ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު އެންމެ މުހިންމީ ހަމަޖެހުން ގާއިމް ކުރުން ކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
ރަނގަޅު އަހުލާގެއް ނެތްނަމަ އެތަނެއްގައި ސުލްހަވެރި ކަމާއި އަމާންކަން ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) "ސަނާބިލް" ޕްރޮޖެކްޓަށް ސުކޫކް މެދުވެރިކޮށް ފައިނޭންސް ހޯދަން ހުޅުވާލަން އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ ސައްތައިން ސައްތަ މުސްލިމް މި ދިވެހި ރާއްޖެއަށް އެންމެ މުހިންމު ބަދަލަކީ މުޖްތަމައުގެ ދަރީންގެ ކިބައިގައި އިސްލާމް ދީނުގެ ރިވެތި އުސޫލުތައް ހަރުލެއްވުން ކަމަށެވެ.
މިގޮތުން އެންމެ މުހިންމު މަސައްކަތެއް ކޮށްދެވޭނެ މުވައްސަސާއަކީ އިސްލާމިކް ޔުނިވާސިޓީކަން ފާހަގަ ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު އެންމެ މުހިންމީ ހަމަޖެހުން ގާއިމް ކުރުން ކަމަށެވެ.
"ތަނެއްގައި ހަމަޖެހުން ގާއިމްވާނީ އެތަނެއްގައި ދިރިއުޅޭ ބައެއްގެ އަހުލާގީ މިންގަނޑު ރަނގަޅު ގޮތުގައި ހުރެގެން. ރަނގަޅު އަހުލާގެއްގެ މަތީގައި އަޅުގަނޑުމެންނަށް ތިބެވިގެން ނޫނީ ސުލްހަވެރިކަން ވެސް އަދި އަމާންކަން ވެސް އަދުލުވެރިކަން ވެސް ގާއިމެއް ނުކުރެވޭނެ" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭގެ އިތުރުން ރާއްޖޭގައި އިސްލާމީ ތައުލީމް ފުޅާ ކުރުމަށްޓަކާ، އިސްލާމިކް ޔުނިވާސިޓީއިން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިންމު ކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީ ކުރިއެރުވުމަށާއި، އެ ޔުނިވާސިޓީއިން އ ފެށި ސަނާބިލް މަޝްރުއޫ ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ޔަގީން ކުރައްވާ ކަމަށެވެ.