ގޯތި ދޫކުރުމުގައި ދާއިމީ އެޑުރެހަށް ބެލުން ހުއްޓައިލަން ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުން ދޫކުރާ ގޯތިގެދޮރު ދޫކުރުމުގައި މީހާ ރަޖިސްޓަރީވެފައިވާ ދާއިމީ އެޑުރެހަށް ބެލުން ހުއްޓައިލުމަށް މަނަަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ހުސްނީ މުބާރިކު ގޮވާލައްވައިފިއެވެ. 

ފާއިތުވި ނަވާރަވަނަ މަޖިލީހުން ފާސްކުރި ބިމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާމެދު ދެވަނަ ވިސްނުމަކުން ވިސްނުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަނބުރާ މަޖިލީހަށް ބިލު ފޮނުއްވުމާ ގުޅިގެން މަޖިލީހުގައި ކުރެވުނު ބަހުސްގައި ހުސްނީ ވިދާޅުވީ ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯތި ދޫކުރީ ބިމާ ބެހޭ ޤާނޫނާއި ބަންޑާރަ ގޯތި ދޫކުރުމާ ބެހޭ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންތޯ ބަލައިލަންޖެހޭ ކަމަށެވެ. 

އިތުރަށް ހުސްނީ ވިދާޅުވީ ބަންޑާރަ ގޯތި ދޫކުރުމާ ބެހޭ ޤަވާއިދުގައި ގޯތި ދޫކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ގޯތި ދޫކުރަންޖެހެނީ ގޯތި ދޫކުރާނެ ބިމެއް ކަނޑައަޅައި، ދޫކުރާ ގޯތީގެ ބޮޑުމިނާއި، ދޫކުރާނީ ކިހައި އަދަދެއްގެ ގޯތިކަން ބަޔާންކޮށް އިއުލާނުކުރުމަށްފަހު އެ އިއުލާނާ އެއްގޮތަށްކަން ހުސްނީ ފާހަގަކުރެއްވިއެވެ. އަދި ކުރީ ސަރުކާރުން ގޯތި ދޫކުރީ އެގޮތަށްތޯ އޭނާ ސުވާލުކުރެއްވިއެވެ. 

"ގޯތި ދޫކުރުމާ ބެހޭ ގަވާއިދެއް އެބައޮވޭ. ގޯތި ދޫކުރުމަށް ކަނޑައެޅޭ ސަރަހައްދަކީ ކޮބައިކަން، ދޫކުރާ ގޯތީގެ ބޮޑުމިނަކީ ކޮބައިކަން، ދޫކުރާ ގޯތީގެ އަދަދަކީ ކޮބައިކަން މިކަންކަން ބަޔާންކޮށް އިއުލާނުކޮށްގެން، މިހުރިހާ ކަމެއް ފުރިހަމަކޮށްގެން ބަންޑާރަ ގޯތި ދޫކުރެވެނީ. މިގޮތަށް މިކަންކަން ކޮށްގެންތޯ [ކުރީ ސަރުކާރުން] ބަންޑާރަ ގޯތި ދޫކުރީ؟،" އޭނާ ވިދާޅުވިއެވެ. 

ހުސްނީ އިތުރަށް ވިދާޅުވީ ބަންޑާރަ ގޯތި ދޫކުރުމުގައި ދާއިމީ އެޑުރެހަށް ބެލުން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ. އަދި ރަށްރަށުން ގޯތި ދޫކުރަން އިއުލާނުކުރާއިރު ހަމައެކަނި އެރަށުގައި ރަޖިސްޓަރީވެފައިވާ މީހުންނަށް އިސްކަންދޭ ދިނުން ނިމުމަކަށް ގެނެސް، ކޮންމެ ރަށަކުން ގޯތި ދޫކުރި ނަމަވެސް ގޯއްޗެއް ނެތް ކޮންމެ މީހަކަށް ގޯތި ހޯދުމަށް ކުރިމަތިލެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ފެނިވަޑައިގަންނަވާކަމަށެވެ. 

"ބަންޑާރަ ގޯތި ދޫކުރުމުގައި ދާއިމީ އެޑުރަހަށް ބަލާ ބެލުން އަޅުގަނޑުމެން ނިމުމަކަށް ގެންނަން އެބަޖެހޭ. ވަކި ރަށަކުން ގޯތި ދޫކުރަން އިއުލާނުކުރާއިރު އެރަށުގެ ރަށްވެއްސަކަށްވާތީ އިސްކަންދޭ ދިނުން، މާލެއިން ގޯތި ދޫކުރާއިރު މާލޭ ރައްޔިތުންނަށް ނުވަތަ މާފުށިން ގޯތި ދޫކުރާއިރު މާފުށީ ރައްޔިތުންނަށް އިސްކަންދިނުން މިކަން ނިމުމަކަށް ގެންނަންޖެހޭ. ދިވެހި ބިމުން ބަންޑާރަ ގޯތި ދޫކުރާއިރު، ބަންޑާރަ ގޯއްޗެއް ލިބިފައިވާ ކޮންމެ މީހަކަށް އެޕްލައިކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރަންޖެހޭ،" މުބާރިކު ވިދާޅުވިއެވެ. 

އިތުރަށް މުބާރިކު ވިދާޅުވީ ސަރުކާރުން މަޖިލީހަށް ބިމާ ބެހޭ ޤާނޫނެއް މިހާރު ހުށަހަޅާފައި އޮތުމާއެކު ނަވާރަވަނަ މަޖިލީހުން ފާސްކުރި ބިލު ބޭރުކޮށްލައި، މިހާރު ހުށަހެޅިފައިވާ ބިލަށް އިސްލާހުތައް ގެނެސް ރަނގަޅަށް ބިލު އެކުލަވއިލާ ފާސްކުރަންޖެހޭ ކަމަށެވެ. 

ގޯތި ދޫކުރުމަށްޓަކައި ބިން ލިބޭ މީހުންގެ ލިސްޓު އާންމުކުރާތާ ތިން މަސްދުވަހުގެ ތެރޭގައި އެ މީހުންނަށް ގޯތި ދިނުން ލާޒިމުކޮށް އިދިކޮޅު އެމްޑީޕީން ނަވާރަވަނަ މަޖިލީހުގެ ފަހު ދުވަސްކޮޅު ފާސްކުރި ބިލު އަނބުރާ މަޖިލީހަށް ރައީސް ޑރ.މުޢިއްޒު ފޮނުއްވުމާ ގުޅިގެން ކޮންގުރެސް ޕާޓީގެ މެންބަރުން އެދިވަޑައިގެންފައިވަނީ އެބިލުގެ އިތުރު މަސައްކަތެއް މަޖިލީހުގައި ނުހިންގައި ބިލު ބޭރުކޮށްލުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.