ކުށްވެރިންނަށް މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ކްލެމެންސީ ބޯޑުގައި އިންނަވާ މަޖިލީހުގެ މެންބަރުކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އައްޔަންކުރުމަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ރިޔާސަތުން އިއްވާ ކަމެއްގެ ގޮތުގައި ކްލެމެންސީ ބޯޑަށް މަޖިލީހުގެ ފަރާތުން އައްޔަންކުރާނެ މެންބަރަކު ކަނޑައެޅުން ތާވަލުކޮށްފައިވެއެވެ. އެ ނަންބަރުގެ ދަށުން މެންބަރެއްގެ ނަން ހުށަހެޅުމަށް ހުޅުވައިލުމުން ހުށަހަޅާފައިވަނީ ޝުޖާގެ ނަންފުޅު އެކަންޏެވެ.
މަޖިލީހުގެ ފަރާތުން ކްލެމެންސީ ބޯޑަށް ޝުޖާ އައްޔަންކުރުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވުމުން ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލުވަނީ އެ ހުށަހެޅުއްވުމަށް ތާއީދުކުރައްވާފައެވެ.
ކްލެމެންސީ ބޯޑަކީ ކުށްވެރިޔަކު އަދަބު މާފުކޮށްދިނުމަށް ނުވަތަ ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރުމުން، އެ އިލްތިމާސް ދިރާސާކޮށް އެކަމާ ގުޅޭގޮތުން އަމަލުކުރައްވަން ފެންނަ ގޮތަކާމެދު ލަފާދިނުމަށް އަދަބު ލުއިކޮށްދިނުމާއި މައާފުކޮށްދިނުމުގެ ގާނޫނުގެ ދަށުން އެކުލަވައިލާފައި އޮންނަ ބޯޑެކެވެ.
އެ ބޯޑު އެކުލެވިގެންވަނީ 11 މެންބަރުންގެ މައްޗަށެވެ. އެ ބޯޑަށް މެންބަރުން އައްޔަންކުރެއްވުމާއި ވަކިކުރެއްވުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެ ބޯޑުގައި ތިއބްވާ އެގާރަ މެންބަަރުންނަކީ:
އަދަބު ލުއިކޮށްދިނުމަށް ނުވަތަ މައާފުކޮށްދިނުމަށް ހުށަހަޅާ އިލްތިމާސްތަކާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށް ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުމުގެ ބާރު ކްލެމެންސީ ބޯޑަށް ލިބިގެންވެއެވެ. އަދި ކްލެމެންސީ ބޯޑުން ބޭނުންވެއްޖެނަމަ އެ މައްސަލަތަކާ ގުޅިގެން ދައުލަތުގެ އިދާރާތަކުން ލިޔެކިޔުންތައް ހޯދައި އިދާރާތަކުގެ ވެރިންނާ ބައްދަލުކޮށް ސުވާލުކުރެވޭނެއެވެ.
މަޖިލީހުގެ ފަރާތުން ކްލެމެންސީ ބޯޑަށް އައްޔަންކުރާނެ މެންބަރެއްގެ ނަން ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި ޝުޖާގެ ނަން ފިޔަވައި އިތުރު މެންބަރެއްގެ ނަން ހުށަހަޅާފައި ނެތުމުން، މިއަދު މަޖިލީހުގައި ވޯޓު ނަގާ ވަގުތުގައި ބޯޑު މެންބަރުކަމަށް ޝުޖާ އައްޔަންކުރަން ފާސްވާނެ ކަމުގައި ބެލެވެއެވެ.