މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލީ އެމްޑީޕީން އެދުނު ހުރިހާ ފުރުސަތެއް ދީގެން: ފަލާހު

ފަލާހު ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރުތަކަށް ދުވަހަކު ވެސް އާމްދަނީ ލިބޭނެ ގޮތެއް ނުހޯދާނެ އެވެ. އަބަދުވެސް ހަރަދުކުރާނީ ހަރަދެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލީ އިދިކޮޅު އެމްޑީޕީން އެދުނު ހުރިހާ ފުރުސަތެއް އެ ޕާޓީއަށް ދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. 

ފަލާހު މިފަދައިން ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ހިދުމަތް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ މައްސަލައަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރަށް ގޮވައިލާ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލު ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. 

ފާއިތުވި ނަވާރަވަނަ މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ގޮތުގައި ޕީޕީއެމް / ޕީއެންސީ އޮތްއިރު މަޖިލީހުގައި އެ ދެ ޕާޓީގެ މަދު މެންބަރުން ތިއްބަވައިގެން ރައްޔިތުންނާ ގުޅުންހުރި މިފަދަ މުހިއްމު މައްސަލަތަކުގައި މަޖިލީހަށް ހުށަހެޅި މައްސަލަތައް، އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހަށް ބަލައިގަނެފައި ނުވާކަން ފަލާހު ފާހަގަ ކުރެއްވި އެވެ. 

އެއިރު އެމްޑީޕީގެ އަޣުލަބިއްޔަތުން އިދިކޮޅި މައިނޯރިޓީން ހުށަހެޅި މައްސަލަތަކާމެދު ކަންކުރި ގޮތް ބަޔާން ކުރެއްވުމަށް ފަހު ފަލާހު ވިދާޅުވީ މިއަދު އެމްޑީޕީގެ މެންބަރަކު ހުށަހެޅުއްވި މައްސަލަ، ކޮންގުރެސް ޕާޓީގެ އަޣުލަބިއްޔަތު އޮތް މަޖިލީހަށް ބަލައިގަނެފައިވާ ކަމަށެވެ. 

"މިއިންވެސް މިއަދުގެ ސަރުކާރުގެ އަދި ހާއްސަކޮށް އަޅުގަނޑުމެންގެ ޕާލިމަންޓަރީ ގުރޫޕުގެ އިހުލާސްތެރިކަން ދިވެހިރައްޔިތުންނަށް ވަރަށް ބޮޑަށް ހާމަވެގެންދާނެ.،" ފަލާހު ވިދާޅުވިއެވެ. 

ވިހިވަނަ މަޖިލީހުގައި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގައި ތިއްބެވީ ނިސްބަތުން މަދު މެންބަރުންތަކެއްކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ މެންބަރުންގެ އަދަދު މަދުވި ނަމަވެސް، މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލީ އެމްޑީޕީން އެދުނު ހުރިހާ ފުރުސަތުތަކެއް އެ ޕާޓީއަށް ފަހިކޮށްދީގެން ކަމަށެވެ. 

"އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގައި ކިތަންމެ މަދު މެންބަރުންކޮޅެއް ތިބި ކަމުގައިވިޔަސް، އަޅުގަނޑުމެންވާނީ މި މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލި މަރުހަލާގައިވެސް އެބޭފުޅުން އެދުނު ހުރިހާ ފުރުސަތެއް އެބޭފުޅުންނަށް ދީފައި.،" ފަލާހު ވިދާޅުވިއެވެ. 

މެންބަަރު ނާޒިލު ހުށަހެޅުއްވި މައްސަލައާމެދު ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ފެނަކައިގެ މައްސަލަތައް ހާވައި ބަލަން ފަށައިފިނަމަ ކުރީ ސަރުކާރުގައި ފެނަކައިގެ އެމްޑީގެ ގޮތުގައި ހުންނެވި އަހްމަދު ސައީދު (މައިފޫނާ) ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާނެ ކަމަށެވެ. 

"[ފެނަކައިގެ ކުރީގެ] އެމްޑީ ނާޒިލަށް ގުޅުއްވާފައިވާނެ ކޮންކަހަލަ މައްސަލައެއްހޭ ހުށަހަޅުއްވައިގެން ތިއުޅުއްވަނީ. ތިމަންނަ ނޫންހޭ ތީގައި ހުރިހާ ކަމެއް ކުރަންޖެހޭނީ،" ފަލާހު ވިދާޅުވިއެވެ. 

އިތުރަށް ފަލާހު ވިދާޅުވީ އެމްޑީޕީ ސަރުކާރުތަކަށް ދުވަހަކުވެސް އާމްދަނީ ލިބޭނެ ގޮތެއް ނުހޯދާނެ ކަމަށާއި، އަބަދުވެސް ހަރަދުކުރާނީ ކަމަށެވެ. އެމްޑީޕީއަކީ ރައްޔިތުންނަށް ނުރައްކާތެރި ޕާޓީއެއްކަމަށް ސިފަކުރައްވަމުން އޭނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުތައް ރައްޔިތުންނަށް ޒަހަރަކަށް ވެފައިވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.