ބިމާ ބެހޭ އިސްލާހު ބޭރުކޮށްލިޔަސް ގޯތިވެރިންގެ ހައްގުތައް ނުގެއްލޭނެ ކަމުގެ ޔަގީންކަން ދީފި

ބިމުގެ ބިލު ބޭރުކޮށްލުމަށް ފަހު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ މެންބަރުން ވިދާޅުވީ، އެއީ މި ސަރުކާރަށް ޖެއްސުންކުރުމަށް ހުށަހަޅާފައި އޮތް ބިލެއް ކަމަށެވެ.

ޕީއެންސީގެ ޕީޖީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: މަޖިލިސް

މާލެ ސަރަހައްދުގައި އިންތިހާއަށް އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ނިމިދިޔަ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމުގެ ގޯތިތައް ތިން މަސްދުވަހުގެ ތެރޭގައި ދިނުން ލާޒިމުކުރަން އެމްޑީޕީން ހުށަހަޅާފައިވާ ބިލު ބޭރުކޮށްލިޔަސް ގޯތި ލިބުނު މީހުންނަށް އެގޯތި ލިބޭނެކަމުގެ ޔަގީންކަން ކޮންގުރެސް ޕާޓީން ދީފިއެވެ. 

ބިމާ ބެހޭ ބިލު މަޖިލީހުން ފާސްކުރުމަށް ފަހު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން، އެ ބިލު ތަސްދީގު ނުކުރައްވައި އަލުން މަޖިލީހަށް ފޮނުވާލައްވާފައި ވަނީ، 19 ވަނަ މަޖިލީހުގެ ދައުރު ނިމުނު ފަހުންނެވެ. 20 ވަނަ މަޖިލިސް ފަށައި، މަސައްކަތްތައް ފެށުމުގެ ކުރިން ހުރި ކަންކަން ނިންމުމަށް ފަހު، މިއަދު އޮތް މިދައުރުގެ ތިންވަނަ ޖަލްސާއަށް ތާވަލުކޮށްފައި އޮތް މުހިންމު އެއްކަމަކީ ބިމާ ބެހޭ ބިލާއި މެދު ގޮތެއް ނިންމުމެވެ. 

މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް  ހުށަހަޅުއްވާފައި އޮތް ބިމާބެހޭ ބިލާ ދެކޮޅަށް 75 މެންބަރުން ވަނީ ވޯޓް ދެއްވާފަ އެވެ. އެއްކޮޅަށް ވޯޓް ދެއްވީ އެމްޑީޕީގެ 12 މެންބަރުންނެވެ. ދެން ވޯޓް ނެގީ ބިލު މިހާރު އޮތް ގޮތަށް ފާސް ކުރުމަށެވެ. ނަމަވެސް 76 މެންބަރުންގެ ވޯޓުން ނިންމާފައި ވަނީ ބިލު ބޭރުކޮށްލުމަށެވެ.

ބިލު މަޖިލީހުން ބޭރުކޮށްލުމަށް ފަހު މިއަދު ކޮންގުރެސް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ބިމާ ބެހޭ ބިލު އޮތީ އެހެން ގާނޫނުތަކާ ވަރަށް ބޮޑަށް ފުށުއަރާ ގޮތަށް ކަމަށެވެ. އަދި ބިލު މަޖިލީހަށް އަލުން މުރާޖާ ކުރަން އެދިވަޑައިގެން ރައީސް ފޮނުއްވި ސިޓީގައިވާ ފަދައިން، ގޯތީގެ ރަޖިސްޓްރީ އޮތް ނަމަވެސް، އެ ގޯތި އޮތް ތަނެއް، ބިމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

"މާލޭގެ އޭރިއާގައި ދިރިއުޅޭ ރައްޔިތުންނަށް، ދާދި ފަހުން ހުށަހެޅި އިސްލާހުގައި ގާނޫނުގައި ހުރި އެހެން ކަންކަމާ ފުށު އަރާ ވަރަށް ގިނަ ކަންތައްތަކެއް، ރައީސުލްޖުމްހޫރިއްޔާ ފޮނުވި ސިޓީގައި ވެސް ފާހަގަ ކުރެއްވި، ގޯތީގެ ރަޖިސްޓްރީކުރި އިރު ގޯތި ހުރި ތަނެއް ވެސް ނޭނގެއޭ، ގިނަ ގޯތި ދީފަ ހުރީ އޭރު ނުހިއްކާ ހުރި ބިންތަކުން،" ފަލާހު، ބިލު ބޭރުކޮށްލި ސަބަބު ހާމަކުރައްވަމުން ވިދާޅުވިއެވެ.

މި މައްސަލައަކީ މާލޭ ރައްޔިތުންނާ ގުޅުންހުރި މައްސަލައެއްކަމަށްވާތީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ ދާއިރާތައް ތަމްސީލުކުރައްވާ މަޖިލީހުގެ މެންބަރުން އެކަމާމެދު ވާހަކަދެއްކެވިއެވެ. 

ހުރިހާ ބޭފުޅުން ވެސް މައިގަނޑު ގޮތެއްގައި ވިދާޅުވީ، ކުރީ ސަރުކާރުން ގޯތި ދިނުމުގައި އަމަލުކޮށްފައިވާ ގޮތް "ދޯހަޅިކަމުގެ" ވާހަކަ އެވެ. އަދި އެއްވެސް ގޯތިވެރިއެއްގެ ހައްގަށް އުނިކަން ނުލިބޭނެފަދަ ގޮތަކަށް އެ މައްސަލައަށް މި ސަރުކާރުން ހައްލު ގެނެސް ހުރިހާ ރައްޔިތުންގެ ހައްގުވެސް ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ. 

"ކަނޑުން ހިއްކާފައި އޮތް ތަނަކުން، ފަޅުން ހިއްކާފައި އޮތް ތަނަކުން ބިމެއް ދީފިއްޔާ ގާނޫނު އެބަ ލާޒިމްކުރޭ ވަކި މުއްދަތެއްގެ ތެރޭގައި އެމީހާ އުޅެން. އެހެން ބަލާ އިރު، ވެލިގަނޑެއް ހަމަޖެހެން ވެސް އެބަ ނަގާ މުއްދަތެއް، ދެން އެއާ އެއްކޮށް އިންފްރާސްޓްރަކްޗާ ވެސް އަޅަން ޖެހޭ." މައްޗަންގޮޅި އުތުރު ތަމްސީލް ކުރައްވާ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ. 

އެމްޑީޕީން ފާސްކުރި ބިލުގައި ވަނީ، ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ދުވަހުން ފެށިގެން ތިން މަސް ތެރޭގައި ގޯތި ދޫކުރަން ވާނެ ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވެފައި ވަނީ ނުހިއްކާ އޮތް ތަނަކުން އެ މުއްދަތުގައި ބިން ދޫނުކުރެވޭނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.