އިސްރާއީލު ޕާސްޕޯޓު މަނާކުރާ ބިލެއް އޮއްވާ އިތުރު ބިލެއް ހުށަހަޅާތީ ނުރުހުން

"ޑަބަލްކޮށް މިކަން ކުރުމުގެ ބޭނުމެއް ހަގީގަތުގަ އަޅުގަނޑުމެންނަކަށް ނޭންގޭ، ހަގީގަތުގައި ވެސް ނިޔަތަކީ މިކަން ކުރުން ކަމަށްވާނަމަ،" މީކާއިލް ވިދާޅުވި އެވެ.

މެމްބަރު މީކާއިލް ނަސީމް: އިސްރާއިލް ޕާސްޕޯޓް މަނާކުރަން ގާނޫނަށް އިސްލާހެއް ވަނީ ހުށަހަޅުއްވާފައި --

އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އެމްޑީޕީގެ ފަރާތުން އިމިގްރޭޝަންގެ ގާނޫނު އިސްލާހު ކުރަން ހުށަހަޅާފައިވަނިކޮށް، އިސްރާއީލު ޕާސްޕޯޓު މަނާކުރަން ބިލެއް ހުށަހެޅުމަށް ކެބިނެޓުން ނިންމުމުން ސަރުކާރުގެ ނިޔަތާމެދު އެމްޑީޕީން ސުވާލު އުފައްދާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިސްރާއީލު ޕާސްޕޯޓް މަނާކުރަން އެމްޑީޕީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމެވެ. މީކާއިލް މި ބިލު ހުށަހަޅުއްވާފައި ވަނިކޮށް، އިއްޔެ ކެބިނެޓުން ވަނީ ޕާސްޕޯޓް މަނާ ކުރަން ނިންމައި ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފަ އެވެ.

މީކާއީލް ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހަކީ އިމިގުރޭޝަންގެ ގާނޫނުގެ އަށްވަނަ މާއްދާގެ (ހ)އަށް އަކުރެއް އިތުރު ކުރުމަށެވެ. އެ ގާނޫނުގެ އަށްވަނަ މާއްދާއަކީ ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހުން ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާއަށް އިތުރު ކުރައްވަން މީކާއީލް ހުށަހެޅުއްވި އަކުރުގެ ދަށުން ހަމައެކަނި އިސްރާއީލް ޕާސްޕޯޓު ނުވަތަ އިސްރާއީލް ޕާސްޕޯޓާއެކު އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންވެސް ރާއްޖެއަށް އެތެރެވުން މަނާވާނެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅައިގެން އެ މަސައްކަތް ކުރަން ނިންމުމަކީ އެކަން ދިގުލައިގެން ދާނެ ކަމެއް ކަމަށެވެ.

"ސީދާ ރިޔާސީ ގަރާރަކުން އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން ނިންމެވި ނަމަ އަޅުގަނޑުމެންމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔޭނެ. އެހެންނަމަވެސް މިހާރު އެ އަމަލުކުރެއްވި ގޮތުން އަނެއްކާ ވެސް މިދަނީ ދިގުލައިގެން. މިކަން ކުރެވޭނެ ވަކި މުއްދަތެއް އަޅުގަނޑުމެންނަކަށް ނޭންގެ. މިކަން ކުރެވޭނެތޯ ވެސް އަޅުގަނޑުމެންނަކަށް ނޭންގެ،" މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތްއިރު މިއަދުން މިއަދަށް ވެސް އިސްލާހު ހުށަހަޅައިގެން އެކަން ފާސްކުރެވޭނެ ކަމަށެވެ.

"ޑަބަލްކޮށް މިކަން ކުރުމުގެ ބޭނުމެއް ހަގީގަތުގަ އަޅުގަނޑުމެންނަކަށް ނޭންގޭ، ހަގީގަތުގައި ވެސް ނިޔަތަކީ މިކަން ކުރުން ކަމަށްވާނަމަ،" މީކާއިލް ވިދާޅުވި އެވެ.

މީކާއިލް އިތުރަށް ވިދާޅުވީ ނިމިދިޔަ މަޖިލީހުގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވެސް މިފަދަ އިސްލާހެއް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް ސަރުކާރުން އެދިގެން އެ އިސްލާހު ބާތިލުކޮށްފައިވާ ކަމަށެވެ.  އެމްޑީޕީއަށް އެ އިސްލާހު އޭރު ހުށަނޭޅުނު ސަބަބެއްކަމަށް މީކާއީލު ވިދާޅުވީ 19 ވަނަ މަޖިލީސް ނިމެން ވަގުތު ކުޑަތަންވެފައި ވާތީ ވަގުތު ނުލިބިގެން ކަމަށެވެ.
 
މީކާއިލް ހުށަހެޅުއްވި ބިލުގައި، ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ގަތުލުއާންމާ ރާއްޖެއިން ދެކޮޅުހެދުމުގެ ގޮތުން، އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖެއަށް އެތެރެވުން މަނާކުރަން ސަރުކާރަށް ގޮވައިލާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކުރި ނަމަވެސް، އެކަން ކުރެވޭނެ ވަކި މުއްދަތެއް ސަރުކާރުން އަމަލުކުރާ ގޮތުން ސާފުނުވުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.