މިނިސްޓަރު ޑޮންގް ޖޫން ވިދާޅުވާ ގޮތުގައި ތައިވާން ޗައިނާއާ ވަކި ކުރަން ބާރު އަޅައި ހިތްވަރު ދޭ މީހުން ކުދިކުދިވެ، އަމިއްލަ އަށް ހަލާކުވެގެން ދާނެ އެވެ.
ޓައިވާނުގެ މިނިވަންކަން "ގަދަބާރުން" ހުއްޓުވަން ވިޔަސް ޗައިނާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށާއި ނަމަވެސް މި މައްސަލާގައި އެމެރިކާއާއެކު އިތުރަށް މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް ގޮވާލާ ކަމަށް ޗައިނާގެ ޑިފެންސް މިނިސްޓަރު ޑޮންގް ޖޫން ވިދާޅު ވެއްޖެ އެވެ.
ސިންގަޕޫރުގައި އާދީއްތަ ދުވަހު ބޭއްވި ޝަންގްރިއްލާ ޑައިލޮގް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޑޮންގް ވިދާޅުވީ ތައިވާނަކީ ޗައިނާގެ އެންމެ ބޮޑެތި މައްސަލަތަކުގެ ސަބަބު ކަމަށާއި ނަމަވެސް ތައިވާނުގެ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީން ދަނީ ވަކިވެ ގަތުމުގެ ވިސްނުން އިސްކޮށް ޗައިނާގެ އައިޑެންޓިޓީ ފޮހެލުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
"ތައިވާން ޗައިނާއާ ވަކި ކުރަން ހިތްވަރު ދޭ މީހުން ކުދިކުދިވެ، އަމިއްލަ އަށް ހަލާކު ވާނެ" ޑޮންގް ޖޫން ވިދާޅުވި އެވެ.
ޓައިޕޭގެ ދެކޮޅު ހެދުންތަކާ އެކުވެސް ޗައިނާއިން ތައިވާނަކީ އެ ގައުމުގެ އަމިއްލަ ސަރަހައްދެއްގެ ގޮތުގައި ދެކޭއިރު، މިދިޔަ މަހުގެ 20 ވަނަ ދުވަހު ތައިވާނުގެ އާ ރައީސް ވިލިއަމް ލައި ޗިންގް-ޓޭ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ޗައިނާއަށް ރައްދު ދެއްވުމުން އެކަމުގެ ނުރުހުމުގައި ޗައިނާއިން ވަނީ ތައިވާނުގެ ވަށައިގެން ހަނގުރާމައިގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފަ އެވެ.
އާދީއްތަ ދުވަހު ބޭއްވި ފޯރަމްގައި ޑޮންގް ވިދާޅުވީ ޗައިނާ ޕީޕަލްސް ލިބަރޭޝަން އާމީއަކީ އަބަދުވެސް މާދަރީ އެއްބައިވަންތަކަމުގެ ދިފާއުގައި ނުގުޑާނެ ބާރުގަދަ ބާރެއް ކަމަށާއި ތައިވާނުގެ މިނިވަންކަން ނިގުޅައިގަތުމަށާއި އެ ގައުމުން ކުރާ މަސައްކަތްތަކަށް ކާމިޔާބެއް ނުލިބޭނެ ކަން ކަށަވަރު ކުރުމަށް ކޮންމެ ވަގުތަކު ވެސް ސާބިތު ކަމާއި މަސައްކަތް ކުރާނެ ކަމަށެވެ.
ޗައިނާގެ މިނިސްޓަރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ތައިވާނުގެ ސަރުކާރުން ބުނީ، "ހަރުކަށި އަދި ބުއްދިއެއް ނެތް" އެ ވާހަކަތަކާ މެދު ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.
ސިންގަޕޫރުގައި ޑޮންގް މިހެން ވިދާޅުވެފައި މިވަނީ ޗައިނާ އާއި އެމެރިކާގެ ދިފާއީ އިސްވެރިންގެ މެދުގައި 18 މަސް ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބައްދަލުކޮށް ބޭއްވުނު މަޝްވަރާ ތަކަށް ފަހު އެވެ. މި ފޯރަމް ބާއްވާ ލަގްޒަރީ ހޮޓަލުގައި ޑޮންގް އާއި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އެއް ގަޑިއިރަށްވުރެ ގިނަ އިރަށް ބައްދަލު ކުރެއްވި އެވެ.
ޝަންގްރިއްލާ ޑައިލޮގްގައި ވާހަކަފުޅު ދައްކަވަމުން ޑޮންގް ވިދާޅުވީ އެމެރިކާ އާއި ޗައިނާ އަބަދުވެސް އެކްސްޗޭންޖާއި އެއްބާރުލުން ދޭން ހުޅުވާލެވިފައިވާ ކަމަށާއި ނަމަވެސް މިކަމަށް ދެ ފަރާތުން ވެސް މެދުތެރެއިން ބައްދަލު ކުރަން ޖެހޭ ކަމަށެވެ.
މި ބައްދަލުވުމަށް ފަހު އޮސްޓިން ވިދާޅުވީ އެމެރިކާ އާއި ޗައިނާގެ އަސްކަރީ ކޮމާންޑަރުންގެ މެދުގައި ފޯނުން ދެކެވޭ ވާހަކަތައް ކުރިއަށް އޮތް މަސްތަކުގައި އަލުން ފަށާނެ ކަމަށެވެ. ދެ ގައުމުގެ ސަލާމަތީ ގުޅުން ހަމައަކަށް އެޅިފައިވާ ކަމަށެވެ.
ނިއުކްލިއާ ހަތިޔާރު ލިބިފައިވާ ވާދަވެރި ދެ ގައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަ ކުރުމަށް ރައީސް ޖޯ ބައިޑަންގެ ސަރުކާރާއި ޗައިނާއިން މުވާސަލާތީ ގުޅުންތައް ވަރުގަދަ ކުރަމުން އަންނައިރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވަނީ މިދިޔަ މަހު ބެއިޖިން އާއި ޝަންހާއީއަށް ޒިޔާރަތް ކުރައްވާފަ އެވެ.
ޗައިނާ އިން އެމެރިކާއާއެކު އަސްކަރީ މުއާމަލާތްތައް ހުއްޓާލީ 2022 ވަނަ އަހަރު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އޭރުގެ ރައީސް ނެންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެނެވެ.
ޗައިނާގެ ބިންކޮޅެއް ކަމަށް ޗައިނާ އަބަދުވެސް ބުނާ ޓައިވާނު ހިމެނޭ ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ފިލިޕީންސްގެ އުޅަނދުތަކާ ގިނަ ފަހަރަށް ކުރިމަތިލުންތައް ހިނގަމުން އަންނަ ސަރަހައްދާ ބެހޭ ގޮތުން ޑޮންގް ވަނީ ބެއިޖިންއިން "ލިމިޓްތަކެއް" ކަނޑައަޅަން ޖެހޭ ކަމަށް ބުނެފަ އެވެ.
ދެކުނު ޗައިނާ ކަނޑުގައި ހަމަނުޖެހުން އުފައްދަން އެމެރިކާއިން ފިލިޕީންސް ބޭނުން ކުރަނީ "މަނާފުކެއް"ގެ ގޮތުގައި ކަމަށް ޗައިނާއިން ތުހުމަތު ކުރެ އެވެ.