ލީޒާ ދެލޯ މަރާލިއެވެ. ފުން ނޭވާއެއް ލެވޭތޯ ބަލަމުންނެވެ. އޭރުވެސް ލީޒާގެ ދެލޮލުން ކަރުނަ ހުސް ނުވެއެވެ. މި ޚަބަރު އިވިފައި ޝަރާއަށް ވާނެ ގޮތް ފެނިދާނެތީ ލީޒާ ދެލޯ ވެސް މަރާލިއެވެ.
- އެޕިސޯޑް 32 –
ޝަރާގެ ކަންފަތުގެ ހިނދުރީގައި ޖެހުން ޚަބަރާ އެކުގައި އޭނާ ގަނޑުވިއެވެ. އެސްފިޔަ ޖަހާ ނުލައި ޝަރާއަށް ބަލަން ހުރެވުނީ ލީޒާއާ ދިމާލަށެވެ. ލާން އުޅުން ނޭވާއަށް ވީ ގޮތެއް ޝަރާއަކަށް ނޭނގުނެވެ. އަރު ތެރެއިން ނޭވާ ބޭރު ނުވެ، ނޭވާ ހުއްޓުނީއެވެ.
ދެލޯ މަރާ ބާރުކޮށްގެން ހުރި ލީޒާއަށް ދެލޯ ހުޅުވާލަން ވެސް ނުކުރިފައި އިނދެވުނީއެވެ. ޝަރާއާ މެދުގައި ލީޒާއަށް ވަރަށް ވިސްނުނެވެ. ނަމަވެސް ސިއްރު ކޮށްގެން ވާނެ އެއްވެސް މޮޅެއް، ފައިދާއެއް މިކަމުގައި ނެތްކަން ލީޒާއަށް އިޙްސާސް ވުމުން، އެންމެ ފަހުން ލީޒާ ތެދު ތެދަށް ކިޔާ ދިނީއެވެ. ރިޕޯޓު ފޮރުވީ ވެސް ސިއްރު ކުރުމުގެ ނިޔަތުގައެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫންކަން ލީޒާއަށް ވިސްނުނީ ފަހުންނެވެ. ކޮންމެ ޙާލެއްގައި ވެސް ޝަރާއަކީ ކެތްކުރާނެ މާތް އިންސާނެއްކަން ލީޒާއަށް އޮޅިފައެއް ނެތެވެ. އެހެންވެ ލީޒާއަށް ވެސް މި ވާހަކަތައް މިހާ އަވަހަށް ބުނެވުނީއެވެ.
ޝަރާގެ އެއްވެސް ޚަބަރެއް ނުވުމާއެކު، ވަރަށް އުނދަގުލުން ލީޒާ އޭނާގެ ދެލޯ ހުޅުވާލިއެވެ. ފުސް މަންޒަރެއް ފަދައިން ލީޒާގެ ލޮލުގައި އަޅައިގަތީ ހުއްޓިފައި އިން ޝަރާއެވެ. ޝަރާ އިނީ ޖެހި ބުދެއްހެން ހުއްޓިފައެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ލޮލުން އެއްވެސް ކަރުނައެއް ފެންނަން ނެތް ކަމުގައި ވީނަމަވެސް އެ ދެ ލޮލުން އެއްވެސް ދިރުމެއް ނެތް ކަން ލީޒާއަށް ޔަޤީންވިއެވެ. ލޮލުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ފެނުގެ އަސަރު ކުރަމުންދާ ތަން ލީޒާއަށް ފެނުނީ ދެނެވެ. އެވަގުތު ވެސް ޝަރާގެ އެއްވެސް ހަރަކާތެއް ނެތެވެ. ގުނޑިލަން ވެސް ނޭނގިފައި ޝަރާ އިނީއެވެ. އޭނާގެ މުޅި ދިިރިއުޅުން ހުއްޓިފައިވާ ފަދައެވެ.
"ޝަރާ.."
