ ޝަކުވާއަކަށްވީ ބިން ތަކެއް ދިގު މުއްދަށް "ގެއްލެނީ" އެވެ. ނުވަތަ ދޫވެގެން ދަނީ އެވެ. އެ މީހުން ބޭނުން ވަނީ މިހާރު ވެސް އޮތް ގޮތަށް ދަނޑުވެރިކަމަށް ފަސް އަހަރަށް ކުރު މުއްދަތަށް ބިން ދޭށެވެ. 

މިކަމާ ގުޅިގެން "ތޮއްޑު އަތޮޅު" ގައި ހޫނެއް އުފެދިފައިވާއިރު މި ބަދަލާއެކު އެ ރަށަށް އަންނާނެ ހެޔޮ ބަދަލު ވިސްނެނީ މަދު ބަޔަކަށެވެ. ތޮއްޑޫން ދަނޑު ބިން ދޫކުރާ މުއްދަތު 15 އަހަރަށް ދަމާލުމަކީ ހަގީގަތުގައި ދިވެހި ރާއްޖޭގެ އާއްމު ސިއްހަތާ ވެސް ގުޅުންހުރި ކަމެވެ. ދިވެހި ގިނަ އާއިލާތަކެއްގެ ކާނާގެ ޔަގީންކަމާ ވެސް ގުޅުވޭނެ ވަރަށް މުހިންމު ޑޮޓެކެވެ. ދިވެހި އާއިލާތަކާ ތޮއްޑޫން ގެންނަ މި ބަދަލާ ގުޅޭ ހިސާބެއް ވެސް އޮންނާނެ އެވެ. މީގެ ސަބަބުން ތޮއްޑޫގެ އިކޮނޮމީއަށް އަންނާނެ މޮޅެއް ވެސް އޮންނާނެ އެވެ. އަދި އެގޮތަކީ ކޮބައި ހެއްޔެވެ؟  

މި މައްސަލާގައި ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ދެއްކެވީ ވަރަށް ސިމްޕަލް ސުވާލެއް އަދި މިސާލެކެވެ:

 "އެނގިލައްވާތޯ މާލެ މާރުކޭޓަށް ގެންދާ ތަކެތީގެ 80 ޕަސެންޓް ހިއްސާ ކުރަނީ މި ރަށްކަން. އެހެންވީމަ މިއީ މުޅި ރާއްޖެއާ ގުޅުންހުރި ކަމަކަށް ނުވޭ ތޯ؟" 

ހަގީގަތަކީ ރާއްޖޭގެ ދަނޑުވެރިކަމުން ނެރޭ ތަކެއްޗާމެދު ރައްޔިތުންގެ މެދުގައި ޝައްކާ ވަހުމް އޮތީ އިންތިހާއަށެވެ. އެ މަސައްކަތުގެ މުގޫ ހިފައިގެން ތިބި ބިދޭސީން ދަނޑުވެރި ތަކެއްޗަށް ބޭސް ޖަހަނީ އިންތިހާއަށެވެ. އެކަން ބެލޭނެ ގޮތެއް ނެތެވެ. މިކަން ހުއްޓު ވޭނެ އެއް ގޮތަކީ ރަނގަޅު ސައިޒުގެ އިންވެސްޓްމަންޓްތަކެއް ގެނެސް ރައްކާތެރި ދަނޑުވެރިކަމަށް ފޮރޮޅައި ލެވޭނެ ހަނި ނަމަވެސް މަގެއް ހޯދުމެވެ. ތޮއްޑޫން ދަނޑު ބިން ދިނުން ދިގު މުއްދަތަށް ދޫކުރުމާއި އާއްމު ސިއްހަތުގެ ޗެއިނާ ގުޅޭ އެއް ބޮޅަކީ އެއީ އެވެ. 

