އީޕީއޭ އިން ބުނީ، ދިޔަނެރު ފަރަށް ޓަގެއް އެރި ހާދިސާގައި 804 އަކަމީޓަރު ސަރަހައްދަކަށް ގެއްލުން ލިބުނު ކަމަށެވެ.
ދިޔަނެރު ފަރަށް އެރި ޓަގު ބޯޓުގެ ވެރިފަރާތް، ވިހި މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން އެންވަޔަރަމެންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އަންގައިފި އެވެ.
މިދިޔަ ސެޕްޓެމްބަރު 23 ގައި ދިޔަނެރު ފަރަށް އަރާފައި ވަނީ "އޭއެމް އެޑްވޭ (އައި އެމް އޯ: 9563081)" ނަމަކަށް ކިޔާ ޓަގަކާއި، އެރޮން ނަމަކަށް ކިޔާ ބާޖެކެވެ.
މި ހާދިސާގައި ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް ކުރި ސާވޭއިން ޓަގު އެރި ސަރަހައްދުގެ ތެރެއިން 804 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާކަން އެނގުނު ކަމަށް އީޕީއޭއިން ބުނެ އެވެ. އީޕީއޭ އިން ބުނީ އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބި ހަލާކުވެފައިވާކަމަށެވެ.
ބާޖު ފަރަށް އަރައިގެން އެއްވެސް ގެއްލުމެއް ލިބިފައި ނެތް ކަމަށް އީޕީއޭ އިން ބުނެ އެވެ.
އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކާ ގުޅިގެން، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން 20,246,600 (ވިހި މިލިއަން ދެލައްކަ ސާޅީސް ހަހާސް ހަސަތޭކަ) ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި މި ފައިސާ ދައްކައި ހަލާސްކުރުމަށް ދީފައި ވަނީ 30 ދުވަހުގެ މުއްދަތެކެވެ.
ދިޔަނެރު ފަރަށް އެރި ޓަގަކީ ޕާލޫ ގައި ރަޖިސްޓްރީކޮށްފައި އޮތް އުޅަނދެކެވެ. އީޕީއޭއިން ބުނީ އެ ޓަގު ބޭނުންކުރަމުން އަންނަނީ އިންޑިއާގެ ކުންފުންޏަކުން ކަމަށެވެ. މިވަގުތު ވެސް އެ ޓަގު އޮތީ އިންޑިއާގަ އެވެ.