މިލިއަނަކަށްވުރެ ގިނަ އުއިގޫރުންނާއި އެހެނިހެން މުސްލިމުން ޖަލުތަކާއި ޑިޓެންޝަން ކޭމްޕްތަކަށް ފޮނުވި ކަމުގެ ތުހުމަތު ޗައިނާއަށް އޮވެ އެވެ.
ޗައިނާގެ މައިނޯރިޓީ މުސްލިމް އުއިގޫރުންގެ ސަގާފީ ހައްގުތައް ހިމާޔަތް ކުރަން ތުރުކީން ޗައިނާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފި އެވެ.
ޗައިނާގެ ހުޅަނގުގެ ޝިންޖިއާން ޕްރޮވިންސްގެ މައިނޯރިޓީ މުސްލިމް އުއިގޫރު ދަރިކޮޅުގެ މީހުންގެ ސަގާފީ ހައްގުތައް ހިމާޔަތްކޮށް، އެ މީހުންގެ އަސާސީ ހައްގުތައް ކަށަވަރު ކޮށްދީ ދިރިއުޅޭން ފުރުސަތު ދިނުމަށް ތުރުކީގެ ޚާރިޖީ ވަޒީރު ޗައިނާގެ ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށް ތުރުކީގެ އޮފިޝަލަކު ބުދަ ދުވަހު ވިއެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާން ޗައިނާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ އާއި ނައިބު ރައީސް ހާން ޒެންގް އާއި އެހެނިހެން އޮފިޝަލުންނާ ބައްދަލު ކުރައްވާފައި ވެއެވެ. އަދި ޝިންޖިއާން ޕްރޮވިންސްގެ އުރުމްކީ އާއި ކަޝްގަރު ސިޓީއަށް ވެސް ދަތުރު ކުރެއްވި އިރު، މިއީ 2012 ވަނަ އަހަރު ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެ ސަރަހައްދަށް ވަޑައިގެންނެވި ފަހުން އެ ސަރަހައްދަށް ވަޑައިގެންނެވި ތުރުކީގެ ފުރަތަމަ އިސް އޮފިޝަލެވެ.
ތުރުކީއަކީ އުއިގޫރުންނާ ސަގާފީ އަދި ނަސްލީ ގުޅުމެއް އޮންނަ ބައެއް ކަމަށާއި ޗައިނާއިން އެ ސަރަހައްދުގައި އިންސާނީ ހައްގުތަކަށް އަރައިގަތުމުން ވަޒަން ދޫކޮށް ދާން ޖެހުނު ގިނަ މުސްލިމުންނަށް ތުރުކީން ވަނީ ހިމާޔަތް ދީފަ އެވެ.
މިލިއަނަކަށްވުރެ ގިނަ އުއިގޫރުންނާއި އެހެނިހެން މުސްލިމުން ޖަލުތަކާއި ޑިޓެންޝަން ކޭމްޕްތަކަށް ފޮނުވި ކަމުގެ ތުހުމަތު ޗައިނާގެ މައްޗަށް ކުރެއެވެ. ބެއިޖިންއިން ވަނީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ދޮގުކޮށް، އެ ސެންޓަރުތަކަކީ ވޮކޭޝަނަލް ޓްރެއިނިންއަށް ހާއްސަ މަރުކަޒުތަކެއް ކަމަށް ބުނެފަ އެވެ.
އުއިގޫރު ދަރިކޮޅުގެ މީހުންނާ މެދު ޗައިނާއިން އަމަލުކުރާ ގޮތާ މެދު ކުރިން ވަރަށް ބޮޑަށް ފާޑު ކިޔަމުން ދިޔަ ތުރުކީ ސަރުކާރުން ވަނީ ބެއިޖިންއާއެކު އިގްތިސޯދީ ގުޅުން ބަދަހިވަމުން އަންނާތީ ފާޑުކިޔުންތައް މަދުކޮށްފަ އެވެ.
ތުރުކީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ޗައިނާގެ އިސްތިގްލާލާއި ސަރަހައްދީ އެއްބައިވަންތަ ކަމަށް ތުރުކީ އިހުތިރާމް ކުރައްވާ ކަމަށް ފިދާން އޭނާގެ ބައްދަލުވުންތަކުގައި ޗައިނާގެ އޮފިޝަލުންނަށް ވިދާޅުވި ކަމަށެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ އުއިގޫރުންގެ ސަގާފީ ހައްގުތައް ހިމާޔަތް ކުރުމަށް ތުރުކީ ރައްޔިތުންނާއި އިސްލާމީ ދުނިޔެއިން ބޭނުންވާ ކަމަށެވެ.
ޗައިނާއަކީ ތުރުކީގެ ތިންވަނައަށް އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ އެވެ. އޮފިޝަލް ވިދާޅުވީ ތުރުކީގެ ދަނޑުވެރިކަމުގެ މުދާ އިތުރަށް އެތެރެކޮށް، އިންވެސްޓްމަންޓްތައް އިތުރުކޮށް، ޗައިނާގެ ގިނަ ޓޫރިސްޓުން ތުރުކީއަށް ޒިޔާރަތް ކުރުމަށް ހިތްވަރު ދީގެން ޗައިނާއަށް ތާއީދުކުރާ ވިޔަފާރީގެ އިމްބެލެންސް ކުޑަ ކުރުމަށް އަންކާރާއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.