ތިން ވަޒީރުންނަށް ރުހުން ދޭން ކޮމެޓީން ފާސްކޮށްފި

ހަތް މެންބަރުންގެ އަޣުލަބިއްޔަތުން ނިންމީ ތިން ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށެވެ. ތިން ވަޒީރުންނަށް ވެސް ރުހުން ދޭން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓް ދިނެވެ. ކޮމެޓީއަށް ހާޒިރުވެ ވޯޓްގައި ބައިވެރިވީ އަށް މެންބަރުންނެވެ.

މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން

އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުގެ ކަމާގުޅޭ ކޮމެޓީން ދެންމެ ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ވަޒީރުންގެ މަޖިލިސް އެކުލަވައިލެއްވުމަށް ފަހު މަގާމުތަކަށް އައްޔަންކުރެއްވި ވަޒީރުންގެ ތެރެއިން ތިން ބޭފުޅަކަށް އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކުރީގެ މަޖިލީހުން ރުހުން ނުދިނެވެ. އެއީ ބަންޑާރަނައިބު އަހްމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

އެ ތިން ބޭފުޅުންގެ ތެރެއިން ހައިދަރަށް ރުހުން ނުދިން ސަބަބެއް ކަމަށް އެމްޑީޕީން ބުނީ މާލެ މީހުންނަށް އެމްޑީޕީ ވެރިކަމުގައި ދިން ގޯއްޗާއި ފުލެޓު ހަވާލުނުކުރައްވަން އުޅުއްވާ ކަމަށް އެ ޕާޓީން ކުރާ ތުހުމަތެވެ. ޝަހީމަށާއި އުޝާމަށް ރުހުން ނުދޭން ނިންމި ސަބަބެއް ރަސްމީކޮށް އެ ޕާޓީން ހާމައެއް ނުކުރެއެވެ. 

މަޖިލީހުން އެ ތިން ބޭފުޅުންނަށް ރުހުން ނުދިނުމުން މަގާމުން އެ ބޭފުޅުން ވަކިވެވަޑައިގަތުމާއެކު އަލުން އެ ތިން ބޭފުޅުން ވަޒީރުކަމަށް އައްޔަނު ކުރައްވަން ރައީސް ނިންމެވިއެވެ. އަދި އެ ބޭފުޅުން އައްޔަނު ކުރެއްވުމަށް ފަހު ގާނޫނުގައި ބަޔާންކުރާ މުހުލަތުގައި އެ ބޭފުޅުންގެ ނަންފުޅުތައް މަޖިލީހަށް ފޮނުއްވިއެވެ. 

އަލަށް އިންތިހާބުވި ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާގައި އެ ތިން ވަޒީރުންގެ ނަންފުޅު ރުހުން ހޯދަން ހުށަހެޅުއްވުމަށް ރައީސް ފޮނުއްވި ސިޓީ މަޖިލީހަށް އިއްވާފައިވެއެވެ. އަދި އެ ސިޓީ އިއްވުމަށްފަހު މަޖިލީހުގެ ރައީސް ވަނީ އެ ބޭފުޅުންގެ ނަންފުޅުތައް ކޮމިޓީއަށް ފޮނުއްވިކަން އިއުލާނު ކުރައްވާފައެވެ. 

އެ ހުށައެޅުމާމެދު ގޮތް ނިންމުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ މިރޭ ވަނީ އެއްވެފަ އެވެ. އެ ބައްދަލްވުމުގައި ހަތް މެންބަރުންގެ އަޣުލަބިއްޔަތުން ނިންމީ ތިން ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށެވެ. ތިން ވަޒީރުންނަށް ވެސް ރުހުން ދޭން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓް ދިނެވެ. ކޮމެޓީއަށް ހާޒިރުވެ ވޯޓްގައި ބައިވެރިވީ އަށް މެންބަރުންނެވެ.

އެހެން ކަމުން ދެން އޮންނާނީ ތަޅުމުން އެ މައްސަލަ ނިންމުމެވެ. ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ސުޕަ-މެޖޯރިޓީ އޮތީ ވެރިކަންކުރާ ކޮންގުރެސް ޕާޓީއަށެވެ. އެ ޕާޓީގެ 75 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު ސަރުކާރަށް ތާއީދުކުރައްވާ އިތުރު މެންބަރުންނާއެކު ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓު ދެއްވާނެ 78 މެންބަރުން މަޖިލީހުގައި ތިއްބަވާނެއެވެ. އެހެން ކަމުން ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން މި ވަޒީރުންނަށް ރުހުން ދޭން ފާސް ކުރާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.