ރައްޔިތުންގެ މަޖިލީހުގެ ސުވެނިއާ ޝޮޕާ ގުޅުވައިގެން ރާއްޖެއެމްވީން ފަތުރަމުންދާ ޚަބަރަކީ ދޮގެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ސުވެނިއާ ޝޮޕަށް ބޭނުންވާ ބައެއް ތަކެތި ތައްޔާރުކުރަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިއުލާނަކާ ގުޅިގެން ރާއްޖެ.އެމްވީން ޝާއިއުކުރި ލިޔުމެއްގައި އެ ތަކެތި ގަތުމަށް އިއުލާނުކުރުމަކީ ވިހިވަނަ ރައްޔިތުންގެ މަޖިލީހުން ކުރި ކަމެއްކަމަށް ދޭހަވާ ގޮތަށް ވާހަކަތައް ލިޔެފައިވެއެވެ.
އެ ލިޔުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓާ ހަސަން ޒިޔާ ވިދާޅުވެފައިވަނީ ސުވެނިއާ ފިހާރަތަކަކީ ދުނިޔޭގެ ހުރިހާ ގާނޫނު ހަދާ މަޖިލިސްތަކެއް ހުންނަ ތަންތަން ކަމަށެވެ. އަދި އެތަންތަނަށް ޒިޔާރްތކުރާ މެހުމާނުންނަށް ސުވެނިއާ ގަނެވޭ ގޮތަށް ހުންނަ ތަންތަން ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގައި ސުވެނިއާ ފިހާރައެއް ހުޅުވުމުގެ މަސައްކަތް ފެށުނީ ތިން އަހަރު ކުރިން 2021 ވަނަ އަހަރުކަމަށާއި، އޭރު ސުވެނިއާ ޝޮޕަށް ބޭނުންވާ ތަކެތި ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުވެސް ކުރިކަމަށާއި، ނަމަވެސް ފަހުން އެތަކެތި ފަރުމާކުރީ މަޖިލީހުގެ ގްރެފިކްސް ޑިޒައިނަރެއް ކަމުގައި ޒިޔާ ވިދާޅުވިއެވެ.
ސުވެނިއާ ފިހާރައާ ގުޅިގެން ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލުތައް ޒިޔާވަނީ މީޑިއާއާ ހިއްސަކުރައްވާފައެވެ. އެގޮތުން 21 ޖޫން 2021 ގައި ތަކެތި ޑިޒައިންކުރާނެ ބަޔަކު ހޯދާނެ ކަމަށާއި، 17 އޯގަސްޓުގައި އެތަކެތި ޑިޒައިންކޮށް ތައްޔާރުކުރާނެ ބަޔަކު ހޯދުމަށް އިއުލާނުކުރި ކަމަށެވެ.
އެއަށްފަހު ފާއިތުވި އޭޕްރީލު މަހުގެ ސޯޅަވަނަ ދުވަހުގައި މަޖިލީހުން ތައްޔާރުކޮށްފައިވާ ޑިޒައިނާ އެއްގޮތަށް ތަކެތި ތައްޔާރުކުރާނެ ބަޔަކު ހޯދަން އިއުލާނުކުރި ކަމަށެވެ. އެ އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ މި މަހުގެ ދެވަނަ ދުވަހުގައި އަލުން އިއުލާނުކުރި ކަމަށްވެސް ޒިޔާ ވިދާޅުވިއެވެ.
"ސުވެނިއާތަކުގެ ތެރޭގައި ދުނިޔޭގެ އެހެން ގާނޫނު ހަދާ މަޖިލީސްތަކުގެ ސުވެނިއާ ޝޮޕްތަކުގައި ހުންނަ ފަދަ ގަލަމާއި ފޮތާއި ތަށި އަދި ސަމުސަލާއި އޫ ސެޓް ފަދަ ތަކެތި ހިމެނޭ. އަދި މި ތަކެއްޗަކީ މެންބަރުންނަށް ދޭން ނުވަތަ މެންބަރުންގެ ބޭނުމަށް ހަދާތަކެއްޗެއްވެސް ނޫން،" ސުވެނިއާ ޝޮޕަށް ހޯދާ ބައެއް ތަކެއްޗަކީ މެންބަރުންގެ ބޭނުމަށް ހޯދާާ ތަކެތިކަމަށް ދޭހަވާ ގޮތަށް ރާއްޖެއެމްވީގައި ލިޔެފައި އޮތް ވާހަކަ ދޮގުކުރައްވއި ޒިޔާ ވިދާޅުވިއެވެ.
ޒިޔާ އިތުރަށް ވިދާޅުވީ ތައްޔާރުކޮށްގެން ހޯދާ ތަކެއްޗަކީ ސުވެނިއާގެ ގޮތުގައި މަޖިލީހުގެ ސުވެނިއާ ފިހާރައިން، މަޖިލީހަށް ޒިޔާރަތްކުރާ އާންމުންނަށް ގަނެވޭ ގޮތަށް ވިއްކަން ބަހައްޓަން ހޯދާ ތަކެތި ކަމށެވެ.