އިންޑިއާ އައުޓް ގަރާރު ބާތިލުކުރަން ހުށަހެޅި މައްސަލާގައި ދެން އޮންނާނީ ހުކުމްކުރުން

ސިވިލް ކޯޓް ހިންގާ ޖަސްޓިސް ބިލްޑިން

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއްކަމަށް ކަނޑައަޅައި، އެ ގަރާރު ބާތިލުކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމްކުރުމާ ހަމައަށް ގޮސްފިއެވެ. 

2022 ވަނަ އަހަރުގެ އޭޕްރީލު މަހުގައި އެއިރުގެ ރައީސް ނެރުއްވި މި ގަރާރަކީ އިންޑިއާ އައުޓް ހަރަކާތަކީ ސިޔާސީ މަގުސަދެއްގައި ވަކި ގައުމަކާ ދެކޮޅަށް ހިންގާ ހަރަކާތެއްކަމަށް ކަނޑައަޅުއްވައި، ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އެ ހަރަކާތް ހުއްޓުވުމަށް އަމުރުކުރައްވައި ނެރުއްވި ގަރާރެކެވެ. 

އެ ގަރާރު ބާތިލުކުރުމަށް އެދިވަޑައިގެން ސިވިލް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައިވަނީ އެއިރު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެެ. އެމަނިކުފާނު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ރައީސް ސޯލިހު ނެރުއްވި ގަރާރުން ހިޔާލު ފާޅުކުރުމުގެ އަސާސީ ހައްގު ހިފަހައްޓާފައވަނީ ގާނޫނު އަސާސީގައި އަަސާސީ ހައްގުތައް ހިފަހެއްޓުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުންކަމަށެވެ. 

އަދި އެ މައްސަލާގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވަނީ އެ ގަރާރަކީ ޣައިރު ގާނޫނީ ގަރާރެއްކަމަށް ނިންމައި، އެ ގަރާރު ބާތިލުކުރުމަށެވެ. 

މިއަދު އެ މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި ބާއްވާފައިވާއިރު، މިއަދުގެ އަޑުއެހުމުގައި އޮތީ މައްސަލަ ހުށަހެޅުއްވި ރައީސް ޔާމީނާއި، އެ މައްސަލަ ރައްދުވާ ބަންޑާރައިނުގެ ފަރާތުން ހުލާސާ ގޮތެއްގައި ވާހަކަދެއްކުމެވެ. ދެ ފަރާތުން ހުލާސާކޮށް ވާހަކަދައްކައި ނިމުމުން ދެން އޮންނާނީ ހުކުމް ކުރުމެވެ. 

އެ މައްސަލަ ސިވިލް ކޯޓުގައި ބައްލަވާ ގާޒީ މިއަދުގެ އަޑުއެހުން ނިންމަވައިލެއްވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނަ އަޑުއެހުމެއްގައި އެ މައްސަލައިގެ ހުކުމް އިއްވަވާނެކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް ދެން އަޑުއެހުން ބާއްވަން ތާވަލުކުރާނެ ތާރީހެއް އިއުލާނު ނުކުރައްވައެވެ. 

ސަރުކާރު ބަދަލުވުމަށްފަހު އެ ގަރާރު ބާތިލުނުކުރާތީ ރައީސް ޔާމީންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި އިންޑިއާ އައުޓް ހަރަކާތް ހިންގެވުމަށް މިހާރުވެސް އޮތް ހުރަހަކީ އެ ގަރާރެވެ. އެހެންކަމުން އެ ގަރާރު ބާތިލުކުރަން ސަރުކާރުން ފަސްޖެހޭކަމަށް އެމަނިކުފާނު ތުހުމަތުކުރައްވައެވެ.

އިންޑިއާ އައުޓް ހަރަކާތް

އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ގާއިމުވެގެން ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަށް ގޮވައިލާ އެއިރުގެ އިދިކޮޅު ޕާޓީތަކުން ހިންގި ހަރަކާތެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލެއްވުމަށް ވައުދުވެވަޑައިގެންނެވެ. 

އިންތިހާބުވެވަޑައިގަތުމާއެކު އިންޑިއާ ސަރުކާރާއެކު ފެއްޓެވި މަޝްވަރާތަކުގެ ތެރެއިން އިންޑިއާ ސިފައިން ގެންދިއުމަށް ދެ ގައުމުގެ މެދުގައި އެއްބަސްވުމެއް އެކުލަވައިލެވި، އެ އެއްބަސްވުމާ އެއްގޮތަށް އިންޑިއާ ސިފައިން ގެންދިއުމުގެ މަސައްކަތް ފެށުނެވެ. ފާއިތުވި މޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ގެންގޮސްފައިވެއެވެ. 

އިންޑިއާ ސިފައިން ގެންގޮސްފައިވަނީ އިންޑިއާއިން ރާއްޖޭގައި އުދުއްސާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފުލައިޓު އޮޕަރޭޓުކުރުމަށް އެ ގައުމުން މަދަނީން ގެންނަ ގޮތަށެވެ. އެއްބަސްވުމުގެ ދަށުން ގެނެސްފައިވަނީ އެ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މުވައްޒަފުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.