ކޮޓިޖާ ސިޓީގެ މޭޔަރުކަން ކުރައްވަމުން ގެންދެވި ޔޮލަންޑާ ސަންޗޭޒްގެ ގަޔަށް ބަޑި ޖަހާފައި މަރާލައިފައި ވަނީ ހަތިޔާރު އެޅި ބަޔަކު ކަމަށް އެ ގައުމުގެ މީޑިއާއިން ރިޕޯޓް ކުރެއެވެ.
މެކްސިކޯގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ރައީސް ކަމަށް އިންތިހާބުވިތާ ކުޑަ ވަގުތު ކޮޅެއް ތެރޭގައި މެކްސިކޯގެ އަންހެން މޭޔަރަކު އަވަހާރަ ކޮށްލައިފި އެވެ.
ކޮޓިޖާ ސިޓީގެ މޭޔަރުކަން ކުރައްވަމުން ގެންދެވި ޔޮލަންޑާ ސަންޗޭޒްގެ ގަޔަށް ބަޑި ޖަހާފައި އަވަހާރަ ކޮށްލާފައި ވަނީ ހަތިޔާރު އެޅި ބަޔަކު ކަމަށް އެ ގައުމުގެ މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ. ގިނަ ރިޕޯޓްތައް ބުނާ ގޮތުގައި 19 ފަހަރަށް ބަޑި ޖެހުމުގެ ސަބަބުން ހަމަލާ ދިންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އެކަމަނާ އަވަހާރަވީ އެވެ. ބަޑީގެ ހަމަލާގައި އޭނާގެ ބޮޑީގާޑު ވެސް ވަނީ މަރުވެފަ އެވެ.
ޔޮލަންޑާ ސަންޗޭޒަށް ހަމަލާ ދިނީ މިޗޯއާކަންގެ ކޮޓިޖާގެ މެދުތެރެއިން އެވެ. އެކަމަނާ އަކީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މޭޔަރުގެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވި އެ ސިޓީގެ ފުރަތަމަ އަންހެން މޭޔަރެވެ.
މެކްސިކޯގެ އާންމު އިންތިޚާބު ތަކާއި ދިމާކޮށް ސިޔާސީ ފަރާތްތަކާ ދެކޮޅަށް ބޮޑެތި އަނިޔާތައް ހިންގަމުން އަންނައިރު، އެ އިންތިހާބުގައި އަންހެން ދެ ބޭފުޅަކު ވަނީ ވާދަ ކުރައްވާފަ އެވެ.
މި ހަމަލާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވި ނަމަވެސް ހަތިޔާރު އެޅި މީހުންނަކީ އޯގަނައިޒްޑް ކްރައިމް ގްރޫޕަކަށް ނިސްބަތްވާ ބައެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
ދެހާސް އެކާވީސް ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަގާމާ ޙަވާލުވެވަޑައިގަތުމަށް ފަހު ސަންޗޭޒަށް މަރުގެ އިންޒާރުތައް ލިބެމުންދާ ކަމަށް ވެސް ވެއެވެ.
އަވަށްޓެރި ސްޓޭޓެއް ކަމަށްވާ ޖަލިސްކޯއަށް 2023 ވަނަ އަހަރު ކުރި ދަތުރެއްގައި ހަތިޔާރު އެޅި ބަޔަކު ވަނީ އޭނާ ތިން ދުވަސް ވަންދެން ހިފަހައްޓާފަ އެވެ. އޭނާ ވަގަށް ނެގި މީހުން އޭނާ ދޫކޮށްލުމުގެ ކުރިން "ޑިމާންޑްތަކެއް" ކޮށް ނަފްސާނީ ބިރުވެރިކަން ހިންގާފައިވާ ކަމަށް ވެސް އޭރު އޭނާ އާއި ހަވާލާދީ މީޑިއާ ތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
ހޯމަ ދުވަހު ސަންޗޭޒް މަރާލާފައި މިވަނީ އެ ގައުމުގެ އާންމު އިންތިހާބުގައި ވާދަކުރި ގިނަ އަދަދެއްގެ ކެނޑިޑޭޓުން މަރާލި އިންތިހާބު ނިމުނުތާ އެއް ދުވަސް ތެރޭގަ އެވެ.
ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހުން ފެށިގެން ވެރިކަމަށް ކުރިމަތިލެއްވި 20 އަށް ވުރެ ގިނަ މީހުން މަރާލާފައި ވެއެވެ. އަދި މިނިވަން ސާވޭތަކުން އެ އަދަދު ވަނީ 40 އާ ގާތް ކޮށްފަ އެވެ.
ރިޔާސީ ރޭސް ކާމިޔާބު ކުރެއްވީ މެކްސިކޯގެ އެންމެ މަތީ މަގާމު ފުރުއްވާނެ ފުރަތަމަ އަންހެން ބޭފުޅާގެ ގޮތުގައި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ހުވާ ކުރައްވާ ކްލައުޑިއާ ޝެއިންބައުމް އެވެ. ރައީސް ކަމަށް ކުރިމަތިލުމުގެ ކުރިން ޝެއިންބައުމް އަކީ އެ ގައުމުގެ އެންމެ ނުފޫޒު ގަދަ ސިޔާސީ އެއް މަގާމް އަދި ރިޔާސީ އިންތިހާބަށް މަގުފަހި ކޮށްދޭ މަގާމެއް ކަމަށް ބެލެވިފައި އޮންނަ މެކްސިކޯ ސިޓީގެ މޭޔަރެވެ.