ހޫނު ފެނަށް ވެއްޓުމުން ވާހަކަފުޅު ދިފާއު ކުރައްވައިފި

ޝަފީއު ވިދާޅުވީ 2019 ވަނަ އަހަރު ދިރާސާއަކަށް ބައެއް ސްކޫލްތަކުގެ ކުލާސްރޫމް ޓެމްޕަރޭޗަރު ބެއްލެވި ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލު ޝަފީއު

ކްލާސްތަކުގައި އެއާ-ކޮންޑިޝަން ހަރުކޮށް ފިނި ވާން ފެށުމުން ދަރިވަރުން އެއް ކުއްޖަަކު އަނެއް ކުއްޖަކަށް ބުލީ / ގަނާ ކުރުމުން ދުރުހެލިވާނެ ކަމަށް ވިދާޅުވެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލު ޝަފީއު ދެއްކެވި ވާހަކަފުޅަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވުމުން ދިފާއުގައި ވާހަކަފުޅު ދައްކަވައިފި އެވެ.

މިފަދައިން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސުކޫލުތައް އޭސީ ކުރުމަށް ސަރުކާރުގެ "ކޫލް ސްކޫލް" މަޝްރޫޢު ފެށުމަށް ކ. މާފުށީ ސުކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގެ ތެރޭގަ އެވެ.

މިނިސްޓަރު ވިދާޅުވީ "ކޫލް ސްކޫލް" ތަކަކީ ދަރިވަރުންގެ ހިތްތަކަށް ފިނިކަމާއި އުފާވެރިކަން ގެނުވާނެ ތަންތަން ކަމަށެވެ. އަދި ސުކޫލުތައް ފިނި ކުރެވުމުން ދަރިވަރުންގެ ކިޔެވުމާއި އުޅުމަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުން ވިޔާނުދާ ކަންކަމާ ދުރުހެލިވާނެކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ބުލީއެއް ނުކުރާނެ. ރުޅިވެރިކަމެއް މިފަދަ މާހައުލެއްގައި ނޯންނާނެ. ޓީޗަރުންނާއި ސްކޫލު މެނޭޖްމަންޓާއި ބެލެނިވެރިން އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވާން ވާނީ މި ކުދިންނަކީ ރަށަށް، ގައުމަށް އަދި އެ ކުދިންގެ މުޅި ދިރިއުޅުމަށް އުޖާލާ ކުރުވަނިވި ފިލާވަޅުތަކެއް، ތަރުބިއްޔަތުތަކެއް އަދި ޖުމްލަކޮށް ކާމިޔާބު އިންސާނުން އުފެއްދުމަށް ލިބެން ޖެހޭ ހުރިހާ ތައުލީމަކާއި ތަރުބަވީ ކަންތައްތަކެއް ފުރިހަމަވެފައިވާ ވެއްޓަކަށް ސްކޫލް ވެށި ވެގެން ދިއުން،" ޝަފީއު އެ ދުވަހު ވިދާޅުވި އެވެ. 

ޝަފީއުގެ ވާހަކަފުޅަށް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ. އެ ފާޑުކިޔުންތަކަށް ރައްދު ދެއްވާ މިނިސްޓަރު ވަނީ ފޭސްބުކް ގައި ދިގު ޕޯސްޓެއް ކުރައްވާ ދިފާއުވެވަޑައިގަތުމަށް މަސައްކަތް ކުރައްވާފަ އެވެ. ވިދާޅުވީ ކޫލް ސްކޫލެއްގައި ބުލީ ނުކުރާނެއޭ ދެންނެވުމުން އޭގެ ބަދަލުގައި ސްކޫލްތައް އޭސީކުރީމާ ބުލީ ނުކުރާނެ ކަމަށް ބައެއް ނޫސްތަކުގައި ލިޔެފައި ހުއްޓާ ފެނިވަޑައިގެން ކަމަށެވެ.