ލީޒާ މަޑުމަޑުން ގޮވާލަމުން ޝަރާގެ އަތުގައި ހިފާލިއެވެ. ޝަރާގެ ދެއަތް ވަނީ ފިނިވެފައެވެ. ލީޒާއަކަށް ޝަރާގެ ޙާލަތު ބަލަން ކެތެއް ނުވިއެވެ. "ޝަރާ"އޭ ގޮވާ ވަރަށް ބާރަށް ޝަރާގެ ގައިގައި އޮޅުލައިގަތެވެ. ލީޒާގެ މޭގެ ތެރެއަށް ޝަރާގެ ބޯ ކޮއްޕާލަމުން 'ޕާސް" ކިޔާފައި އެންމެ ފުރަތަމަ ރޯން ފެށީ ވެސް ލީޒާއެވެ. އެ ހިސާބުން ޝަރާއަކަށް ކެތެއް ނުވިއެވެ.
ލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ. ޝަރާގެ އަރުތެރެއިން ނުކުތީ ވޭނީ އާޙްގެ އަޑެކެވެ. އެ އަޑުގައި ވަނީ އިންތިހާއަށް ވޭނާ ކެކުޅުމެވެ. ޝަރާ ކޮންމެވެސް އެއްޗެއް ބުނިކަން ލީޒާއަށް ޔަޤީން ވިއެވެ. ނަމަވެސް ބުނީ ކީކޭކަން ލީޒާއަކަށް ސާފެއް ނޫނެވެ. ލީޒާ ގެންދިޔައީ ޝަރާގެ އިސްތަށިގަނޑުގައި އޭނާގެ ދެއަތުން އަތް ކާއްތަމުންނެވެ. ދޭތެރެއަކުން ބުރަކަށީގައި ފިރުމާލައެވެ. ހިތްވަރު ދިނުމުގެ ގޮތުންނެވެ. ނަމަވެސް ޝަރާއަށް ވުރެ ބާރަށް ރޮމުން ގެންދިޔައީ ލީޒާއެވެ. ބަލާ ބެލުމަށް ހީވަނީ ލީޒާއަށް ކަމެއް ވެގެން އުޅޭހެންނެވެ.
އަނެއްކާ ވެސް ލީޒާއަށް އިވުނީ ޝަރާ ކޮންމެވެސް އެއްޗެއް ބުނި އަޑެވެ. މިފަހަރު ލީޒާ އެ އަޑަށް ސަމާލުކަން ދިނެެވެ. ޝަރާގެ އަރު ތެރެއިން ނުކުންނަމުން ދިޔައީ ވޭނީ އަޑެކެވެ. އެ އަޑުގައި އިންތިހާއަށް ވޭނާއި ރިހުން އެބަ ހުއްޓެވެ. ޝަރާގެ ދުލު ކުރިން އޭނާ ދޭތެރެ ދޭތެރެއިން ކިޔަމުން ދިޔައީ "އަޔާ" އެވެ.
ލީޒާ އޭނާގެ ދެއަތުން ޝަރާގެ ކޮނޑުގައި ހިފައިލަމުން، ލީޒާއާ މޫނު ވާ ގޮތަށް ޝަރާ ސީދާ ކޮށްލިއެވެ. ލީޒާއަކަށް ޝަރާގެ މޫނަށް ބަލަން އެއްވެސް ވަރަކަށް ފަސޭހައެއް ނޫނެވެ. އެ މޫނުމަތި ހީވަނީ މިލައި މޯޅިވެފައިވާ މަލެއްހެންނެވެ. އެ މޫނުމަތިން މިއިން ދުވަހެއްގައި ވެސް އުފަލެއް ލިބިފައިވާހެނެއް ހީއެއް ނުވެއެވެ. ޝަރާގެ ތިރީ ތުންފަތް ވޭނާ އެކު ތެޅެމުން ދިޔައެވެ.
