އައްޑޫ ފެނުގެ މައްސަލާގައި އިހުމާލުވީ ކުރީ ސަރުކާރުން، އިހުމާލުތައް ބަލަންޖެހޭ: އަޒާން

ކުރީ ސަރުކާރުގައި ކުންފުނިތަކާއި އިދާރާތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް އެ މައްސަލަތައް ބެލުމަށް އަޒާން ގޮވައިލައްވަ އެވެ.

އައްޑޫ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު އަޒާން، -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫގެ ފެނުގެ ޚިދުމަތްތަކަށް ކުރިމަތިެވފައިވާ ދަތިތަކުގެ ޒިންމާ އުފުލަން ޖެހޭނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށް އައްޑޫ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެ އެވެ. 

އަޒާން މިފަދައިން ވިދާޅުވެފައި ވަނީ، އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ފެނުގެ ޚިދުމަތް ލިބުމުގައި ދަތިތައް ކުރިމަތިވަމުންދާތީ އެ މައްސަލައަށް އަވަސް ދާއިމީ ހައްލެއް ހޯދުމަށް ގޮވައިލާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމު ނާޒިލު މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ. 

އަޒާން ވިދާޅުވީ އައްޑޫއަށް ކުރިމަތިވެފައިވާ ފެނުގެ މައްސަލަ ކުރިމަތިވުމުގައި އިހުމާލުވީ ކޮންބައެއްތޯ ބަލާއިރު ޝައްކެއް ނެތް ގޮތުގައި އެ މައްސަލާގައި އިހުމާލުވެފައި ވަނީ އަދި އެ އިހުމާލުގެ ޒިންމާ އުފުލަން ޖެހޭނީ ރައީސް ސޯލިހުގެ ސަރުކާރުން ކަމަށެވެ. އެގޮތުން ކޮންގްރެސް ޕާޓީގެ ވެރިކަން ފެށުނުއިރު، އައްޑޫއަށް ފެނުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކައިގެ ދަރަނި ހަތަރު ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި، އެ ކުންފުނިން ހިދުމަތްދޭ ތަންތަނާއި ވަސީލަތްތައް އާބާތުރަފިލުވުމަށާއި މެއިންޓެއިންކުރުމަށް ކަނޑައަޅާފައިވާ ބަޖެޓުގެ ބޮޑު ބައެއް ހޭދަކުރީ މުޅިން އެހެން ކަަންކަމަށް ކަމުގައި އޭނާ ވިދާޅުވިއެވެ. 

"ޝައްކެއްވެސް ނެތް އެކަމުގެ ފުރިހަމަ އިހުމާލު، ރެސްޕޮންސިބިލިޓީ އުފުލަން ޖެހޭނީ ރައީސް އިބްރާހީމުގެ ސަރުކާރުން. އަޅުގަނޑުމެންގެ ސަރުކާރުން ހަވާލުވިއިރު ފެނަކައިގެ ދަރަންޏަކީ ހަތަރު ބިލިއަން ރުފިޔާ. ފެނަކައިގެ މެއިންޓެނެއިންސްއާއި މަރާމާތަށް ހުރި ބަޖެޓުގެ ބޮޑުބައި ހޭދަކޮށްފައިވަނީ އެހެނިހެން ކަންކަމަށް،" އަޒާން ވިދާޅުވި އެވެ. 

އިތުރަށް އަޒާން ވިދާޅުވެފައިވަނީ ފާއިތުވި ފަސް އަހަރު އައްޑޫގެ ނަރުދަމާއާއި ފެނުގެ ނިޒާމު އެއްވެސް މިންވަރަކަށް މެއިންޓެއިންކުރެވިފައި ނެތް ކަމަށެވެ. އަދި ނަރުދަމާނުގެ ނިޒާމު މެއިންޓެއިންކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ ބޭރު ކުންފުންޏަށް ފައިސާ ނުދައްކާތާ ދެ އަހަރުވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

އިތުރަށް އޭނާ ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އައްޑޫގެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން އޮތީ ފަށާފަ އެވެ. އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ސަރުކާރުން ހިންގާ މަޝްރޫޢު ނިމުމުން އައްޑޫގައި ފެން ރައްކާކުރުމުގެ ގާބިލުކަން ދިހަ ގުނަ އިތުރުވާނެ ކަމަށާއި، ފެން އުފެއްދުމުގެ ގާބިލުކަން ހަތަރު ގުނަ އިތުރުވާނެ ކަމަށެވެ. 

އައްޑޫގެ ފެނުގެ ނިޒާމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހިންގާ މަޝްރޫޢުގެ އިތުރަށް ވަގުތީ ހައްލެއް ހޯދުމަށް ފެނަކައިން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ މިހާރު އިތުރު ބޯހޯލެއް ތޮރުފައި، އިތުރަށް ފެން ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. 

އަދި ކުރީ ސަރުކާރުން އެކި ކަންކަމުގައި ވެފައިހުރި އިހުމާލުތައް ބަލައި ތަހުގީގުކުރަންޖެހޭ ކަމަށް ވިދާޅުވެ، ކުރީ ސަރުކާރުގައި ކުންފުނިތަކާއި އިދާރާތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް އެ މައްސަލަތައް ބެލުމަށް އަޒާން ގޮވައިލެއްވިއެވެ. 

"ފާއިތުވި ސަރުކާރުގެ އިހުމާލުތައް އަޅުގަނޑުމެން ބަލަންޖެހޭ. މި މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީތަކަށް ކުރީ ސަރުކާރުގެ އެކިއެކި ކުންފުނިތަކުގައި ތިއްބެވި އިސްވެރިން ގެނެސްގެން ތަހުގީގުކޮށް [ބަލަންޖެހޭ]. އަދި އަޅުގަނޑަށް ހީވަނީ ޖިނާއީ ތަހުގީގުކުރެވޭ ލެވެލްއަށްވެސް ބައެއް ކަހަލަ ކަންކަން ހިނގާފައި އެބަހުރިހެން.،" ކުރީ ސަރުކާރުން ހިންގާފައިވާ އެކި އިހުމާލުތައް ތަހުގީގުކުރުމަށް ގޮވައިލައްވާ އަޒާން ވިދާޅުވިއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.