މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރު ހުރިހާ ސްކޫލެއް އޭސީ ކުރަން ވަނީ ނިންމާފަ އެވެ.
ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރާއިރު އެކަމަށް ބޭނުންކުރާ 30 ޕަސެންޓް ކަރަންޓު ވެގެން ދާނީ ސޯލާ ޕެނެލް މެދުވެރިކޮށް އިޔާދަހަކަތައިން އުފައްދާ ކަރަންޓު ކަމަށާއި، އޭގެ ސަބަބުން ކަރަންޓު ބިލަށް އިތުރު ވާނީ މިހާރު ހޭދަ ކުރާ މިންވަރަށްވުރެ 38 ޕަސެންޓް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅު ވެއްޖެ އެވެ.
ރާއްޖޭގައި ހުރި ސަރުކާރުގެ ހުރިހާ ސްކޫލެއް ފިނި ކުރުން ނުވަތަ އޭސީ ކުރުމުގެ ޕްރޮޖެކްޓްގެ ގޮތުގައި ހިންގާ "ކޫލް ސްކޫލް ޕްރޮޖެކްޓް" ފެށުމުގެ ގޮތުން މިއަދު ކ. މާފުށި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހުރިހާ ސްކޫލެއް އޭސީ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ސްކޫލުތައް ހުރި ހާލަތު ވަރަށް ކައިރިން ފެނިވަޑައިގެން ކަމަށެވެ.
"[ރައީސް] ވިދާޅުވި މިހާ ހޫނުގައި ކިހިނަކުންތޯއޭ ދަރިވަރުން އެންމެ އެކަށީގެންވާ ގޮތެއްގައި ކިޔަވާނީ، ވިދާޅުވީ މިހާ ހޫނު ގަދަ މާހައުލެއްގަ ކިހިނަކުންތޯއޭ މުދައްރިސުންނަށް އެންމެ އެކަށީގެންވާ ގޮތެއްގަ މަސައްކަތް ކުރެއްވޭނީ. އެހެންވީމާ ސްކޫލްތައް ފިނި ކުރުމުގެ ހާއްސަ ޕްރޮޖެކްޓެއް ކުރިއަށް ގެންދެވުމަށް ރައީސް އިރުޝާދު ދެއްވި،" މިނިސްޓަރު ވިދާޅުވި އެވެ.
މި ޕްރޮޖެކްޓް ފަށާކަން އިއުލާނު ކުރުމުން، ސަރުކާރުން މިކަމަށް ކުރާނެ ހޭދައާ ގުޅޭ ގޮތުން ގިނަ ބަޔަކު ވާހަކަ ދެއްކިކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ. އެ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމަށް ކުރާ ހޭދައަކީ ގެއްލޭނެ އެއްޗެއް ނޫން ކަމަށެވެ. ތައުލީމަށްވުރެ މުހިންމު އެއްޗެއް ރައީސް މުއިއްޒަށް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ދަރިވަރުންނަށް ކާމިޔާބު ދިރިއުޅުމެއް ހޯދައިދީ ވަޒީފާގެ ބާޒާރަށް ނެރެވޭނީ ތައުލީމު ދީގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރައީސްގެ އިރުޝާދާ އެއްގޮތަށް ހިންގާ މި ޕްރޮޖެކްޓް ވެގެން ދާނީ ހަމައެކަނީ ކްލާސްރޫމްތައް ފިނިކުރާ ޕްރޮޖެކްޓަކަށް ނޫން ކަމަށެވެ. ދަރިވަރުންގެ ކިޔެވުމަށާއި އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"އިރާދަކުރެއްވިއްޔާ 'ކޫލް ސްކޫލް' ގައި ހިތައް ފިނިކަން އަންނާނެ. އުފާވެރިކަން އަންނާނެ. ފިނިކަމާއެކުފަ ދަރިވަރުންގެ ސުލޫކާ އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ. ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުހެލި ވާނެ، ހިތް އުފާވާނެ، ޖުމްލަ ގޮތެއްގަ ބުނާ ކަމުގަ ވަނީނަމަ. ބުލީއެއް ނުކުރާނެ. ރުޅިވެރިކަމެއް މިފަދަ މާހައުލެއްގައި ނުއޮންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ، ސްކޫލުތަކުގައި އޭސީ ހަރުކުރުމުން ކޮންމެ ރަށެއްގައި ވެސް އާ އިންޑަސްޓްރީއެއް އުފެދިގެން ދާނެ ކަމަށެވެ. އެގޮތުން އޭސީ އަކީ މަރާމާތުކޮށް ބަލަހައްޓަން ޖެހޭ ތަކެތި ކަމަށާއި އެކަންކަން ކުރުމަށް ޓެކްނީޝަނުން ބޭނުން ވާނެ ކަމަށާއި މިއީ ރަށުގައި އެފަދަ މަސައްކަތްތަކަށް އާމްދަނީ ލިބޭނެ އިތުރު ދޮރެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރު ހުރިހާ ސްކޫލެއް އޭސީ ކުރަން ވަނީ ނިންމާފަ އެވެ.