ބައިޑެންގެ ސުލްހައިގެ ޕްލޭން، ނަތީޖާއެއް ނެރެވިދާނެތަ؟

އެމެރިކާގެ ރައީސް ޖޯ ބައިޑަން

އިސްރާއީލުން ހުށަހެޅި ސުލްހައިގެ ޕްލޭނެއްކަމަށް ވިދާޅުވެ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް ސުލްހަ ގާއިމުކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ޕްލޭނެއް އިއުލާނުކުރެއްވީ ފާއިތުވި ހުކުރުދުވަހުއެވެ.  

ހުކުރުދުވަހު އެ ޕްލޭނާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވި ނޫސްވެރިން ބުނާ ގޮތުން، މި ޕްލޭނަކީ މީގެ ކުރިން ހަމާސްއިން އެއްބަސްވި ސުލްހައިގެ ޕްލޭނާ އެއްވެސް ތަފާތެއް ނެތް ޕްލޭނެކެވެ. 

ކާމިޔާބުކަމާއެކު ތަންފީޒުކުރެވިއްޖެނަމަ މިހާތަނަށް 36،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެދިޔަ ހަނގުރާމަ ނިމުމަކަށް ގެނެސް ސުލްހަ ގާއިމުކުރެވޭނެއެވެ. މި ހަނގުރާމާގައި ޝަހީދުވި ފަލަސްތީނު މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. 

މި ޕްލޭނުގައި ހިމެނޭ ކަންކަން

މި ޕްލޭނު އެކުލަވައިލާފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. 

އެއިން ފުރަތަމަ މަރުހަލާގައި ހިމެނެނީ ހަ މަސްދުވަހަށް ހަމަލާ ބަދަލުކުރުން ހުއްޓައިލުމެވެ. އެ މުއްދަތުގައި އިސްރާއީލު ސިފައިން ޣައްޒާގެ ބައިބޯ ސަރަހައްދުތަކުން ފައިބާނެއެވެ. އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ދޫކޮށްލާ މަތިން ހަމާސްއިން ރަހީނުކޮށްފައިވާ އިސްރާއީލު މީހުން މިނިވަންކުރާނެއެވެ. ޣައްޒާގެ އާންމުން އެމީހުން ކުރިއްސުރެ ދިރިއުޅުނު ސަރަހައްދުތަކަަށް އަނބުރާ ދާނެއެވެ. 

އޭގެ އިތުރަށް ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މިންވަރު އިތުރުކޮށް ދުވާލެއްގެ މައްޗަށް 600 ޓްރަކުގެ އެހީ އެ ސަރަހައްދަށް ވެއްދުމަށް ހުއްދަދެވޭނެއެވެ. 

ދެވަނަ މަރުހަލާއަކީ ހަނގުރާމަ ދާއިމަށް ހުއްޓައިލުމާމެދު އިސްރާއީލާއި ހަަމާސްގެ މެދުގައި މަޝްވަރާތައް ފެށުމެވެ. އެ ވާހަކަތައް ކުރިއަށްދާހައި ހިނދަކު ހަމަލާ ބަދަލުކުރުން އޮންނަންވާނީ ހުއްޓިފައިކަމަށް ބައިޑަން ވިދާޅުވިއެވެ. 

ތިންވަނަ މަރުހަލާއަކީ ދާއިމަށް ހަމަލާ ބަދަލުކުރުން ހުއްޓާލައި، ސުންނާފަތިވެފައިވާ ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތް ފެށުމެވެ. އިސްރާއީލުގެ ހަމަލާތަކުގައި ޣައްސާގެ ސުކޫލުތަކާއި، ޔުނިވާސިޓީތަކާއި ދީނީ އިމާރާތްތައް ފަދަ މުހިއްމު ބިނާރުގެ ފަސްދޮޅަހަކަށް އިންސައްތަވަނީ ސުންނާފަތިވެފައެވެ. 

މި ޕްލޭނަށް ތާއީދުކުރަނީ ކޮން ބައެއް؟

ހަަމާސްއިން ހުކުރުދުވަހު ނެރުނު ކުރު ބަޔާނެއްގައި، ގިނަ ތަފުސީލުތަކެއް ހާމަނުކޮށް ބުނެފައިވަނީ، ބައިޑަންގެ ޕްލޭނާމެދު އެޖަމާއަތުން ދެކެނީ "ޕޮޒިޓިވް" ގޮތަކަށް ކަމަށެވެ. އަދި އެ ޕްލޭނާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ތައްޔާރު ކަމަށެވެ. 

