ކޮމިޓީތައް އެކުލަވައިލުމުގައި މައިނޯރިޓީ އާއި މިނިވަން މެންބަރުންގެ ހައްގުތައް ނުގެއްލޭނެ ގޮތަށް މަސައްކަތް ގެންގޮސްދެއްވީތީ މަޖިލީހުގެ މެޖޯރިޓީ ލީޑަރަށާއި މައިނޯރިޓީ ލީޑަރަށް ރިޔާސަތުން ޝުކުރު އަދާ ކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުން މިއަދު އިންތިހާބުރުމުގެ މަސައްކަތް ކުރަން ނިންމައިފި އެވެ.
މިއަދު ކުރިއަށްދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާގައި މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލާނެ ގޮތް ވަނީ ފާސް ކޮށްފަ އެވެ. މަޖިލީހުން ފާސް ކޮށްފއި ވަނީ ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ފަރާތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހަޅުއްވާފައިވާ ގޮތަށް މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމަށެވެ.
ފަލާހު ހުށަހެޅުއްވީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރުންގެ އަދަދަކީ 13 ކަމަށް ކަނޑައެޅުމާއެކު، މަޖިލީހުގެ ގަވާއިދުގެ ދަށުން އެކުލަވައިލާ އެހެނިހެން ދާއިމީ ކޮމިޓީތަކުގެ މެންބަރުންގެ އަދަދަކީ 11 މެންބަރުންކަމަށް ހަމަޖެއްސުމަށެވެ.
އަދި މަޖިލީހުގެ ކޮމިޓަކުގައި ސިޔާސީ ޕާޓީތަކުގެ ފަރާތުން ހިމެނިވަޑައިގަންނަވާނެ މެންބަރުންނާއި އަމިއްލަ މެންބަރުންގެ ތެރެއިން ކޮމިޓީތަކަށް ހަމަޖައްސަން ބޭނުންވާ މެންބަރުންގެ އަދަދު އިއްޔެގެ ކުރިން މަޖިލީހަށް ހުށަހެޅުމަށް ވެސް ފަލާހު ހުށަހެޅުއްވި އެވެ.
މިއަދުގެ ޖަލްސާގައި އެ ހުށަހެޅުން ފާސް ކުރުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ނާޒިމު ވަނީ މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމުގައި މައިނޯރިޓީއާއި އަމިއްލަ މެންބަރުންގެ ހައްގުތައް ނުގެއްލޭނެ ގޮތަށް އޮމާންކަމާއެކު މަސައްކަތް ގެންގޮސްދެއްވީތީ މަޖިލީހުގެ މެޖޯރިޓީ ލީޑަރަށާއި މައިނޯރިޓީ ލީޑަރަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
އިތުރަށް ނާޒިމު ވިދާޅުވީ މިއަދު މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ. އަދި މިއަދު 2:00 އިން ފެށިގެން ކޮމިޓީތަކަށް ކިޔަން ފަށާނެކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ބައިގަނޑިން ބައިގަނޑިން ކޮމިޓީތައް ކުރިއަށް ގެންގޮސް މިއަދު ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުން އިންތިހާބުކޮށް ނިންމޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ.