ކްލާސްތައް ފިނި ކުރުމުން ކުދިން ދެން ބުލީއެއް ނުކުރާނެ: ޝަފީއު

ޝަފީއު ވިދާޅުވީ މި މަޝްރޫއަށް ބޮޑު ހޭދައެއް ސަރުކާރުން ކުރަންޖެހުނު ނަމަވެސް ތައުލީމަށް ކުރާ ހަރަދަކީ މުސްތަގުބަލަށް ކުރެވޭ އިންވެސްޓުމެންޓެއް ކަމަށެވެ.

ކޫލް ސްކޫލް ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ކްލާސްތަކުގައި އެއާ-ކޮންޑިޝަން ހަރުކޮށް ފިނި ވާން ފެށުމުން ދަރިވަރުން އެއް ކުއްޖަަކު އަނެއް ކުއްޖަކަށް ބުލީ / ގަނާ ކުރުމުން ދުރުހެލިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލު ޝަފީއު ވިދާޅުވެއްޖެ އެވެ. 

މިފަދައިން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސުކޫލުތައް އޭސީ ކުރުމަށް ސަރުކާރުގެ "ކޫލް ސްކޫލް" މަޝްރޫޢު ފެށުމަށް ކ. މާފުށީ ސުކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގެ ތެރޭގަ އެވެ. 

މިނިސްޓަރު ވިދާޅުވީ "ކޫލް ސްކޫލް" ތަކަކީ ދަރިވަރުންގެ ހިތްތަކަށް ފިނިކަމާއި އުފާވެރިކަން ގެނުވާނެ ތަންތަން ކަމަށެވެ. އަދި ސުކޫލުތައް ފިނި ކުރެވުމުން ދަރިވަރުންގެ ކިޔެވުމާއި އުޅުމަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުން ވިޔާނުދާ ކަންކަމާ ދުރުހެލިވާނެކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

"ބުލީއެއް ނުކުރާނެ. ރުޅިވެރިކަމެއް މިފަދަ މާހައުލެއްގައި ނޯންނާނެ. ޓީޗަރުންނާއި ސްކޫލު މެނޭޖްމަންޓާއި ބެލެނިވެރިން އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވާން ވާނީ މި ކުދިންނަކީ ރަށަށް، ގައުމަށް އަދި އެ ކުދިންގެ މުޅި ދިރިއުޅުމަށް އުޖާލާ ކުރުވަނިވި ފިލާވަޅުތަކެއް، ތަރުބިއްޔަތުތަކެއް އަދި ޖުމްލަކޮށް ކާމިޔާބު އިންސާނުން އުފެއްދުމަށް ލިބެން ޖެހޭ ހުރިހާ ތައުލީމަކާއި ތަރުބަވީ ކަންތައްތަކެއް ފުރިހަމަވެފައިވާ ވެއްޓަކަށް ސްކޫލް ވެށި ވެގެން ދިއުން،" ޝަފީއު ވިދާޅުވިއެވެ. 

ޝަފީއު ވިދާޅުވީ މި މަޝްރޫއަށް ބޮޑު ހޭދައެއް ސަރުކާރުން ކުރަންޖެހުނު ނަމަވެސް ތައުލީމަށް ކުރާ ހަރަދަކީ މުސްތަގުބަލަށް ކުރެވޭ އިންވެސްޓުމެންޓެއް ކަމަށެވެ. އަދި ސަރުކާރުން ތައުލީމުގެ ފެންވަރު ރަނގަޅުކުރަން ކުރަންޖެހޭ ހަރަދުތައް ކުރުމަށް ފަސްނުޖެހޭނެކަމަށެވެ. 

އިތުރަށް ޝަފީއު ވިދާޅުވީ ކުލާސް ރޫމުތައް އޭސީކުރުމުން ސުކޫލުތަކަށް ސަރުކާރުން ކުރާ ހަރަދު 38 އިންސައްތައިން އިތުރުވާނެ ކަމަށެވެ. އަދި މުޅި މި މަޝްރޫއުގެ 30 އިންސައްތަ ކުރިއަށްގެންދަން ނިންމާފައިވަނީ އިއާދަކުރަނަވި ހަކަތަ ބޭނުންކޮށްގެން ކަމަށެވެ. 

ސަރުކާރުން ފަށާފައިވާ ހުރިހާ ކުލާސް ރޫމުތަކެއް ފިނިކުރުމުގެ މަޝްރޫއަކީ ދެ އަހަރު ތެރޭގައި ސުކޫލުތައް އޭސީކޮށް ނިންމުމަށް އަމާޒު ހިފައިގެން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއު ހިންގާނީ ސަރުކާރާއި އާންމު މުޖުތަމައުގެ އެހީތެރިކަމާއެކު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.