ހަގީގަތަކީ ރާއްޖޭގައި ދަނޑުވެރިކަމެއް ނުކުރެވެ އެވެ؛ އަންހެނުންފުށީގައި ތޮއްޑޫ ގަމީރާ ދަނޑުވެރިކަން ކުރި ޒަމާނުގައި ކުރި ގޮތަށް މިހާރު މިކަން ކުރާނެ ދިވެހިންނެއް ނެތެވެ. 

ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަން (އެފްއޭއޯ) ގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ދަނޑުވެރިކަމުގައި ޖީޑީޕީގެ ހިއްސާއަކީ އެންމެ ހަތަރު ޕަސެންޓެވެ. މި މަސައްކަތް ހިއްސާ ކުރަނީ ރާއްޖޭގެ ކުޑަ ޕަސެންޓެވެ، ނަމަވެސް އަހަރުން އަހަރަށް މަޑު ދުވެލީގައި ނަމަވެސް މި މަސައްކަތް ކުރިއެރުން ލިބެ އެވެ. 

އެގްރިވިޔަފާރި ކުރިއަށް ދުއްވައި ނުގަނެވިގެން އުޅެނީ މަސައްކަތް ކުރަން ވަގުތު ނުދީގެނެވެ. ރާއްޖޭގެ ދަނޑުވެރި ހުރިހާ ރަަށެއްގައި ވެސް މި މަސައްކަތް ކުރަނީ ކުރު މުއްދަތުގެ މަސައްކަތެއްގެ ގޮތުގަ އެވެ. އާއްމުކޮށް ބިމެއް ކުއްޔަށް ދޫކުރަނީ ދެ އަހަރާއި އަހަރުގެ މުއްދަތަކަށެވެ. އާއްމު ވިސްނުމަކީ ދަނޑުވެރިކަމަށް ހަމައެކަނި އޮންނަ މޫސުމަކީ ރޯދަ މަހެވެ. ދަނޑުވެރިން ކަރާ ވެޔޮ، ރުވަނީ ވެސް އެ ދުވަސްވަރަށެވެ. 

ވަށައިގެން ޓޫރިޒަމް ބިޔަ އިންވެސްޓްމަންޓްތަކެއް އޮތް ނަމަވެސް އެ ތަންތަނަށް ސަޕްލައި ކުރަން އޮތް ހުރަހަކީ ޑިމާންޑާ ގާތްކުރާ މިންވަރަށް ވެސް ސަޕްލައި ނެތުމެވެ. ނަތީޖާއަކީ ކުރު މުއްދަތުން ކާނާ ލިބޭ ގޮތަށް މި ތަންތަން ބިދޭސީންގެ އަތްމަތީގައި އޮތުމެވެ. އެމީހުން މި ތަންތަން "އޯން" ކުރުމެވެ. ރަނގަޅު އިންވެސްޓްމަންޓްތަކާއެކު ރައްކާތެރި ދަނޑުވެރިކަމެއް ކުރަން އަންނާނެ އިންވެސްޓްމަންޓް ތަކަށް ފަސް އަހަރަކީ ހުވަނދަކަށް ވެސް ނުވެ އެވެ. ތޮއްޑޫން ދިގު މުއްތަށް ބިން ދޫކުރަން އުޅޭ ސަބަބަކީ މި ހުރިހާ ކަމެއް ބަދަލު ކޮށްލުމެވެ. 

ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް: ތޮއްޑޫ ތަރައްގީ ކުރަން ފުޅާ ވިސްނުމުހެ ތަސައްވުރެއް ގެންގުޅުއްވާ -- މިރާ