އިސްރާއީލުގެ ބައެއް ސިޔާސީންވަނީ އެ ޕުލޭނަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. އަދި ރަހީނުކޮށްފައި ތިބި އިސްރާއީލު އަސީރުންގެ އާއިލާތަކުން އަންނަނީ އެ ޕުލޭނަށް ތާއީދުކޮށް، އެ ޕްލޭނަށް އެއްބަސްވުމަށް އިސްރާއީލު ސަރުކާރަށް ބާރުއަޅަމުންނެވެ. 

ވެރިކަންކުރާ ކޯލިޝަނުގެ ލީޑަރުންގެ ތެރެއިން ބެނީ ގެންޓްޒްވަނީ އެ ޕްލޭނަކީ ރަނގަޅު ޕްލޭނެއްކަމަށް ބުނެ، އެ ޕްލޭނާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަނގުރާމައިގެ ކެބިނެޓުގައި ހިމެނޭ ބޮޑުވަޒީރު ނަތަންޔާހޫއާއި ދިފާއީ ވަޒީރު ޔޮއާވް ގަލަންޓްއަށް ދައުވަތުދީފައެވެ. 

ހަނގުރާމައިގެ ކެބިނެޓުގެ މެންބަރެއްކަމަށްވާ ގެންޓްޒްވަނީ ހަނގުރާމަ ނިމުމުން ޣައްޒާއާމެދު އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އަށެއް ޖޫންގެ ކުރިން އެކުލަވައިނުލެވިއްޖެނަމަ ކެބިނެޓު ދޫކޮށްލާނެކަމަށް އިންޒާރުކޮށްފައެވެ. 

އިދިކޮޅު ލީޑަރު ޔައިރް ލެޕިޑްވެސްވަނީ އެ ޕުލޭނަށް ތާއީދުކޮށް، އެ ޕްލޭނަށް ނަތަންޔާހޫގެ ސަރުކާރުން އެއްބަސްވާ ހާލަތުގައި ސަރުކާރުގައި ބައިވެރިވާ ހަރުކަށި ކަނާތުފިޔައިގެ ޕާޓީތައް ކޯލިޝަން ދޫކޮށްލައިފިނަމަ ސިޔާސީ ގޮތުން ސަރުކާރު ނެގެހެއްޓުމަށް އެހީތެރިވާނެކަމަަށްވެސް ބުނެފައެވެ. 

އދ.ގެ އަމީން އާންމު އެންޓޯނިއޯ ގުޓެރޭސްވަނީ ބައިޑެންގެ ޕްލޭނަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. އިސްރާއީލަށް ވާގިވެރިވާ މަދަދުވެރިންގެ ތެރެއިން އިނގިރޭސިވިލާތާއި ޖަރުމަނާއި އެނޫންވެސް ބައެއް ގައުމުތަކުން މި ޕްލޭނަށް ތާއީދުކުރާކަން އިއުލާނުކޮށްފައިވެއެވެ. 

މި ޕްލޭނާ ދެކޮޅީ ކޮން ބައެއް؟

ސުލްހައިގެ ޕްލޭނަށް އެންމެ ބޮޑަށް ދެކޮޅުހަދަނީ އިސްރާއީލުގެ ކެބިނެޓުގެ މެންބަރުންނެވެ. ސަރުކާރު ހިންގާ ކޯލިޝަނުގެ ބައެއް ބައިވެރިންނެވެ. 

ހޮނިހިރުދުވަހު ނަތަންޔާހޫ ބުނެފައިވަނީ ހަމާސް ނައްތައިލެވުމުގެ ފުރުސަތު ނެތް އެއްވެސް ޕްލޭނަކަށް އެއްބަަސްނުވާނެ ކަމަށެވެ، ހަނގުރާމަކުރުމާއި ވެރިކަން ކުރުމުގެ ގާބިލުކަން ހަމާސްގެ ކިބައިން ބީނުވަނީސް ސުލްހަ ގާއިމުނުކުރާނެ ކަމަށެވެ. 

ޣައްޒާގެ މިހާރުގެ ހާލަތު ނަތަންޔާހޫ މާނަކުރާ ގޮތާއި އެމެރިކާގެ ސަރުކާރުން މާނަކުރާ ގޮތް ތަފާތެވެ. ބައިޑަން ދެކެވަޑައިގަންނަވާ ގޮތުގައި ޣައްޒާގައި ޙަމާސްގެ ބާރު ވަރަށް ބޮޑަށް ފަނޑުވެފައިވެއެވެ. އޭނާ ވިދާޅުވީ އޮކްޓޯބަރު ހަތެއްގައި ހަމާސްއިން ދިން ޒާތުގެ ހަމަލާއެއް ތަކުރާރުކުރުމުގެ ގާބިލުކަމެއް މިހާރު އެ ޖަމާއަތުގެ ކިބައިގައި ނެތްކަމަށެވެ.

