ހިތް ހުއްޓުން ދުރާލައި ދެނެގަތުމަށް އޭއައި ޓެކްނޮލޮޖީއެއް

ސައިންސްވެރިން ލަފާދޭ ގޮތުގައި މި ޕްލެޓްފޯމް ސިއްހީ ހިދުމަތަށް "އާލީ ވޯނިން ސިސްޓަމެއް" ގެ ގޮތުގައި ބޭނުން ކުރެވިދާނެ އެވެ. އޭގެ ސަބަބުން ބަލި މީހުން ކުރިން ޓެސްޓުކޮށް ބަލީގެ ހާލަތު ދެނެގަނެވޭ އެވެ.

ހިތުގެ ހިނގުން ފެއިލް ވުމުގެ ނުރައްކާ އޮތް މީހުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކޮށްގެން ދެނެގަނެވި ދާނެ ކަމަށާއި އޭރުން ހާލަތު ގޯސް ވުމުގެ ކުރިން ބަލި ދެނެގަނެވި ފަރުވާ ދެވޭނެ ކަމަށް ލީޑްސްގެ ސައިންސްވެރިން ބުނެފި އެވެ.

ފައިންޑް-އެޗްއެފް ގެ ނަމުން ނަން ދީފައިވާ އެލްގޯރިދަމެއް ލީޑްސް ޔުނިވާސިޓީގެ ސައިންސްވެރިން ވަނީ ޕޭޝަންޓް ރެކޯޑްތައް ބޭނުން ކޮށްގެން މި ބަލީގެ ކުރީކޮޅުގެ އަލާމާތްތައް ދެނެގަތުމަށް "ތަމްރީނު" ކޮށްފަ އެވެ.

ބްރިޓިޝް ހާޓް ފައުންޑޭޝަން (ބީއެޗްއެފް) އިން ބުނި ގޮތުގައި އިނގިރޭސިވިލާތުގައި ހިތް ފެއިލްވުމުގެ މައްސަލަ ކުރިމަތި ވެފައިވާ އެއް މިލިއަނަށް ވުރެ ގިނަ މީހުން މިވަގުތު އެބަތިއްބެވެ.

ލީޑްސް ޓީޗިން ހޮސްޕިޓަލްސް އެންއެޗްއެސް ޓްރަސްޓާއި ޔުނިވާސިޓީ އޮފް ލީޑްސްގެ ޕްރޮފެސަރު ކްރިސް ގޭލް ވިދާޅުވީ މި ޓެކްނޮލޮޖީގެ ސަބަބުން ބަލި މީހުނަށް އަވަސް ފަރުވާ ލިބިގަތުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

ބީއެޗްއެފްގެ އެހީގައި ކުރިއަށް ގެންދިޔަ މި ދިރާސާއަށް ސައިންސްވެރިން ވަނީ އިނގިރޭސިވިލާތުގެ 565،284 މީހުންގެ ޕޭޝަންޓް ރެކޯޑްތައް ބޭނުން ކޮށްގެން އޭއައި އަލްގޯރިދަމް ޓެސްޓްކޮށް ތަމްރީނު ކޮށްފަ އެވެ.

އޭގެ ފަހުން ތައިވާން ނޭޝަނަލް ޔުނިވާސިޓީ ހޮސްޕިޓަލުން 106،026 ރެކޯޑުގެ ޑޭޓާބޭސްގައި އިތުރަށް ޓެސްޓު ކުރި އެވެ.
އަދި ހިތް ފެއިލްވުމުގެ ނުރައްކާ އެންމެ ބޮޑު ބަލި މީހުނާއި އެ ބަލީގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭ ހާލަތަށް ގޮސްދާނެ މީހުން ފަސް އަހަރުގެ ތެރޭގައި ރަނގަޅަށް އަންދާޒާ ކުރެވޭ ކަމަށް ވެސް ސައިންސްވެރިން ބުނެ އެވެ.

ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓެއް ކަމަށްވާ ޕްރޮފެސަރު ގޭލް ވިދާޅުވީ މިއީ ވަރަށް މުހިއްމު އަދި ތަފާތު ވަސީލަތެއް ކަމަށާއި މިއީ ބަލި މީހުންނަށް ފައިދާވާ ގޮތަށް އެ ޑޭޓާތައް ބޭނުން ކުރަންވީ ވަގުތު ކަމަށެވެ. 

"ފައިންޑް-އެޗްއެފް ގެ ސަބަބުން މި ބަލީގައި ޑައިގްނޯސް ކުރަން ޖެހޭ ކަން ދެ އަހަރު ކުރިން އެނގުމުގެ ފުރުސަތު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ސައިންސްވެރިން ލަފާ ދޭ ގޮތުގައި މި ޕްލެޓްފޯމް ސިއްހީ ހިދުމަތަށް "އާލީ ވޯނިން ސިސްޓަމެއް" ގެ ގޮތުގައި ބޭނުން ކުރެވިދާނެ އެވެ. އޭގެ ސަބަބުން ބަލި މީހުން ކުރިން ޓެސްޓުކޮށް ބަލީގެ ހާލަތު ދެނެގަނެވޭ އެވެ.

ޔުނިވާސިޓީ އޮފް ލީޑްސްގެ ހެލްތު ޑޭޓާ ރިސާޗް ޔޫކޭ ފެލޯ ޑރ. ރަމޭޝް ނަދަރަޖާހް ވިދާޅުވި ގޮތުގައި ގިނަ ބަޔަކަށް ހިތުގެ މައްސަލަތައް އެނގެނީ ވަރަށް ސީރިއަސް ހާލަތަށް ބަލީގެ ހާލަތު ދާފަހުންނެވެ.

"ހިތް ފެއިލް ވެދާނެ މީހުން ކުރީ ބައިގައި ދެނެގަނެ، ހޮސްޕިޓަލުގައި އެޑްމިޓް ކުރުމާއި ހާލަތު ގޯސްވުން ކުޑަކޮށް ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި ގަވާއިދުން އެއްކުރާ ޑޭޓާ ހިމެނޭ މެޝިން ލާނިން ޓޫލްސް ބޭނުން ކުރަމުން މިދަނީ." ރަމޭޝް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.