"އަދި އަޅުގަނޑު ދެއްކި ވާހަކައިގެ މަފްހޫމަށް ބެލުމެއް ނެތި ސިޔާސީ ވިސްނުމު ގައި މަދު ފަރާތްތަކެއް މިފަދަ އިބާރާތްތައް ބޭނުންކޮށްފައި ވެއެވެ. އެއީ، އެފަރާތްތަކަށް ދޭހަވުމުގައި ދިމާވި މައްސަލައަކުން ވެފައިވާ ކަމެކެވެ،"

އަދި ވިދާޅުވީ އެފަދަ ފަރާތްތަކުން މިފަދަ ކަންކަމާ ގުޅޭ މައުލޫމާތު ހޯދުން މުހިންމު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ޝަފީއު ވިދާޅުވީ 2019 ވަނަ އަހަރު ދިރާސާއަކަށް ބައެއް ސްކޫލްތަކުގެ ކުލާސްރޫމް ޓެމްޕަރޭޗަރު ބެއްލެވި ކަމަށާ އޭރު ރާއްޖޭގެ ބައެއް ސްކޫލްތަކުގެ ކުލާސްރޫމް ތަކުގެ އިހުސާސް ކުރެވޭ ހޫނުމިން ހުރީ ގާތްގަޑަކަށް 37 ޑިގްރީ ސެލްސިއަސް ކަމަށް ފާހަގަ ކުރެވުނު ކަމަށެވެ.

"ނަމަވެސް ފާއިތުވެ ދިޔަ އަހަރު ތަކުގައި ހޫނުމިން މަތިވެ، ބައެއް މަސްމަހު، އިހުސާސް ކުރެވޭ ހޫނުމިން 40 ޑިގްރީ ސެލްސިއަށް ވުރެ މަތިވެފައިވާ ކަމީ ހަގީގަތެކެވެ. މިއީ އޭގެ ނޭދެވޭ އަސަރު ސްކޫލުގެ މާހައުލުން ފެންނާނެ ކަމެކެވެ. އެންމެ ފަހުން ލަންޑަންގައި ބޭއްވުނު ވޯލްޑް އެޑިއުކޭޝަން ފޯރަމްގައިވެސް ހޫނުވުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި އުޅުމަށް އަންނަ ބަދަލާ ބެހޭގޮތުން އިލްމީ ގިނަ ވާހަކަތަކެއް ދެކެވިގެން ދިޔައެވެ،"

ދެން ވިދާޅުވީ މާމޮޅު ދިރާސާވެރިއަކަށް ނުވިޔަސް ހޫނުކަން އިތުރުވުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށާއި އުޅުމަށް ކުރާ ނޭދެވޭ އަސަރު ގޫގުލް ސާޗަކުންވެސް އެނގޭވަރު ވެދާނެ ކަމަށެވެ. ޕިއާރިވިއުޑު ސައިންޓްފިކް ދިރާސާތައް ބެލުމަށް ބޭނުންވާ މީހުން ސްކޯޕަސްފަދަ ޑާޓާބޭސްތައް ބެލުން ރަނގަޅު ކަމަށެވެ.

"ޖޯކަކަށް ހަދައިގެން، އޭސީ ކުރީމާ ބުލީކުރުން ހުއްޓިދާނޭ، ނުވަތަ ސްނޯ އަކީ ބުލީގެ ހައްލޭ ބުނެ ވާހަކަ ދެއްކުމަކީ ދެރަ ކަމެކެވެ. ހިތާމައަކީ ގައުމުގެ ޝަރަފުވެރި މަގާމްތައް ފުރުއްވާފައިވާ ގައުމުގެ ނައިބު ރައީސް ފެންވަރުގެ ބޭފުޅުންވެސް އެބޭފުޅުންނާއި އިލްމީގޮތުން އަދި އަހްލާގީ ގޮތުންވެސް އެކަށީގެންނުވާ މިފަދަ ވާހަކަތަކުގެ ތެރެއަށް ވިސްނާލުމެއްނެތި ވެންނެވުމެވެ،" ޝަފީއުއަށް ފާޑުވިދާޅުވި ބޭފުޅުންނަށް ރައްދު ދެއްވާ ލިޔުއްވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.