"އަޔާ.." ލީޒާއަށް ބަލައިލަމުން ޝަރާ އަނެއްކާ ވެސް ބުނެލިއެވެ. ލީޒާ އަސަރުން ފުރިގެންވާ ފަދަ ގޮތަކަށް ހިން ދިރުވާލިއެވެ.
""އަޔާ...."
ޝަރާގެ ބަޑި ފަޅައިގެން ދިޔައީ ދެނެވެ. އަޑުގެ ނެތްކޮޅަށް ޝަރާ ފެށީ ރޯންށެވެ. ލީޒާ އޭނާގެ ދެލޯ މަރާލަމުން މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. އަދި މަޑުމަޑުން ކޮޅަށް ތެދުވިއެވެ. ޝަރާ އެނދުމަތީގައި ދެފައި އޮޅައިލައިގެން އިނދެ، އަޑުގެ ނެތްކޮޅަށް ރޮމުން ގެންދިޔައެވެ. ހިތްދަތި ކަމުގެ އިންތިހާއެވެ. މުޅި ކޮޓަރި ތެރެއިން ފެންނަނީ ކެތްކުރަން ފަސޭހަ މަންޒަރެއް ނޫނެވެ. ލީޒާ ބޭނުން ވީ ޝަރާ ހިތްފުރޭ ވަރަށް ރޯލަން ފުރުޞަތު ދޭށެވެ.
ގާތްގަނޑަކަށް ގަޑި އިރަކަށް ވުރެ ގިނަ އިރު، އެގޮތުގައި ޝަރާ ގެންދިޔައީ ހުއްޓާ ނުލައި ރޮމުންނެވެ. އެންމެ ފަހުން ޝަރާގެ ލޮލުން ކަރުނަ ހުސްވިއެވެ. ދެން އިވުނީ ގިސްލުމުގެ އަޑެވެ. ޝަރާއަށް އޭނާގެ ދިިރިއުޅުން އޭނާގެ އަތުން ބީވެއްޖެ ކަމުގެ އިޙްސާސް ވަރަށް ބޮޑަށް ކުރުވައިފިއެވެ.
"ޝަރާ.." ފުން ނޭވާއެއް ދޫކޮށްލަމުން ކޮޓަރީގައި ކޮޅަށް ހުރި ލީޒާ ބަލައިލީ ޝަރާއާ ދިމާލަށެވެ. އަދި މަޑުމަޑުން ގޮސް އެނދަށް އަރާ، ޝަރާގެ ކުރިމަތީގައި ލީޒާ އިށީންނެވެ.
"އަހަރެން.. އަހަރެން މަސައްކަތް ކުރިން މިވާހަކަ ޝަރާއަށް ސިއްރު ކުރަން ވެސް... އެކަމު ޝަރާ، އޭރުން ކޮން މޮޅެއް އެކަމުން އޮތީ... އަހަރެންނަށް އެނގޭ ޝަރާ ތީ ވަރަށް ކެތްގަދަ ކުއްޖެއްކަން... އަހަރެން ވެސް މިއަދު ވަރަށް ދެރަވެއްޖެ.. ހިތްފަޅައިގެންދާ ވަރު ވެއްޖެ.. ތީ އަހަރެން އެންމެ ލޯބިވާ.. އަހަރެންގެ ހުރި ހަމައެކަނި ބެސްޓް ފްރެންޑް.. އަހަރެން ދުވަހަކު ވެސް.... ދުވަހަކު ވެސް.. ޝަރާއާ ވަކިވާކަށް ބޭނުމެއް ނޫން.. ނުވެސް ވާނަން ޝަރާ.." ލީޒާ އިސްޖަހައިގެން އިނދެ ރޮމުން ވާހަކަދެއްކިއެވެ. ޝަރާ އެއްވެސް އެއްޗެއް ނުބުނެ ވަގުތުކޮޅަކު އިނުމަށްފަހު، ލީޒާއަށް ބަލާލިއެވެ. އަދި ލީޒާގެ އަތުގައި ހިފާލިއެވެ.