ބަދަލުކޮށްލަން އިތުރު ވަގުތު ބޭނުންވޭ

އަނެއް ސަބަބަކީ ދަނޑުވެރިކަން ކުރާ ވައްޓަފާޅި ބަދަލުކޮށްލުމެވެ؛ ދުނިޔެ މިހާރު ވެލިގަނޑުގައި ގަސް ހެއްދުމާ ދަނީ ދުރުވަމުންނެވެ. އެއަށްވުރެ ރައްކާތެރިކޮށް އަދި ކެމިކަލް މަދުން ބޭނުން ކޮށްގެން ދަނޑުވެރިކަން ކުރެވޭނެ އެހެން ޓެކްނޮލޮޖީ މިހާރު ވަނީ ބިންމައްޗަށް ތިލަވެފަ އެވެ. ގްރީން ހައުސް ހަދައިގެން ހައިޑްރޯފޯނިކްސް ނުތަތަ ދިވެހިން ކިޔާ ގޮތުންނަމަ ފެނުގައި ދަނޑު ހެއްދުމަކީ ވެސް ރައްކާތެރި ގޮތުގައި މި މަސައްކަތް ކުރާ އެއް ގޮތެވެ. 

އަދި ދަނޑުވެރިކަމުގެ ތެރޭގައި ހިމެނޭ ކުކުޅު ގެންގުޅުން ފަދަ ޕޯލްޓްރީ ފާމް ފަދަ އިންވެސްޓްމަންޓުތަކީ ވެސް ކަރާ ހެއްދުމަށް ވުރެ ހާސްބައި ފައިދާހުރި މަސައްކަތެވެ. މީގެ ބަދަލުގައި މިހާރުގެ ގޮތަށް ކުރި އަށް ގޮސްފިނަމަ ތޮއްޑޫގައި މިހާރު ދަނޑުވެރިކަމަށް ބިން ދޭ ގޮތުން އެފަދަ މަސައްކަތްތަކަށް އިންވެސްޓް ކުރާނެ ބަޔަކު ނުވާނެ އެވެ. 

ދިގު މުއްދަތުގެ އިންވެސްޓްމަންޓެއް ނުކުރެވުމުގެ ނަތީޖާއަކީ އާހިރުގައި ބިންތަށް ބިދޭސީން ކުރު މުއްދަތަށް ނަގައިގެން އެ މީހުން ހިތުހުރި ގޮތަކަށް ކެމިކަލް ޖަހައިގެން ތަކެތި ހައްދަމުން ދޫވުމެވެ. އެކަން ބަލާލާނެ ދިވެހި ވެރިޔަކު ނެތް ހިސާބަށް ދިއުމެވެ. މިއީ ސިއްހީ ގޮތުން ބަލާނަމަ މުޅި ރާއްޖޭގެ އާއްމު ސިއްހަތަަށް އޮތް ބޮޑު ނުރައްކަލެވެ. މިކަން ހުއްޓުވަން މިހާރު ބޭނުންކުރާ އުކުޅު ބަދަލުކޮށް މި ވިސްނުމާ ދުރުވެ ދަނޑުބިން ދޭ އުސޫލު ބަދަލު ކުރަން ޖެހެ އެވެ. 

އާ ޕްރޮޖެކްޓުން ދަނޑުތަކަށް ފެނާއި ކަރަންޓް

ތޮއްޑޫ ކައުންސިލްގެ ރައީސް ކަރަމް ވިދާޅުވި ގޮތުގައި ދިގު މުއްދަތަށް ދަނޑު ބިން ދޫކުމުގެ މަގުސަދަކީ ދަނޑުވެރިކަމަށް އިތުރު އިންވެސްޓްމަންޓްތައް ގެނެސް މުޅި ސިނާއަތް ބަދަލު ކޮށްލުމެވެ. 

