އިޒްރޭލު ޕާސްޕޯޓް މަނާ ކުރުން: ރައީސް މުއިއްޒު އިޖާބަ ދެއްވީ ދިވެހި ހިތްތަކުގެ ވިންދާއި ޒަމީރުގެ އާދޭހަށް

ސަރުކާރުން މި ނިންމުމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް ތަރުތީބު މަގުން، އިންތިޒާމީ ސިފައެއްގައި ހިންގާއިރު، އާންމު ޒިންމާއެއް ވެސް އެބައޮތެވެ.

ރައީސް މުއިއްޒާއި އެ މަނިކުފާނުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު
  •  މިއީ ކުރީން އެއްވެސް ސަރުކާރަކަށް އަޅާން ކެރުނު ފިޔަވަޅެއް ނޫން
  •  ހިތްވަރުގަދަ މި ނިންމުމަށް ރައްޔިތުންގެ ތާއީދު ބޭނުންވާނެ

އިއްޔެ ހަވީރު ރައީސް އޮފީހުގައި އޮތް ކުރު ނޫސްވެރިންގެ ބައްދަލުވުމުގައި، ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމި އެންމެ ބޮޑު ނިންމުން ދާހިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙުސާން އިއުލާނު ކުރެއްވި އެވެ. އެއީ އިސްރާއީލު މީހުންނަށް ރާއްޖެއަށް ނުވަދެވޭ ގޮތް ހެދުމަށް ޤާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ޚަބަރެވެ. މާ ގިނަ އިރުތަކެއްނުވެ ރޮއިޓާސްއާއި އެސޯސިއޭޓެޑް ޕްރެސްއިން ފެށިގެން ގޮސް ޑެއިލީ މެއިލް އާއި އިސްރާއީލާއި އަރަބި ދުނިޔޭގެ ކުދިބޮޑު މީޑިއާތަކުގެ ފަލަ ސުރުހީތަކުން އެ ހަބަރަށް ޖާގަ ހާއްސަކުރެވުނެވެ. ރައީސް މުއިއްޒުގެ އެ ނިންމެވުމަށް ދުނިޔޭގެ ސަމާލުކަން ލިބިއްޖެ އެވެ. 

އަރަބިންނާއި މުސްލިމުންގެ ތާރީފު މީސްމީޑިއާގައި އަންނަނީ އޮހެމުންނެވެ. ދިވެހި ދައުލަތުގެ އިއްޒަތާއި ކަރާމަތާއި ޝަރަފުގެ ތަރި މެދުއުނޑުން މައްޗަށް ތިލަވެލައި ވަރަށް ރީތިކޮށް ބަބުޅަނީ އެވެ. އިސްރާއީލު މީހުނާއި އެމީހުންނަށް ތާއީދުކުރާ ހުޅަނގުގެ އެކި ގައުމުތަކުގެ މީހުން ރާއްޖޭގެ ފަތުރުވެރިކަމަށް އެކަމުން ނޭދެވޭ އަސަރުކުރާނެ ވާހަކައާއި، އެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމަށް ބުނެ ފާޑުކިޔަނީ އެވެ. ބައެއްފަހަރު އާޑަފުރައްސާރަ ކުރުމުގެ ދަރަޖައަށެވެ. 

ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތީން ރައީސް މުޢިއްޒު އިއްޔެ ނިންމެވި ނިންމެވުމަކީ ލައްކަ ކަންކަމަކަށް ބައްލަވައި، އެފަދަ ނިންމުމަކާ ގުޅިގެން އަތުވެދާނެ އުދަ ރާޅުބާންޏާއި އޮއިވަރަށް އަތުވެދާނެ ބަދަލަކާއި، ކުރިމަތި ވެދާނެ ގޮންޖެހުންތަކަކަށް ބައްލަވާފައި ނިންމަވާނެ ނިންމެވުމެއް ކަމުގައި ގަބޫލު ކުރެވެއެވެ. އެކަމަކު އެއީ ފަސޭހަ ނިންމެވުމަކަށް ގައިމުވެސް ނުވާނެ އެވެ.

