ރުހުން ނުދިން ތިން ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ މައްސަލަ ކޮމިޓީއަށް

މިއަދު ކުރިއަށްދިޔަ އަލަށް އިންތިހާބުވި ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާގައި އެ ތިން ވަޒީރުންގެ ނަންފުޅު ރުހުން ހޯދަން ހުށަހެޅުއްވުމަށް ރައީސް ފޮނުއްވި ސިޓީ މަޖިލީހަށް އިއްވާފައިވެއެވެ.

މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން

އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ދިރާސާކުރަން ފޮނުވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ވަޒީރުންގެ މަޖިލިސް އެކުލަވައިލެއްވުމަށްފަހު މަޤާމުތަކަށް އައްޔަންކުރެއްވި ވަޒީރުންގެ ތެރެއިން ތިން ބޭފުޅަކަށް އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކުރީގެ މަޖިލީހުން ރުހުން ނުދިނެވެ. އެއީ ބަންޑާރަނައިބު އަޙްމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރެވެ.

އެ ތިން ބޭފުޅުންގެ ތެރެއިން ހައިދަރަށް ރުހުން ނުދިން ސަބަބެއްކަމަށް އެމްޑީޕީން ބުނީ މާލެ މީހުންނަށް އެމްޑީޕީ ވެރިކަމުގައި ދިން ގޯއްޗާއި ފުލެޓު ހަވާލުނުކުރައްވަން އުޅުއްވާކަމަށް އެ ޕާޓީން ކުރާ ތުހުމަތެވެ. ޝަހީމަށާއި އުޝާމަށް ރުހުން ނުދޭން ނިންމި ސަބަބެއް ރަސްމީކޮށް އެ ޕާޓީން ހާމަނުކުރެއެވެ. 

މަޖިލީހުން އެ ތިން ބޭފުޅުންނަށް ރުހުން ނުދިނުމުން މަގާމުން އެ ބޭފުޅުން ވަކިވެވަޑައިގަތުމާއެކު އަލުން އެ ތިން ބޭފުޅުން ވަޒީރުކަމަށް އައްޔަންކުރައްވަން ރައީސް ނިންމެވިއެވެ. އަދި އެ ބޭފުޅުން އައްޔަންކުރެއްވުމަށްފަހު ގާނޫނުގައި ބަޔާންކުރާ މުހުލަތުގައި އެ ބޭފުޅުންގެ ނަންފުޅުތައް މަޖިލީހަށް ފޮނުއްވިއެވެ. 

މިއަދު ކުރިއަށްދިޔަ އަލަށް އިންތިހާބުވި ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާގައި އެ ތިން ވަޒީރުންގެ ނަންފުޅު ރުހުން ހޯދަން ހުށަހެޅުއްވުމަށް ރައީސް ފޮނުއްވި ސިޓީ މަޖިލީހަށް އިއްވާފައިވެއެވެ. އަދި އެ ސިޓީ އިއްވުމަށްފަހު މަޖިލީހުގެ ރައީސްވަނީ އެ ބޭފުޅުންގެ ނަންފުޅުތައް ކޮމިޓީއަށް ފޮނުއްވިކަން އިއުލާނުކުރައްވާފައެވެ. 

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލާނެ ގޮތް މަޖިލީހުން ފާސްކުރާނެއެވެ. އަދި އެއަށްފަހު ޕާޓީތަކުން ބޭނުންވާ މެންބަރުން ކޮމިޓީތަކަށް ހަމަޖައްސައި ކޮމިޓީތަކުގެ މަސައްކަތް ފެށުމުން މިނިސްޓަރުންގެ ނަންފުޅުތައް ރުހުން ހޯދުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ. 

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ސުޕަ-މެޖޯރިޓީ އޮތީ ވެރިކަންކުރާ ކޮންގުރެސް ޕާޓީއަށެވެ. އެ ޕާޓީގެ 75 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު ސަރުކާރަށް ތާއީދުކުރައްވާ އިތުރު މެންބަރުންނާއެކު ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓު ދެއްވާނެ 78 މެންބަރުން މަޖިލީހުގައި ތިއްބަވާނެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.