"ބިމާ ބެހޭ ބިލުން ހާސިލް ކުރެވޭނެ ނަތީޖާއެއް ނެތް، އަލުން ވިސްނާލާ"

އެހެންކަމުން އަމަލީ ގޮތުން ދިރިއުޅެވެން ފެށެން ނެތް ތަނަކުން ގޯތި ދޫކުރުމަކީ ގޯތި ލިބުނު ފަރާތްތަކުގެ ހައްގުތަކެއް ގެއްލިގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގައި: ބިމާ ބެހޭ ބިލަށް ގެނައި އިސްލާހު މުރާޖައާ ކުރަން ވަނީ

މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ކުރީ ސަރުކާރުން "ބިންވެރިޔާ ސްކީމް" ގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ދިނުން އަވަސް ކުރުމުގެ ބޭނުމުގައި ބިމާބެހޭ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ފަހު ފާސްކުރި ބިލުގައި ފުށުއަރާ ކަންތައްތަކެއް ހުރުމުން ރައްޔިތުންގެ މަޖިލީހުން އެ ބިލު މުރާޖައާކޮށް އެ ކަންކަމާ ވިސްނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ބިމާ ބެހޭ ގާނޫނު ފާސް ކޮށްފައި ވަނީ 19 ވަނަ މަޖިލީހުގައި، މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. އަދި މޭ މަހުގެ ދެ ވަނަ ދުވަހު އެ ބިލު ތަސްދީގުކޮށް ދިނުމަށް އެދި ރައީސް އޮފީހަށް ވަނީ ފޮނުވާފަ އެވެ.

ބިލު ތަސްދީގު ކޮށްދެއްވުމަށް އެދި މަޖިލީހުން ފޮނުވާފައިވާ ސިޓީއަށް ޖަވާބު ދެއްވައި ރައީސް ފޮނުއްވި ސިޓީ މިއަދު ވަނީ މަޖިލީސް ޖަލްސާގައި އިއްވާފަ އެވެ. މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމަށް އެޑްރެސް ކުރައްވާ ރައީސް ފޮނުްވި ސިޓީގައި ވިދާޅުވެފައި ވަނީ ބިލަށް ގެނައި އިސްލާހުތަކުގެ ސަބަބުން ބިމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ފުށުއަރާ ކަމަށެވެ.

ބިމާ ބެހޭ ގާނޫނަށް އިތުރުކޮށްފައިވާ މާއްދާގައި ވަނީ، ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި، އެގޯތު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓް ކުރާ ދުވަހުން ފެށިގެން ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ދޫކުރި ފަރާތާއި ގޯތި ހަވާލުކުރަން ޖެހޭނެ ކަމަށެވެ. އަދި، ދާއިމީ ލިސްޓު ގެޒެޓްގައި އާންމުކޮށް މިހާތަނަށް ގޯތި ދޫކޮށްފައި ނުވާ ފަރާތްތަކަށް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ދޫކުރަން ޖެހޭނެ ކަމަށެވެ.

އަދި ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާ ގެޒެޓްކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ބަދަލު ދޭން ނުޖެހޭ ހާލަތެއްގައި ހުރި ބިންތަކުގެ ރަޖިސްޓްރީ ހަވާލު ކުރުމަށާއި ބަދަލު ދޭން ޖެހޭ ފަރާތްތަކަށް ދާއިމީ ލިސްޓު ގެޒެޓްކުރާތާ އެއް އަހަރުގެ ތެރޭގައި ދޭން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން ބިލުގެ ތިންވަނަ މާއްދާގައި ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅޭ ގަވާއިދުތައް ހަދައި 30 ދުވަހުގެ ތެރޭގައި ގެޒެޓްކުރަން ލާޒިމްކޮށްފައިވެ އެވެ. 

މިއީ ސީދާ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ނުދީގެން ގާނޫނަށް ގެނައި އިސްލާހުތަކެއްކަން، ބިލު ހުށަހެޅި ސަބަބަށް ބެލުމުން އެނގެން އޮންނަ ކަމަށް ރައީސް ވިދާޅުވި އެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުންނާއި ގިރާވަރުފަޅުން ގޯތި ދޫކުރަން ނިންމާފައިވާއިރު އެ ރަށްތައް އަދިވެސް ދަނީ ހިއްކަމުންނެވެ.