މާޒީގެ ރޮނގުމަތީން ރާއްޖެއާ އިސްރާއީލު

ރާއްޖެއާއި އިސްރާއީލުގެ މާޒީ ގޮސް ހުއްޓެނީ، އިސްރާއީލޭ ކިޔުނު ލުޓޭރުންގެ ބައިގަނޑު އދ. ގެ މެންބަރު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ވޯޓުދީ އިސްރާއީލާއެކު ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމާ ހަމައިންނެވެ. އިސްރާއީލާއެކު 1965 ވަނަ އަހަރު ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރި އެވެ. އިސްރާއީލުން ރާއްޖެއަށް ސަފީރެއް ކަނޑައަޅައި، ދިވެހިރާއްޖޭގެ އެއިރުގެ ރައީސަށް އޭނާ ސަފީރު ކަމުގެ ފަތްކޮޅު ވެސް އެރުވި އެވެ.

ދަރިވަރެއްގެ ގޮތުގައި މިސްރުގައި ހުންނަވައިގެން، ރައީސް އިބްރާހީމް ނާސިރުގެ ސަރުކާރުން ގެންގުޅުއްވި އިސްރާއީލާ ދޯޅު ސިޔާސަތަށް ފާޑުވިދާޅުވި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ސަރުކާރުގެ ސިޔާސަތު ފުރޮޅައިލެއްވި އެވެ. ފަލަސްތީނާ ގާތް ގުޅުމެއް ގާއިމު ކުރެއްވި އެވެ. ފަލަސްތީނުގެ ޒައީމު އަދި މިނިވަންކަމުގެ މުޖާހިދު ޔާސިރު އަރަފާތަށް ރާއްޖެއިން މަރުހަބާ ދަންނަވައި، ދިވެހި ފަސްގަނޑަށް އެމަނިކުފާނު ގެންނެވި އެވެ. ދިވެހިރާއްޖޭގެ ފެންވަރުން ފަލަސްތީނުގެ މުޖާހިދުންނަށް ވެވުނު އެހީތެރި ކަމެއް ވެސް ވިއެވެ. 

މިހެން މި ސިޔާސަތު ދެމިގެން އައިސް ޒަމާނުގެ ފުރޮޅުންތަކާއި ބަދަލުވުންތަކުގެ ތެރެއަށް ޣަރަގުވެ ރައީސް މައުމޫނުގެ ވެރިކަން ނިމުނީއެވެ. ދެން އައީ މުޅިން "އާ ގައުމިއްޔަތަ" ކާއި، އައު ހިޔާލާތެއްގެ ވެރި ވެރިކަމެކެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމެވެ. 

ދެހާސް ނުވަ ވަނަ އަހަރު ދިވެއްސަކަށް ދޮނެއް ކަޅެއް އަންގައި ނުލައި އެ ސަރުކާރުން އިސްރާއީލާއެކު އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއް ހަދައިފިއެވެ. އަދި 2010 ވަނަ އަހަރުގައި އިސްރާއީލުގެ ލޮލުގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެއަށް ގެނައެވެ. ޖެހިގެން އައި 2011 ވަނަ އަހަރު އެ ސަރުކާރުގެ ހާރިޖީ ވަޒީރު ކެރެފާ އަހްމަދު ނަސީމް ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި އިސްރާއީލަށް ވަޑައިގަތެވެ. ނަސީބަކުން އިސްރާއީލާއެކު ފުރިހަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމު ނުކުރެވެނީސް ތަގުދީރުގެ ނިޔާ އައިސް އެ ސަރުކާރާ ކުރިމަތިލައިފި އެވެ. އެ ނިމުނު ގޮތަކަށް އެ ސަރުކާރު ނިމިގެން ހިނގައްޖެ އެވެ. 

ދެން އައީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމެވެ. އިސްރާއީލާއެކު ހަދާފައި ހުރި ހުރިހާ އެއްބަސްވުމެއް ބާތިލު ކުރެއްވިއެވެ. އެ ވެރިކަމުގައި 2014 ވަނަ އަހަރު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ހުރިހާ އުފެއްދުންތަކެއް ބޮއިކޮޓުކޮށް ރާއްޖެއަށް އެތެރެކުރުން މަނާ ކުރެއްވިއެވެ. އަދި ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ ހުރިހާ މަންސަތަކެއްގައި ރާއްޖެއިން ވަކާލާތު ކުރާނެކަން ސަރުކާރުން އިއުލާނުކޮށް، އެ ވަކާލާތުގެ އަޑު ހަރުކުރި އެވެ. 

