ބަޖެޓްގެ ހޭދަ އޮތް ގޮތުން ހަރަދުން ތިން ބިލިއަން ސަލާމަތް ވެދާނެ

މި އަހަރު ބަޖެޓްގެ އޯވަރޯލް ބެލެންސް ހުރީ 2.4 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ ފަސް ބިލިއަން ރުފިޔާގަ އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

މި އަހަރުގެ ބަޖެޓް ހަރަދު ކުރަމުން ދަނީ ކިހިނެއް ހެއްޔެވެ؟ ބަޖެޓުގެ ހަރަދު ދަތުރު މިހާރުގެ ނަމްބަރުގައި ބަހައްޓައިފިނަމަ މި އަހަރު ނިމޭއިރު ބަޖެޓުގެ އޯވަރޯލް ބެލެންސް ނުވަތަ ދައުލަތަށް ލިބޭ އާމްދަނީން ޖުމްލަ ހަރަދު ކެނޑުމުން ބާކީވާ އަދަދު އަހަރު ނިމޭއިރު ހުންނާނީ ކޮން ނަމްބަރެއްގައި ހެއްޔެވެ؟ 

މި ސުވާލުގެ ޖަވާބު ލިބެނީ ފިނޭންސުން އެންމެ ފަހުން ނެރުނު ހަފުތާގެ މާލީ ރިޕޯޓުންނެވެ. ފިނޭންސުން ހަފުތާ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ބަޖެޓުގެ އޯވަރޯލް ބެލެންސް ނުވަތަ ދައުލަތަށް ލިބޭ އާމްދަނީން ޖުމްލަ ހަރަދު ކެނޑުމުން ބާކީވާ އަދަދު މިހާރުގެ ހުރި މަހުގައި ހޭދަ ކުރުން ދަތުރު ކުރާނަމަ މިދިޔަ އަހަރަށް ވުރެ ތިން ބިލިއަން ކުޑަކޮށް ހަރަދު ހުރުން ގާތެވެ. 

މާލީ ހިސާބުތައް ދައްކާ ގޮތުގައި މިހާރު ބަޖެޓުގެ ޖުމްލަ ދަރަނީގެ ގޮތުގައި ހުރީ 2.4 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ހުރީ ފަސް ބިލިއަން ރުފިޔާއަށް ވުރެ މަތީގަ އެވެ. އެހެންވެ މިއީ ގާތްގަނޑަކަށް ތިން ބިލިއަނެއްހާ ރުފިޔާގެ ކުޑަ ވުމެކެވެ. މި އަހަރު ބަޖެޓް ކޮށްފައި ވަނީ މި އަހަރު ބަޖެޓުގެ މި ފައިނޭންޝަލް މި ގެޕް 14 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް އަންދާޒާ ކޮށްގެންނެވެ. 

ބަޖެޓުގެ އޯވަރޯލް ބެލެންސުގެ އިތުރުން ބަޖެޓުގެ ޕްރައިމެރީ ބެލެންސް ނުވަތަ އޯވަރޯލް ބެލެންސުން އިންޓްރެސްޓުގެ ގޮތުގައި ދައްކާ ބައި އުނި ކުރުމުން ހުންނަ އަދަދު ވެސް މި އަހަރު ވަނީ ބޮޑު ތަނުން ކުޑަ ކޮށްފަ އެވެ. މިގޮތުން މި އަހަރު ޕްރައިމެރީ ބެލެންސް އަހަރު ނިމޭއިރު ހުންނާނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 8.8 ބިލިއަން ރުފިޔާގަ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ބަލާނަމަ ބަޖެޓުގެ ޕްރައިމެރީ ބެލެންސް ހުރީ ތިން ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ޕްރައިމެރީ ބެލެންސް ވަނީ 851.1 މިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ. 

އޯވަރޯލް ބެލެންސާއި ޕްރައިމެރީ ބެލެންސް

  •  އޯވަރޯލް ބެލެންސް - މި އަހަރު 2.4 ބިލިއަން | މިދިޔަ އަހަރު ފަސް ބިލިއަން
  •  ޕްރައިމެރީ ބެލެންސް - މި އަހަރު 851.1 މިލިއަން | މިދިޔަ އަހަރު ތިން ބިލިއަން ރުފިޔާ

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ދައުލަތުގެ ދަރަންޏާއި ޕްރައިމަރީ ބެލެންސް އަދި އޯވަރޯލް ބެލެންސް ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ލާޒިމް ކޮށްފައި ވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ބަޖެޓުގައި އޯވަރޯލް ބެލެންސް ހުންނާނެ ކަމަށް އަންދާޒާ ކުރިވަރަށްވުރެ މައްޗަށް އުފުލިފައި ވެއެވެ. 

ބައެއް ހަރަދުތައް ބޮޑު - ބަޖެޓުގެ ޖުމްލަ ހަރަދު މިދިޔަ އަހަރަށްވުރެ ކުޑަކޮށް ހުރި ކަމަށް ދެއްކި ނަމަވެސް ބައެއް ދާއިރާތަކުން ހަރަދު ކުރުން ވަނީ އިތުރުވެފަ އެވެ.

މިގޮތުން މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ ވަނީ ބޮޑުވެފަ އެވެ.  މީގެ އެއް ސަބަބަކީ ޕޭހާމައިޒޭޝަންއާއެކު މުސާރައިގެ ހަރަދު އިތުރުވުމާއި މުވައްޒަފުން ގިނަ ވުމެވެ. މީގެ އިތުރުން ލޯނު ދައްކަން ކުރާ ހޭދަ ވެސް މަތިވެފައިވެ އެވެ. އެގޮތުން ލޯނު ދައްކަން ކުރި ހޭދަ މިދިޔަ އަހަރު 988.2 މިލިއަން ރުފިޔާގައި ހުރިނަމަވެސް މިހާރު މި އަދަދު ވަނީ އެއް ބިލިއަން ފަހަނަ އަޅާފަ އެވެ. 

ބަޖެޓުގެ ބައެއް ހިސާބުތައް

  •  މިހާތަނަށް ޖުމްލަ އާމްދަނީ 15 ބިލިއަން
  •  ޖުމްލަ ހަރަދު 18 ބިލިއަން ރުފިޔާ
ބަޖެޓް 2024 - މި އަހަރަށް ފާސް ކުރި ބަޖެޓުގެ ޖުމްލަ ހަރަދަކީ 49.8 ބިލިއަން ރުފިޔާ އެވެ. ޖުމްލަ ހިލޭ އެހީ އާއި އާމްދަނީއަކީ 33.5 ބިލިއަން ރުފިޔާ އެވެ. އަދި ބަޖެޓް ޑެފިސިޓް ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ 13.8 ބިލިއަން ރުފިޔާގަ އެވެ. ދަރަންޏަށް ނަގަން ޖެހޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 17.2 ބިލިއަން ރުފިޔާ އެވެ. ބޭރުގެ ފަރާތްތަކުން ބަޖެޓް ސަޕޯޓަށް ހޯދަން ޖެހޭނެ މިންވަރަކީ 6.9 ބިލިއަން ރުފިޔާ އެވެ. މި އަހަރު ގްރީން ނުވަތަ ބްލޫ ބޮންޑެއް ބޭރަށް ވިއްކައިގެން 771 މިލިއަން ރުފިޔާ ހޯދަން ބަޖެޓު ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.