ކުރިންވެސް ގިނަ ބަޔަކު ހީކުރި ފަދައިން އިސްރާއީލު ސަރުކާރުގައި ޝާމިލުވާ ހަރުކަށި ކަނާތުފިޔައިގެ ޕާޓީތަކާއި ލީޑަރުން އަންނަނީ ބަައިޑެންގެ ޕްލޭނަށް އެއްބަސްނުވުމަށް ބާރުއަޅަމުންނެވެ. އެއިން ބައެއް މީހުންވަނީ އެ ހުށަހެޅުމަށް އިސްރާއީލު ސަރުކާރުން އެއްބަސްވެއްޖެނަމަ ސަރުކާރު ދޫކޮށްލައި ވެރިކަންކުރާ އިއްތިހާދު ރޫޅައިލާނެކަމަށް އިންޒާރުކޮށްފައެވެ.  

އެހެންކަމުން ނަތަންޔާހޫގެ ނިންމުން ވަރަށް ބޮޑަށް ބަަރޯސާވާނީ ބަރުލަމާނީ ހިސާބުތަކަށެވެ. މިވަގުތު ހަރުކަށި ހައްދުފަހަނައެޅި ކަނާތުފިޔައިގެ ޕާޓީތަކުން ބަރުލަމާނުގެ ސާދަަ ގޮނޑި ކޮންޓުރޯލުކުރާއިރު، ސުލްހައަށް ތާއީދުކުރާ ގެންޓްޒްގެ ޕާޓީން ކޮންޓުރޯލުކުރަނީ އަށް ގޮނޑިއެވެ. ވެރިކަން ދެމެހެއްޓުމަށް ނަތަންޔާހޫއަށް ބޮޑަށް މުހިއްމުވާނީ ސާދަ ގޮނޑިއެވެ. 

އިދިކޮޅު ލީޑަރު ލެޕިޑް ޕާޓީގެ ސަތާރަ ގޮނޑިއާއެކު އެ ޕާޓީގެ ތާއީދު ނަތަންޔާހޫއަށް ލިބޭނީ ބައިޑެންގެ ހުށަހެޅުއްވުމާ ގުޅިގެން ނަތަންޔާހޫގެ ސަރުކާރުން އަމަލުކުރާ ގޮތެއްގެ މައްޗަށް ބިނާކޮށެެވެ. 

މި ޕްލޭން ކާމިޔާބުނުވެއްޖެނަމަ ނުކުންނާނީ ކޮން ނަތީޖާއެއް؟

ޣައްޒާ އޮތީ އިންސާނީ ކާރިސާއެއްގެ ތެރޭގައެވެ. މިލިއަނަކަށްވުރެ ގިނަ މީހުން ރަފަހު ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަކޮށްފިއެވެ. އިސްރާއީލުން އަންނަނީ އެ ސިޓީއަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މަރުވާ ފަލަސްޠީނު މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. 

ސިއްހީ ޚިދުމަތްތައް ހުރީ ހުއްޓިފައެވެ. މުހިއްމު އާލަތްތަކާއި ބޭސް ނުލިބުމުގެ ސަބަބުން މިހާރު ހިދުމަތްދޭ ހޮސްޕިޓާތަކާ ކުލިނިކުތަކުން ހިދުމަތެއް ނުލިބެއެވެ. ޣައްޒާގެ ބޮޑު ބައަކަށް ކަރަންޓާއި ފެންވެސް ނުލިބެއެވެ. 

ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފެށިފައިވާ އެއްވެސް މަޝްވަރާއެއް ރަނގަޅަށް ކުރިއަށްުނުގޮސް މަޑުޖެހިފައިވެއެވެ. އެހެންކަމުން މި ހުށަހެޅުމަށް އެއްބަސްނުވެވިއްޖެނަމަަ ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް އިންސާނީ ކާރިސާ އިތުރު ދުވަސްތަކަކަށް ދިގުލައިގެން ގޮސް، ޝަހީދުންގެ އަދަދު އިތުރުވެ، ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތިތައް އެތައް ގުނައެއް ބޮޑުވާނެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.