ހިޔާ ފުލެޓުގައި ހުންނަ އެޕާޓުމެންޓަކަށް މީހުން ގެންގޮސްގެން ދެ އަންހެނުން ވެގެން މީހުން އަތުން ފައިސާ ފޭރޭ މައްސަލައެއް ފެންމަތިވެފައިވެއެވެ.
މީހަކު އަތުން ފައިސާތަކެއް ފޭރުނު ހަތަރު މީހަކު، އާންމުން އަތުލައިގަނެ ހުއްޓުވި ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގެ ތެރެއިން އެޗް-1 ޓަވަރު ކައިރިން މީހެއްގެ އަތުން ފައިސާތަކެއް ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭކަމުގެ މައުލޫމާތު ރޭ ފުލުހުންނަށް ލިބުނެވެ.
އެ މައްސަލައާ ގުޅިގެން މައުލޫމާތު ސާފު ކުރުމުން އާންމުންގެ ބަޔަކު ހިފަހައްޓާފައި ތިބި މީހުނަކީ އެހެން މީހެއްގެ އަތުން އެކި ފަހަރު މަތިން ގިނަ އަދަދަކަށް ފައިސާ ފޭރިފައިވާ ބައެއްކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލާގައި މިހާތަނަށް ހައްޔަރު ކޮށްފައިވަނީ ހަތަރު މީހުނެވެ. އެ ހަތަރު މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
ފުލުހުން ހާމަކުރި ގޮތުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ދެ މީހަކާއި، 36 އަހަރުގެ މީހަކާއި، 45 ހައަރުގެ މީހެކެވެ.
އިތުރަށް ފުލުހުން ބުނީ އެ މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި ތަހުގީގު ހިންގަމުންދާ ކަމަށެވެ.
ފޭރުމުގެ މައްސަލަތައް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން އޮޅުވާލައިގެން ހިޔާ ފުލެޓުގައި ހުންނަ އެޕާޓުމެންޓަކަށް މީހުން ގެންގޮސްގެން ދެ އަންހެނުން ވެގެން މީހުން އަތުން ފައިސާ ފޭރޭ މައްސަލައެއް ފެންމަތިވެފައިވެއެވެ. އަދި ފޭރުމުގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ އަދަދުވެސް އިތުރުވެފައިވެއެވެ.