މައްސަލައާ އެންމެ ބޮޑަށް ގުޅުންހުރި ވަޒީރުން ދިވެހި ސަރުކާރުގެ ނިންމުން އިއްޔެ އިއުލާން ކޮށްދެއްވަނީ

އަބަދުވެސް އިސްރާއީލު ފަތުރުވެރިން އާދޭ

އެއްވެސް މަރުހަލާއެއްގައި އިސްރާއީލު މީހުން ރާއްޖެއަށް އައުން މަނާވެފައެއް ކުރިން ނެތެވެ. މީގެ ކުރިން އެންމެ ފުޅާ ދާއިރާއެއްގައި އިސްރާއީލާ ދެކޮޅަށް އަޑު އުފުއްލެވި އަދި ފަލަސްތީނުގެ މުޖާހިދުންނާއި ލީޑަރުންނާ ގާތް ގުޅުމެއް ބޭއްވެވި ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް އިސްރާއީލު ފަތުރުވެރިން ރާއްޖެއަށް ދިޔައީ އަންނަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު 2003 ވަނަ އަހަރު 548 އިސްރާއީލު މީހުން އައެވެ. އެ އަދަދު 2006 ވަނަ އަހަރު 846 މީހުންނަށް އިތުރުވި އެވެ. 

އަހަރުން އަހަރަށް އިސްރީލު މީހުން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އިތުރުވަމުން ގުނަވަމުން ގޮސް 2023 ވަނަ އަހަރު ނިމުނުއިރު އެ އަދަދު 11،000 އާ ގާތްކުރާ މިންވަރަކަށް އިތުރުވި އެވެ. 

އަހަރުން އަހަރަށް ރާއްޖެއަށް އަންނަ އިސްރާއީލު ފަތުރުވެރިން އިތުރުވަމުން ދިޔައިރު މިއިން ކޮންމެ ދުވަސްވަރެއްގައި ވެސް އިސްރާއީލުން ދިޔައީ އެކި އުދުވާނުތައް ހިންގަމުންނެވެ. ދެހާސް އަށް ވަނަ އަހަރު އިސްރާއީލުން 22 ދުވަހަށް ދެމިގެންދިޔަ ހަނގުރާމައެއް ޣައްޒާއާ ދެކޮޅަށް ހިންގިއެވެ. އެ ހަނގުރާމާގައި 1،400 އެއްހައި ފަލަސްޠީނު މީހުން ޝަހީދުވި އެވެ. 

ދެހާސް ސާދަ ވަނަ އަހަރު އިސްރާއީލުން ޣައްޒާއަށް ދިން ހަތް ހަފުތާއަށް ދެމިގެންދިޔަ ހަމަލާތަކުގައި 2،100 ފަލަސްޠީނު ރައްޔިތުން ޝަހީދުވި އެވެ. މިއީ ބައެއް ބޮޑެތި އުދުވާނެވެ. ދޭތެރެއަކުން ހިންގައިލާ ކުދިކުދި އުދުވާންތަކުގެ ތެރެއިން ލޭގެ ސައިލު ދެމިދެމި އޮތެވެ. 

ނަމަވެސް އިސްރާއީލު ޕާސްޕޯޓު ބޭނުން ކޮށްގެން ރާއްޖެ އެތެރެވުން އޮތީ ތަންމިނަށް ހުޅުވިފަ އެވެ. ފަހަރުގައި އެކަމަށް ދިވެހިން އެކަށީގެންވާ ހަރު އަޑަކުން އެދި ގޮވައި ނުގަންނާތީ ނުވެފައި އޮތީއެވެ. ނުވަތަ އެހެނިހެން ސަބަބުތަކެއް ހުރެގެން އެއްވެސް ވެރިއަކަށް މިކަން ކުރައްވަން ކެރިވަޑައިނުގެން އޮތީއެވެ. ކެރިވަޑައިނުގެންފާނެ ސަބަބުތައް ވެސް މަދެއް ނޫނެވެ. 

