ފަލަސްތީނުގެ ހަނގުރާމަވެރިން ނެތިކޮށް ނުލެވެނީސް ހަނގުރާ ހުއްޓައިނުލާނަން: ނަތަންޔާހޫ

ޙަމާސް ނެތިކޮށްނުލެވެނީސް ޣައްޒާއަށް ހަމަލާ ދިނުން ހުއްޓައިނުލާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. 

ނަތަންޔާހޫގެ މިވާހަކައާއެކު އިސްރާއީލާއި ހަމާސްގެ މެދުގައި ހަމަލާ ބަދަލުކުރުން ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ ޕްލޭން ތަންފީޒުކުރެވޭނެކަމާމެދު ޝައްކު އުފެދިފައިވެއެވެ. 

ހުކުރުދުވަހު ބައިޑަން ވިދާޅުވެފައިވަނީ ޣައްޒާގެ ބައެއް ސަރަހައްދުތަކުން އިސްރާއީލު ސިފައިން ފޭބުމަށާއި، ޙަމާސްއިން ރަހީނުކޮށްފައިވާ އިސްރާއީލުގެ އަސީރުން ދޫކޮށްލުމަށް ހަ ހަފުތާއަށް ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން ހުއްޓައިލުމަށް އިސްރާއީލުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް ދެ ފަރާތުގެ މެދުގައި ވާހަކަދައްކަން އިސްރާއީލުން ހުށަހަޅާފައިވާ ކަމަށެވެ. 

ނަމަވެސް ހޮނިހިރުދުވަހު ނަތަންޔާހޫ ދިން ބަޔާނުގައި ބުނެފައިވަނީ ހަމާސްގެ އަސްކަރީ އަދި ވެރިކަންކުރުމުގެ ގާބިލުކަން އެކީ ނެތިކޮށްނުލެވެނީސް ދާއިމީ ސުލްހައާމެދު އިސްރާއީލުން މަޝްވަރާވެސް ނުކުރާނެ ކަމަށެވެ. 

ސުލްހައިގެ ވާހަކަތައް ފެށުނު ނަމަވެސް އޮތީ މަޑުޖެހި ހުއްޓިފައެވެ. އިސްރާއީލުން އެ ޤައުމުގެ އަސީރުން މިނިވަންކޮށް ހަމާސް ސުންނާފަތިކޮށްލުމަށް ޑިމާންޑުކުރާއިރު، ޙަމާސްއިން އެދެނީ އިސްރާއީލުގެ ހުރިހާ ސިފައިން ޣައްޒާއިން ފޭބުމަށާއި، ހަނގުރާމަ ދާއިމަށް ނިމުމަކަށް ގެނައުމަށާއި، ފަލަސްތީނު އަސީރުން މިނިވަންކުރުމަށެވެ. 

ބައިޑަންގެ ހުށަހެޅުއްވުމާ ގުޅިގެން ޙަމާސްއިން ބުނީ ފަހި ވިސްނުމުގައި ބިނާކުރަނިވި ގޮތަކަށް އެ ހުށަހެޅުމާމެދު މަޝްވަރާކުރަން ތައްޔާރު ކަމަށެވެ. ނަމަވެސް އެ ޖަމާއަތުގެ އިސްވެރިއެއްކަމަށްވާ މަހުމޫދު މަރްދަވީ ޤަޠަރުގެ ޓީވީ ޗެނަލަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އިސްރާއީލުން  ތަފުސީލީ ހުށަހެޅުމެއް ލިބިފައި ނެތް ކަމަށެވެ. 

އޭނާ އިތުރަށް ވިދާޅުވީ އިސްތިއުމާރުގެ އަސްކަރިއްޔާ ޣައްޒާގެ ހުރިހާ ބިންތަކުން ނުފައިބަނީސް އަދި ހަމަލާތައް ހުއްޓުމަކަށް ނާންނަނީސް އިސްރާއީލާއެކު އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ގާއިމުނުކުރެވޭނެ ކަމަށެވެ. 

މި ހަނގުރާމަ ފެށުނީ ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު ހަމާސްގެ ހަނގުރާމަވެރިން އިސްރާއީލުގެ ބޯޑަރު ފޫއަޅުވައިލާ އަސްކަރީ ޕޯސްޓުތަކަށާއި އަވަށްތަކަށް ހަމަލާދީ 1،200 މީހުން މަރައި 250 މީހަކު ރަހީނުކުރުމާ ގުޅިގެންނެވެ. ހަމާސްއިން އެ ހަމަލާދިނީ ހުޅަނގު އައްސޭރިއާއި އަޤްޞާ މިސްކިތުގައި އިސްރާއީލުން ހިންގަމުން އައި ޖަރީމާތަކަށް ރައްދެއްގެ ގޮތުގައެވެ. 

އެ އޮޕަރޭޝަނުގެ ރައްދުގައި ކަމަށް ބުނެ އިސްރާއީލުން ވައިގެ މަގުންނާއި އެއްގަމު މަގުން ދޭން ފެށި އުދުވާނީ ހަމަލާތަކުގައި 36،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވެއެވެ. އަދި އެ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގެ ބިނާރަށް ބޮޑެތި ގެއްލުންތައް ލިބި މުޅި ސަރަހައްދު ހައިހޫނުކަމުގެ ތުންފަތް މައްޗަށް ވެއްޓިފައިވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.