"މި ޕްރޮޖެކްޓުން އަޅުގަނޑުމެން ހަމައެކަނި ދަނޑުބިން ދިގު މުއްދަތަށް ދޫ ކުރަނީއެއް ނޫން. ދަނޑުތައް 15 އަހަރަށް ދޫކޮށް އެތަނަށް ފެނާއި ކަރަންޓު ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާނެ. ފެން ޕްލާންޓެއް ބަހައްޓާނެ. މިއީ އޭޑީބީގެ ޕްރޮޖެކްޓެއް. މި ހުރިހާ ކަމެއް އޮތީ ފައިނަލްވެފަ. ހަމަ އިއުލާނުކޮށްލާ ސްޓޭޖުގަ. އެހެން އޮއްވައި ރަށުގަ މިފަދަ ފިތުނައެއް މަދު ބަޔަކު އުފެދުމަކީ ވަރަށް ހިތާމަހުރި ކަމެއް،" ކަރަމް ވިދާޅުވި އެވެ. 

ތޮއްޑޫގައި ދަނޑުވެރިކަން ކުރާ ބިމެއް: ދަނޑުބިންތައް ދޭ މުއްދަތު ވަނީ ދިގުކޮށްފައި -- އަބީދް

ފަސް އަހަރުން ލޯނެއް ދޭނެ ބަޔަކު ނުވާނެ

ދަނޑުވެރިކަން ވިޔަފާރީގެ މޮޑެލްއަކަށް ކުރަން ބޭނުންނަމަ ވިސްނުން ބަދަލު ކުރަން ޖެހޭ ވަގުތަކީމި އެވެ. މި މަސައްކަތަކީ ރާއްޖޭގެ ބޭންކް ތަކުން ފައިނޭންސް ލިބޭނެ ކަމެކެވެ. އަދި ދިވެހ ދަނޑުވެރި، ވެރިންތަކެއް ނުކުންނާނެ މަސައްކަތެކެވެ. އެކަމަކު މިކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބިން ދޭ މުއްދަތު ކުރުވުމެވެ. ލޯނެއް ނުވަތަ އިސްލާމިކް ފައިނޭންސް ފެސިލިޓީއެއް ވެސް ފަސް އަހަރަކަށް ނުލިބޭނެ އެވެ. އެންމެ ކުޑަ މިނުން ވެސް ލޯނެއްގެ މުއްދަތަކީ 10 އަހަރާއި 15 އަހަރު ނުވަތަ 20 އަހަރެވެ. 

މިހާރު ތޮއްޑޫ ކައުންސިލްގެ ވިސްނުމާ އެގޮތަށް ބިން ދޫކޮށް ފިނަމަ ތޮއްޑޫގައި ދެ އަހަރުތެރޭ ދަނޑުވެރިކަމުގެ އާ ސިނާއަތެއް އުފެދިގެން ދާނެ އެވެ. މިހާރު ހުރި ދަނޑުތައް ވެސް އެ އުސޫލަން ބަދަލުވާން ފަށާނެ އެވެ. މިއީ ދުނިޔެ ދައްކާ ހަގީގަތެވެ. މި ސަރަހައްދުގައި ދަނޑުވެރި ކަމަށް މަޝްހޫރު އިންޑިއާއަށް ބަލާނަމަ ދަނޑު ބިމެއް ދޫކުރާ އެންމެ ކުރު މުއްދަތަކީ 20 އަހަރެވެ. ސަބަބަކީ އެ މަސައްކަތުގެ ބުރަ ކަމާއެކު ބޭންކްތަކުން އެކަމަށް ކުރަން ޖެހޭ ހަރަދު ނިސްބަތުން މަތިވުމެވެ. އެކަން ކަވަރު ކުރާނެ ވަގުތު ހޯދުމެވެ. 

މި ހުރިހާ ވިސްނުމެއް އެކުވެގެން ދާއިރު ތޮއްޑޫ ބޮޑު ދަނޑުވެރި އިކޮނޮމީއެއް އޮތް ރަށަކަށް މިއަށްވުރެ ފަހި ފުރުސަތެއް ނުލިބޭނެ އެވެ. މިއީ ދަނޑު ބިންތައް ދިގު މުއްދަތަށް ދަންމާލައިގެން ދަނޑުވެރިކަން އެހެން ހަރުފަތަކަށް ގެންނަންވީ ވަގުތުވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.