"ލީޒާ...." ޝަރާގެ އަޑު އިވިފައި ލީޒާ ކުއްލިއަކަށް އިސް އުފުލާލިއެވެ.
"ދެން ނުރޮއި... އަހަރެންނަށް ހިތްފުރޭ ވަރަށް ރޮވިއްޖެ! ދެން އެހެން މީހުން މިކަމާ ދެރަވެ ހިތާމަ ކުރަންޏާ، އަހަންނަކަށް ދުވަހަކު ވެސް ހިތްވަރެއް ނުލިބޭނެ.. އަހަރެން ބޭނުން ދިރިއުޅެން.. އަހަރެން ބޭނުން އަޔާ އެކު މުޅި އުމުރު ހޭދަ ކުރަން... ލީޒާއަށް އެނގޭތަ؟ އަޔާ... އަޔާ މޮޔަވާނެ މިކަން އެނގެއްޖިއްޔާ.. އަޔާ ދުވަހަކު ވެސް އެހެން މީހަކާ ނުގުޅޭނެ! އޭނަ.. އޭނާގެ މުޅި ޙަޔާތް އޭނާ ވޭތު ކުރާނީ އެކަނިވެރިކޮށް.. އަހަރެން ނެތް ދުނިޔެއެއްގަ އަޔާ އަކަށް ކެތެއް ނުވާނެ.. އަހަރެން ދެރަ ވަނީ.. އެންމެ ދެރަވަނީ އަޔާއާ ދޭތެރޭގަ ވިސްނާލެވުނީމަ... އެފަކީރު... އެފަކީރަށް އަޅެ ކެތެއް ނުވާނެ މިޚަބަރު އަޑު އަހާކަށް.." ޝަރާގެ އަޑުގައިވާ ކެކުޅުމުން އެންމެ ހިތްވަރު މީހާ ވެސް މައިތިރި ވާނެއެވެ. އެހާ ހިތްދައްޗެވެ.
"ލީޒާ.. އަޅެ ބުނެބަލަ! އަހަރެންނަށް މިކަމުން ސަލާމަތް ވެވޭނެތަ؟ ޑޮކްޓަރ ވަކި އެއްޗެއް ބުނިތަ؟ އަޅެ ބުނެބަލަ! ޑޮކްޓަރު ބުނިތަ އަހަރެން ރަނގަޅު ވާނެއޭ؟ ނޫނީ އަހަރެން މަރު ވަނީތަ؟" ޝަރާ ރޮމުން ކުރި ސުވާލުން ލީޒާގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އަސަރު ކުރުވިއެވެ. ލީޒާއަށް އެ ސުވާލަށް ޖަވާބު ދޭނެ ހިތްވަރެއް ނުލިބުނެވެ. ލީޒާ ހިމޭން ވީއެވެ.
"އަޅެ ލީޒާ! ބުނެބަލަ! އަހަރެން ބޭނުމެއް ނޫން އަޔާ އަކާ ވަކިވާކަށް.." ޝަރާ އޭނާގެ ނޭފަތް ދަމާލިއެވެ. އޭރުވެސް ޝަރާގެ ނޭފަތުން ފެން އަންނަމުން ދިޔައެވެ. ލީޒާއަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ޑޮކްޓަރ ބުނި ގޮތުން ޝަރާގެ އެއްވެސް އުއްމީދެއް ނެތެވެ. އެންމެ ގިނަ ވެގެން ޝަރާއަށް ދުނިޔޭގަ އުޅެވޭނެ ކަމަށް ޑޮކްޓަރު ދިނީ އެންމެ 2 އަހަރާއި ބައިގެ މުއްދަތެކެވެ. ލީޒާ އެ ޚަބަރު މިފަދަ ޙާލަތެއްގައި ޝަރާއަށް ދޭނީ ކިހިނެއް ހެއްޔެވެ؟ ލީޒާ ގޮތް ހުސްވިއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. (ނުނިމޭ)