ޞިހްޔޫނީ ލޮބީގެ ބާރު

އިސްރާއީލު ވުޖޫދަށް ގެނައި ޞިހްޔޫނީ / ޒައިނިސްޓް ހަރަކާތަކީ ޔޫރަޕުގެ ބަނޑުން އުފަންވެ، އެމެރިކާއިން އެޑޮޕްޓުކުރި ދަރިއެކެވެ. އެ ފިކުރުގެ މޫތައް ޔޫރަޕާއި އެމެރިކާގެ އެންމެ ފުނަށް ވާސިލު ވެއެވެ. ނަމަވެސް ރާއްޖެއަށް މުހިއްމީ ޔޫރަޕެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު އަދަދެއް އަންނަނީ ޔޫރަޕު ގައުމުތަކުންނެވެ. އިޓަލީއާއި ފުރާންސާއި، އިނގިރޭސިވިލާތާއި، ސްޕެއިން ފަދަ ގައުމުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އަބަދުވެސް މުހިއްމު ސޯސް މާކެޓުތަކެވެ.

ޔޫރަޕުގެ އާބާދީގައި ޔަހޫދީންގެ ބައިވެރިވުން އޮވެއެވެ. އިންސްޓިޓޫޓް ފޯ ޖުއިޝް ޕޮލިސް ރިސާޗްއިން އަންދާޒާކުރާ ގޮތުގައި ޔޫރަޕުގެ ކޮންމެ 1،000 މީހުންގެ ތެރެއިން އެކަކީ ޔަހޫދީއެކެވެ. ހުރިހާ ޔަހޫދީންނަކީ ޞިހުޔޫނީންނެއް ނޫނެވެ. އަދި ކޮންމެ ޔަހޫދީއަކީ އިސްރާއީލަށް ތާއީދުކޮށް، އިސްރާއީލުން ހިންގާ ޖަރީމާތަކަކީ ނަފްސު ދިފާއު ކުރުމުގެ ޖާއިޒު އަމަލުތަކެއް ކަމަށް ގަބޫލުކުރާ އަދި އެގޮތަށް އިއުތިގާދުވެ އީމާން ވެގެން އުޅޭ މީހަކަށް ނުވާނެ އެވެ. ޔަހޫދީންގެ ތެރޭގައި އިސްރާއީލާ ދެކޮޅު މީހުން މަދުނޫން އަދަދަކަށް އެބަތިއްބެވެ. 

ނަމަވެސް އިސްރާއީލަށް މަދަދުވެރިވާ ޔަހޫދީ ގުރޫޕުތަކަކީ ޔޫރަޕުގައި ބާރުގަދަ ގުރޫޕުތަކެކެވެ. މިއީ ކޮންސްޕިރަސީއެއް ނޫނެވެ. ދިރާސާތަކުން ފެންނާން އޮތް ހަގީގަތެކެވެ. 

ޔުނިވަސިޓީ އޮފް ބާތުއިން ޝާއިއު ކުރި ދިރާސީ ކަރުދާހެއްގައި ޔޫރަޕިއަން ޔޫނިއަނުގެ މައި މަރުކަޒު ކަމަށްވާ ބްރަސަލްސްގައި ގާއިމުވެ، ބްރަސަލްސްގެ ނިޒާމުގެ ތެރެއަށް މޫލައި އަތްފައި ބާނައިގެން ރަނގަޅަށް ސަވާރުވެފައި ތިބި ޞިހުޔޫނީ ބައެއް ލޮބީ ގުރޫޕުތައް ފާހަގަ ކޮށްފައި ވެއެވެ. އޭގެ ތެރޭގައި އޭޖޭސީ ޓްރާންސްއެޓްލާންޓިކް އިންސްޓިޓޫޓާއި، ޔޫރަޕް އިސްރާއީލް ޕްރެސް އެސޯސިއޭޝަންއާއި، ޔޫރަޕިއަން ފައުންޑޭޝަން ފޯ ޑިމޮކްރަސީ، ޔޫރަޕިއަން ކޯލިޝަން ފޯ އިސްރާއީލް ފަދަ އެތައް މުއައްސަސާއަކާއި ޖަމްއިއްޔާ ޖަމާއަތްތައް ހިމެނެއެވެ. 

މިއިން ބައެއް ލޮބީ ގުރޫޕުތައް މަސައްކަތްކުރަނީ ޔޫރަޕުގެ ސިޔާސަތުތައް އިސްރާއީލާ އެއްކޮޅަށް އަނބުރައިލުމަށެވެ. އަނެއްބައި ޖަމާއަތްތަކުގެ މަސައްކަތުގެ ނާރެހަކީ އިސްރާއީލާ އެއްކޮޅު ނެރޭޓިވްތައް މީޑިއާގައި ފަތުރައި އާންމުކޮށް، އިސްރާއީލާ ދެކޮޅު ކޮންމެ ހަރަކާތެއް ނުވަތަ ކޮންމެ ވިސްނުމެއްގެ ސޫރަ ކިލަނބުކޮށްލުމެވެ. 

