މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗާ ޑރ.ޢަބްދުﷲ މުއްޠަލިބާއި، އިންޑިއާއިން ދިވެހިރާއްޖޭގެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މުހާވަރަމް ތިލަމާލެ ބުރިޖުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވައިފިއެވެ.
މިނިސްޓަރާއި އިންޑިއާގެ ސަފީރު މިއަދު ތިލަމާލެ ބުރިޖުގެ މަސައްކަތް ހިނގާ ސައިޓަށް ވަޑައިގަތީ، އެ މަޝްރޫޢު ހިނގަމުންދާ ގޮތާއި މިހާތަނަށް ނިމިފައި ހުރި މަސައްކަތްތައް ބައްލަވައިލެއްވުމަށެވެ. އެ ބޭފުޅުންގެ އަރިހުގައި މިނިސްޓްރީގެ އިސްވެރިންނާއި ފަންނީ މުވައްޒަފުންނާއި، އިންޑިއާ ހައިކޮމިޝަނުގެ އިސްވެރިންނާއި ބައެއް މީޑިއާތައްވެސް ބައިވެރިވިއެވެ.
މި ޒިޔާރަތުގައި ބުރިޖުގެ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ދެއްވާފައިވަނީ ބުރިޖު އެޅުމުގެ މަސައްކަތްކުރާ އެފްކޮންސްގެ މަންދޫބެކެވެ.
ފާއިތުވި މަހު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރަން ބޭއްވި ނޫސް ކޮންފަރެންސްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވަނީ ދެ ސެގްމެންޓަށް ބަހާލައިގެން ނިންމާ ބުރިޖުގެ މަސައްކަތުގެ ފުރަތަމަ ސެގްމެންޓުކަމަށްވާ ގުޅިފަޅާ ހަމައަށް ބުރިޖުން ގުޅުވައިލުމުގެ މަސައްކަތް 2026 ވަނ އަހރުގެ 31 މާޗު 2026 ގައި ނިމޭނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް މާލެއާއި ވިލިމާލެ ގުޅުވައިލެވޭނެ ކަމަށެވެ.
ދެވަނަ ސެގްމެންޓުކަމަށްވާ ގުޅިފަޅުން ތިލަފުއްޓަށް ގުޅުވައިލުމުގެ މަސައްކަތް އެކީ ނިންމައިލެވި ބުރިޖުގެ ހުރިހާ މަސައްކަތެއް ނިމޭނީ 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައިކަމަށް މުއްތަލިބު ވިދާޅުވިއެވެ. އަދި ނިމެމުންދާ މިންވަރަކަށް ނިމޭ ބައިތައް ބޭނުންކުރަން ފެށޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދުގެ ޒިޔާރަތުގައި މިހާރު ހިނގަމުންދާ މަސައްކަތްތަކާއި، އެ މަސައްކަތްތަކުގެ ދުވެއްޔާ ގުޅޭ ގޮތުން މިނިސްޓަރު އަދި ސަފީރުވެސް މީޑިއާއަށް މއުލޫމާތު ދެއްވިއެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ މިހާރު ހިތްޕުޅު ހަމަޖެހޭ ދުވެއްޔެއްގައި މަސައްކަތް ކުރިއަށްދަ ކަމަށެވެ. އިންޑިއާ ސަރުކާރާއި އެ ޤައުމުގެ އެމްބަސީއާ ގުޅިގެން ރަނގަޅަށް މަސައްކަތް ކުރެވޭ ކަމަށެވެ.
އިންޑިއާ ސަފީރު ވިދާޅުވީ މަސައްކަތް ކުރިއަަށްދާ ގޮތް ކައިރިން ބައްލަަވ ކަމަށެވެ. އަދި މަސައްކަތްތައް ކުރިއަށްދާ ގޮތާމެދު ހިތްޕުޅު ހަމަޖެހޭ ކަމަށެވެ.