ފުރަތަމަ ހަތަރު މަސް: ރިސޯޓުތައް އިތުރުވެ، އޮކިއުޕަންސީ ރޭޓު މައްޗަށް

ފަތުރުވެރިކަމުގެ ސިނާއަތުގެ އޮކިއުޕަންސީ ރޭޓު 72.7 އިންސައްތައަށް އަރާފައިވެއެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި އޮކިއުޕެންސީ ރޭޓު ހުރީ 69.5 އިންސައްތައިގައެވެ.

ޓޫރިޒަމް ފަތުރުވެރިކަން ޓޫރިސްޓުން ފަތުރުވެރިން ކްރޫޒަ ލައިނާ ފޮޓޯ: ޔާމިން މުޙައްމަދު / މިރާ

މި އަހަރުގެ ފުރަތަމަ 4 މަހު ރާއްޖޭގައި ހިންގި ރިސޯޓުތަކުގެ އަދަދު ނިމުނު އަހަރާ އަޅާބަލާއިރު އިތުރުވެފައިވާއިރު، ޓޫރިސްޓު އޮކިއުޕަންސީ ރޭޓުވެސް މައްޗަށް ގޮސްފައިވާކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

މަހަކު އެއްފަހަރު މަރުކަޒީ ބޭންކު އެމްއެމްއޭއިން އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރުގެ ޖަނަވަރީން އޭޕްރީލުގެ ނިޔަލަށް ރާއްޖެއަށް ދަތުރުކުރީ 5،841 އިންޓަނޭޝަނަލް ފުލައިޓެވެ. މި އަހަރުގެ އެ މުއްދަތުގައި 5،982 އިންޓަނޭޝަނަލް ފުލައިޓު ރާއްޖެއަށް ދަތުރުކޮށްފައިވެއެވެ. 

ރާއްޖެއަށް މި އަހަރު ފުރަތަމަ ހަމަހުގައި ދަތުރުކުރި ޝެޑިއުލް ފުލައިޓުތަކުގެ އަދަދަކީ 5،378 ފުލައިޓެވެ. ޗާޓާޑް ފުލައިޓުތަކުގެ އަދަދަކީ 604 ފުލައިޓެވެ. 

އެ ހަތަރު މަހު ރާއްޖެއަށް 772،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ 688،000 އެއްހައި ފަތުރުވެރިންނެވެ. އެއާއެކު ފަތުރުވެރިކަމުގެ ސިނާއަތުގެ އޮކިއުޕަންސީ ރޭޓު 72.7 އިންސައްތައަށް އަރާފައިވެއެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި އޮކިއުޕެންސީ ރޭޓު ހުރީ 69.5 އިންސައްތައިގައެވެ. 

އޮކިއުޕަންސީ ރޭޓު މަތިވިއިރު ރާއްޖޭގައި ރަޖިސްޓަރީކުރެވިފައިވާ އެނދުގެ އަދަދުވެސްވަނީ އިތުރުވެފައެވެ. ފާއިތުވި އަހަރުގެ ފުރަތަމަ ހަތަރު މަހުގައި ރަޖިސްޓަރީކޮށްފައިވާ އެނދުގެ އަދަދަކީ 61،445 އެނދެވެ. މި އަހރުގެ ފުރަތަމަ ހަތަރު މަހު އެ އަދަދުވަނީ 63،027 އަށް އިތުރުވެފައެވެ. 

އޭގެ އިތުރަށް ނިމުނު އަހަރަށްވުރެ ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ އަދަދުވެސްވަނީ އިތުރުވެފައެވެ. އެގޮތުން ނިމުނު އަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖޭގައި އޮޕަރޭޓުކުރަމުން އައީ 169 ރިސޯޓެވެ. މި އަހަރުގެ އޭޕްރީލުގެ ނިޔަލަށް އެ އަދަދުވަނީ 175 ރިސޯޓަށް އިތުރުވެފައެވެ. 

ސަރުކާރުގެ އަމާޒު؛ ފަތުރުވެރިން އަންނަ އަދަދު 2 މިލިއަނަށް ގެންދިއުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު މި އަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 2 މިލިއަނަށް ގެންދިއުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. އެ އަމާޒަށް ވާސިލުވުމުގެ ގޮތުން މި އަހަރު ފެށުމާ ހަމައަށް މަޑުޖެހިފައި އޮތް ޗައިނާ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަކީ ޗައިނާއެވެ. އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު ލައްކައަކާ ގާތްކުރެއެވެ. ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލު ވިދާޅުވި ގޮތުގައި އޮފް ސީޒަނުގައި އަންނަ ފަތުރުވެރިން މަދުވި ނަމަވެސް އޮފް ސީޒަން ނިމުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒާ އެއްވަރަށް ފަތުރުވެރިން އަންނާނެކަމުގެ ޔަގީންކަން ބޮޑެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.