މި ލޮބީގެ އެންމެ ބޮޑު އެއް މަސައްކަތަކަށް ވެފައި އޮންނަނީ އިސްރާއީލާ ދެކޮޅަށް ބުރަދަން ހުރި ފިޔަވަޅެއް އަޅައިލި ގައުމެއް، ޖަމާއަތެއް، ފަރުދެއްނަމަހީވެސް، "އެންޓި ސެމައިޓް" ގެ ލައްގަނޑު ޖަހައި، ނާޒީންނާ އެއްގޮތް ކޮށްގެން އެ ގައުމެއް ނުވަތަ ޖަމާއަތެއް ނުވަތަ ފަރުދެއްގެ އަގު ވައްޓައިލުމެވެ. ޔޫރަޕަކީ "ސާމީންނާ ދެކޮޅުވުމުގެ" ތާރީހެއް އޮތް ތަނެކެވެ. 

ދެވަނަ ބޮޑު ހަނގުރާމައާއި އޭގެ ކުރިން ހިންގި އިންކުއިޒިޝަންތަކާއި ގަތުލު އާންމުތަކުގެ ތާރީހަކީ ދިގު ތާރީހެކެވެ. ހާއްސަކޮށް ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕުގެ ޒަމީރު އެ ތާރީހުގެ އަނދިރި އަނިޔާވެރި ކަމަށް ހޭވެރިވެފައި ވުމުން، އެ ޒަމީރުގައި އުފެދިފައިވާ ކުށްވެރިކަމުގެ އިހުސާސް ނުވަތަ ގިލްޓްގެ ނާޖާއިޒު ފައިދާ ނަގައިގެން، އިސްރާއީލަށް އަމާޒުވާ ކޮންމެ ފާޑުކިޔުމެއް އަދި ކޮންމެ ނުރުހުމުގެ އަމަލެއް ބަދަލު ކޮށްލަނީ އެންޓި ސެމިޓިކް އަމަލަކަށެވެ. 

މި ލޮބީ ގުރޫޕުތަކުގެ މަސައްކަތުގެ ސަބަބުން ޔޫރަޕުގެ މީޑިއާގައި އަދި އާންމު ގަބޫލު ކުރުމުގައި ވެސް އިސްރާއީލާ ދެކޮޅުވުން، އިސްރާއީލުގެ ޖަރީމާތައް ކުށްވެރިިކުރުމާއި، އެކަމުގައި ހަރުދަނާ ބުރަދަންހުރި އާރުލާ ފިޔަވަޅެއް އެޅުން ތަސައްވުރު ވަނީ ނަސްލީ ތައައްސުބަކުން އުފަންވާ ކަމެއްގެ ގޮތުގަ އެވެ. އެހެންކަމުން ރާއްޖެފަދަ ޔޫރަޕުގެ ފަތުރުވެރިންނަށް ބަރޯސާވާ ގައުމަކަށް މި ލައްގަނޑު ޖަހައި، އެ ތައްގަނޑަށް ފައްތައި، އެ ސޫރާގައި ދައްކައިލުމުން ލިބިދާނެ ގެއްލުމެއްގެ ބިރު އޮންނަނީ ބޮޑުވެފައެވެ. ފަހަރުގައި ފާއިތުވި ސަރުކާރުތައް ހާއްސަކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުތަކަށް އިސްރާއީލު މީހުން ރާއްޖެ އައުން މަނާކުރަން ނުކެރުނު ސަބަބެއް ކަމަށް މި ހަގީގަތްވުން ގާތެވެ.

ދެން ވާންވީ ކިހިނެއް؟

އިސްރާއީލު ޕާސްޕޯޓު ބޭނުން ކޮށްގެން ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށް ސަރުކާރަން ނިންމީ އެކަމަށް ވަގުތު ނަގައިގެންނެވެ. ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު "ބޭން އިސްރާއީލް ޕާސްޕޯޓް" އޮތީ ރައްޔިތުންގެ ހަރަކާތަކަށް ވެފައެވެ. އިސްރާއީލު ފަތުރުވެރިންނަށް ރާއްޖޭގެ ދޮރުތައް ބަންދު ކުރަން ގޮވައިލާ އަޑު އޮތީ ގުގުމާ އަޑަކަށްވެފަ އެވެ. ކުރީގެ އެމްޑީޕީ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތާއި ފުރިހަމަ ބާރު އޮވެމެ އެކަމުގައި ހަރުދަނާ ފިޔަވަޅެއް އޮތީ ނާޅައެވެ. 