ރައީސްގެ ސިޓީގައި ވިދާޅުވެފައި ވަނީ އެތަންތަނުން މިހާތަނަށް ގޯތި ދޫކުރެވިފައި ނުވަނީ އަދި، ބިމުގެ ރަޖިސްޓްރީތައް ހަދާދެވިފައި ނުވަނީ އެތަންތަނުން ގޯތި ކަނޑައެޅުމުގައި މައްސަލަތަކެއް ދިމާވުމުންނާއި ވަކިން ހާއްސަކޮށް ހިއްކާފައިނުވާ ސަރަހައްދަކުން ގޯތި ދޫކޮށްފައިވާތީ ކަމަށެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުގެ ޖަލްސާއެއް: ބިމާ ބެހޭ ބިލަށް އިސްލާހު ގެނައީ ދިރާސާ ނުކޮށް ކަަމަށް ސަރުކާރުން ވަނީ ބުނެފައި --

"[އެންމެހާ ގާނޫނުތަކާއި ގަވާއިދުތަކުން] ތަސައްވަރުކޮށްފައި ވަނީ ބިމާ ބެހޭ ސިޔާސަތާއި، ރަށުގެ ނުވަތަ ސިޓީއެއްގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ދިރިއުޅުމަށާއި ގެދޮރު އިމާރާތްކުރުމަށް އެކަށައަޅާ ބިން ކަނޑައެޅޭ އުސޫލުތަކެއްގެ ދަށުން ބަންޑާރަ ގޯތި ދޫކުރުން ކަމަށްވެފައި، ނުހިއްކާ އޮތް ފަޅެއްގެ ސަރަހައްދަކުން ބަންޑާރަ ގޯތި ދޫކޮށް، އެ ބަންޑާރަ ގޯތި އަމަލީ ގޮތުން އެފަރާތާ ހަވާލުކޮށް، އެ ގޯއްޗަށް ރަޖިސްޓްރީއެއް ހަދައިދިނުމަކީ ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނު ތަސައްވުރުކޮށްފައިވާ ކަމެއްކަމާމެދު ސުވާލު އުފެދޭ،" ރައީސްގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.

ބަންޑާރަ ގޯއްޗެއް ލިބޭ ފަރާތްތަކަށް ހައްގުތަކެއް ލިބިގެންވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވެފައި ވަނީ ގޯއްޗެއް ދެވޭ ތާރީހުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި އެތަނުގައި ދިރިއުޅެން ފެށުމާއި އެ މުއްދަތުގެ ތެރޭގައި ދިރިއުޅެން ނުފަށާނަމަ ގޯތި އަތުލެވޭނެ ކަމަށް ބިމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އަމަލީ ގޮތުން ދިރިއުޅެވެން ފެށެން ނެތް ތަނަކުން ގޯތި ދޫކުރުމަކީ ގޯތި ލިބުނު ފަރާތްތަކުގެ ހައްގުތަކެއް ގެއްލިގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ.

"....މިހާތަނަށް ނުހިއްކާ އޮތް ސަރަަހައްދަކުން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރެވިފައިވާއިރު، އިސްވެ ދެންނެވުނު ބިލު ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިރުކުރާ ދުވަހުން ފެށިގެން އެ ގާނޫނާ އެއްގޮތަށް އަމަލުކުރުމުގެ ނަތީޖާއަކަށް ވާނީ އެ ގާނޫނަށް އަމަލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި އެގޯތިތައް ވެސް ދިނުން ކަމާބެހޭ އިދާރާގެ މައްޗަށް ލާޒިމްވެގެން ދިއުންކަން ވެސް ފާހަގަކުރެވޭ،" ރައީސްގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.

ރައީސް ވިދާޅުވީ ގާނޫނަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ތިން މަސް ދުވަހުގެ މުއްދަތަކީ ނުހިއްކާ އޮތް ތަންތަން ހިއްކައިގެން ގޯތި ދިނުމަށް އެކަށީގެންވާ މުއްދަތެއް ވެސް ނޫން ކަމަށެވެ. މި މައްސަލައާ ގުޅޭ ގޮތުން ކޮމެޓީ މަރުހަލާގައި ހައުސިން މިނިސްޓްރީން މައުލޫމާތު ހިއްސާކުރި ނަމަވެސް، ބިލު ފާސްކުރިއިރު އެކަންކަމަށް ރިއާޔަތްކޮށްފައި ނެތްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވެފައި ވަނީ މި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އަދި މިޒަމާނަށް އެކަށީގެންވާ ތަފްސީލީ އޮނިގަނޑަކާއިއެކު "ބިމުގެ ބިލު" ގެ ނަމުގައި އާ ބިލެއް މަޖިލީހަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ ކަމަށާއި، އެ ބިލު ވުޖޫދުވެގެން އައުމުން ބިމާ ބެހޭ ބިލު އުވިގެންދާނެ ކަމަށެވެ. އެހެންކަމުން މިހާރު އެ އިސްލާހު ގެނައި ބިލު ތަސްދީގު ކުރިޔަސް ހާސިލް ކުރަން ބޭނުންވާ ނަތީޖާ ނުނެރެވޭނެ ކަމަށެވެ.

ރައީސް ވަނީ މިކަންކަމާމެދު އަލުން މަޖިލީހުން ވިސްނުމަށް ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާފަ އެވެ. އެ ބިލު ފާސްކޮށްފައި ވަނީ ދިރާސާ ނުކޮށް ކަމަށް ކުރީން ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.