އަބްދުއްރަހީމާއި ރިޒާ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

އަބްދުއްރަހީމާއި ރިޒާ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ނިންމި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ ޖުޑީޝަލް ސާވިސަސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވައިފިއެވެ. 

މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ދެ ބޭފުޅުން މަޤާމުގެ ހުވައިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ކުރިފުޅުމަތީގައެވެ. އެ ބޭފުޅުންނަށް ޖޭއެސްސީގެ މެންބަރުކަމުގެ ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމެވެ.

ޖޭއެސްސީގެ މެންބަރުކަމުގެ ފަތްކޮޅު އަބްދުއްރަހީމާ ރައީސް ހަވާލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ހުވާ ކުރެއްވުމަށްފަހު ޖޭއެސްސީގެ މެންބަރުކަމުގެ ފަތްކޮޅު ދެ ބޭފުޅުންނަށް އެރުއްވީ ރައީސް މުޢިއްޒެވެ. 

ޖޭއެސްސީ އެކުލެވިގެންވާ ގޮތް

  •  ރައްޔިތުންގެ މަޖިލީހުގެ ރައީސް
  •  ސުޕްރީމު ކޯޓުން އިންތިހާބުކުރާ އެ ކޯޓުގެ ފަނޑިޔާރެއް
  •  ހައިކޯޓުން އިންތިހާބުކުރާ އެ ކޯޓުގެ ފަނޑިޔާރެއް
  •  ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބުކުރާ ފަނޑިޔާރެއް
  •  ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މަޖިލިސް މެންބަރެއް
  •  އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހެއް
  •  ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް
  •  ރައީސް އައްޔަންކުރާ މެންބަރެއް
  •  ބަންޑާރަނައިބު
  •  ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލެއް

ޖުޑީޝަލް ސާވިސް ކޮމިޝަނަކީ އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން އައްޔަންކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމުގެ ޒިންމާ ގާނޫނުއަސާސީން މަތިކޮށްފައިވާ މިނިވަން މުއައްސަސާއެކެވެ. 

ޖޭއެސްސީގެ މެންބަރުކަމުގެ ފަތްކޮޅު ރިޒާއާ ރައީސް ހަވާލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބަލައި، އެފަދަ މައްސަލަތަކުގއި ފަނޑިޔާރުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ފަނޑިޔާރުން މަގާމުން ވަކިކުރަންޖެހޭ ހާލަތްތަކުގައި މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީވެސް ޖޭއެސްސީންނެވެ. 

އޭގެ އިތުރަށް އަދުލު އިންސާފު ގާއިމުކުރުމުގެ ކަންކަން ހިންގުމާއި ކޯޓުތަކާ ގުޅޭ އެކި ކަންކަމުގައި ރައީސަށް ލަފާދޭ ކޮމިޝަނަކީވެސް ޖޭއެސްސީއެވެ. 

ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބެވުމުގެ ސަބަބުން ޖުޑީޝަރީއަށް ސިޔާސީ ނުފޯޒު ފޯރާކަމަށް އަބަދުވެސް ތުހުމަތުކުރެވޭތީ، ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ނުފޯރާނެ ގޮތަށް ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމަކީ ރައީސް ޑރ.މުއިއްޒުގެ ވައުދުފުޅެކެވެ. އަދި އެކަމަށް ބޭނުންވާ އިސްލާހުތައް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.