ފާއިތުވެގެން ދިޔަ ހައެއްކަ މަސްދުވަހު މިދެންނެވި އަޑެއް ދިވެހި ފަޒާއިން ކެނޑިއެއް ނުދެއެވެ. ރައީސް މުއިއްޒުގެ ސަރުކާރުން އިއްޔެ ނިންމި ނިންމުން ނިންމާފައި އެވަނީ ދިވެހި ރައްޔިތުންގެ އެ ގޮވައިލުމަށް އިޖާބަދިނުމުގެ ގޮތުންނެވެ. ނަމަވެސް ފާއިތުވި މުއްދަތުގައި މި ނިންމުމާ ހަމައަށް ވާސިލުވުމަށް އާންމުންގެ ލޯތަކަށް ނުފެންނަ ފަށުގައި މަސައްކަތްތަކެއް ހުންނާނީ ކުރެވިފައެވެ. ދިރާސާތަކެއް ހެދި ބެލުންތަކެއް ބެލިފައެވެ. މި ނިންމުމާއެކު ކުރިމަތިވެދާނެ ގޮންޖެހުންތައް ހުންނާނީ ވަޒަން ކުރެވި ހިސާބު ކުރެވިފަ އެވެ. އެކަންކަމަށް އަޅާންޖެހޭ ފިޔަވަޅުތައް ހުންނާނީ ދެނެގަނެވި ކަރުދާހަށް ދެލި ކުރެވިފައެވެ. 

އެހެންކަމުން ކުރިއަށް އޮތީ އެ ކަންކަން ތަންފީޒު ކުރުމުގެ މަރުހަލާއެވެ. ސަރުކާރުގެ ނިންމުމަކީ ދިވެހިންގެ ހިތްތަކުގެ ވިންދާއި، ޒަމީރުގެ އާދޭހަށް ދިން އިޖާބައެކެވެ. އެ ނިންމުން ދިފާއުކޮށް، އެ ނިންމުމުގެ ފަހަތުގައިވާ ސަބަބުތަކާއި އެފަދަ ނިންމުމަކަށް ވާސިލުވެވުނު ގޮތް ރަނގަޅަށް ދިވެހި ދައުލަތުން ބުނެދޭން ވާނެ އެވެ. މިއީ އިންސާނިއްޔަތަށްޓަކައި، އިންސާނީ ފުރާނައިގެ އަގު ވަޒަން ކުރުމުގެ ގޮތުން ނިންމި އިހުތިޖާޖުގެ ނިންމުމެއް ކަމެވެ. އެ ނިންމުމުގެ ފަހަތުގައި އުންސުރީ ތައައްސުބެއް، ދީނީ ރުޅިވެރިކަމެއް ނެތްކަމެވެ.

ސަރުކާރުން މި ނިންމުމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް ތަރުތީބު މަގުން، އިންތިޒާމީ ސިފައެއްގައި ހިންގާއިރު، ޒިންމާއެއް ވެސް އެބައޮތެވެ. އިންތިޚާބުކުރި ރައީސް މުއިއްޒުގެ ގޮވައިލުންތަކަށް އިޖާބަދެއްވައި ނިންމެވި ނިންމެވުން ދިފާއު ކުރުމަށް އެމަނިކުފާނުގެ ފަހަތްޕުޅުގައި ސަފުތައް ބަދަހިކޮށް ރުކުރުވައިލުމެވެ. މި ނިންމުމުގެ އަސްލާއި ހަގީގަތް ނޯޅޭނެހެން، އެމަނިކުފާނަށް މަދަދުވެރި ތާއީދުކުރުމުގައި ދެމިތިބުމެވެ. ސިޔާސީ ދެބަސްވުންތަކާއި ކޯޅުންތައް އެއްފަރާތްކޮށް، ދިވެހިންގެ ގޮތުގައި އެ ނިންމުމުގައި ސާބިތުވެ ތިބުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.