ސައްމާހު ބަންދުނުކުރުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަނީ

ދަށު ކޯޓުން ސައްމާހުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމާފައިވާތީ އޭނާ ބަންދުނުކުރަން ހައިކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފުކުރުމަށް ނިންމާފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

މީގެ ހަތް އަހަރު ކުރިން ވ.ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރައިލި މައްސަލާގައި ދައުވާކޮށްފައިވަނިކޮށް ކުށް ސާބިތުނުވި އިބްރާހީމް ސައްމާހު ފަތުހީ، އިސްތިއުނާފު މަރުހަލާގައި ބަންދުނުކުރަން ހައިކޯޓުން ނިންމުމާ ގުޅިގެން އެ ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ. 

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރިކަމުގެ ކުށުގެ ދައުވާ ސައްމާހުގެ މައްޗަށް އުފުލައި ހިންގި ޝަރީއަތަށްފަހު ކުރިމިނަލް ކޯޓުން މި އަހަރުގެ ޖަނަވަރީ 23 ވަނަ ދުވަހު ހުކުމްކުރީ އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށެވެ. 

އެ ހުކުމް ޕީޖީ އޮފީހުން އިސްތިއުނާފުކޮށް ހައިކޯޓުގައި އެދިފައިވަނީ އިސްތިއުނާފު ނިމެންދެން އޭނާ ބަންދުކުރުމަށެވެ. ނަމަވެސް ހައިކޯޓުން ނިންމާފައިވަނީ ދައުލަތުން އެދުނު ގޮތަށް އޭނާ ބަންދުކުރެވެން ނެތް ކަމަށެވެ. ހައިކޯޓުގެ އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. 

ސައްމާހުގެ ބަންދާމެދު ދައުލަތުން ސުޕްރީމް ކޯތަށް ހުށަހެޅި އިސްތިއުނާފީ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ ސައްމާހުގެ ބަންދާމެދު ހައިކޯޓުން އަލުން ގޮތެއް ނިންމަންޖެހޭ ކަމަށެވެ. 

އެ މައްސަލަ އަލުން ބެލުމަށްފަހު ހައިކޯޓުން ނިންމާފައިވަނީ ސައްމާހުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ދަށު ކަނޑައަޅާފައިވާތީ އޭނާ ބަންދުނުކުރެވޭނެ ކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބަޔާންކުރާ ކަންކަމާމެދު ދަށު ކޯޓުން ގޮތެއް ނިންމާފައިވާ ކަމަށެވެ. 

ދަށު ކޯޓުން ސައްމާހުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވާތީ މި މަރުހަލާގައި އޭނާއަކީ ކުށުގެ ތުހުމަތެއް އޮތް މީހެއްކަމަށް ނުބެލެވޭނެ ކަމުގައި ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ. 

ހައިކޯޓުގެ އެ ނިންމުން އިސްތިއުނާފުކުރުމަށް ނިންމާފައިވާކަމަށާއި މިއަދުގެ ވަގުތެއްގައި އިސްތިއުނާފީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ. 

މޫސަގެ މަރުގެ މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެއީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަން އާއި ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އަދި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދުގެ މައްޗަށެވެ. މީގެ ތެރެއިން ކުށް ސާބިތުގައި ވަނީ އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

މި މައްސަލައިގައި ކުށް ސާބިތު ނުވާކަމަށް ކަނޑައަޅާފައިވާ ރިޔާޒާއި އިޖާދުގެ މައްސަލަ ވެސް ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މޫސާ އަހްމަދު މަރާލާފައި ވަނީ މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.