އެއް ބަދަލަކީ ރަށްރަށުގައި ތިބެގެން ގުރުއާން ދަސްކުރާ މީހުންނަށް ރަށުގައި ތިބެ މުރާޖާއާ ކުރެވޭނެ ފުރުސަތު ތަނަވަސް ކޮށް ދިނުމެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ބުނީ ހާފިޒުން އިމްތިހާނު ކުރުމުގެ އުސޫލަށް މައިގަނޑު ދެ ބަދަލެއް ގެނެސްފައިވާ ކަމަށެވެ.
އެއް ބަދަލަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް -- އައިޔޫއެމް ގައި ގުރުއާން ދަސްކޮށް އެ ޔުނިވާސިޓީން އިމްތިހާނު ހަދާ ފަރާތްތަކުން އިތުރު އިމްތިހާނެއް ހަދަން ނުޖެހޭ ގޮތަށް ބަދަލު ގެނައުމެވެ. މި ބަދަލާ އެކު އައިޔޫއެމް ގައި ގުރުއާން ދަސްކޮށް އެ ޔުނިވާސިޓީން އިމްތިހާނު ހެދުމުން އެއީ ހާފިޒެއް ކަމުގައި ބަލައިގަންނާނެ އެވެ.
މިއީ ވަރަށް ގިނަ ދަރިވަރުން އެދެމުން އައި ބަދަލެކެވެ.
ދެން ގެނައި އަނެއް ބަދަލަކީ ރަށްރަށުގައި ތިބެގެން ގުރުއާން ދަސްކުރާ މީހުންނަށް ރަށުގައި ތިބެ މުރާޖާއާ ކުރެވޭނެ ފުރުސަތު ތަނަވަސް ކޮށް ދިނުމެވެ. މިހާރު އޮންނަ ގޮތުން ގުރުއާން ދަސް ކުރުމަށް ފަހު މުރާޖާ ކުރަން ވެސް އަންނަން ޖެހެނީ މާލެ އަށެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ ވަގުތާއި ފައިސާ އެކަމަށް ހޭދަ ކުރަން ޖެެހެ އެވެ. އާ ބަދަލާ އެކު ގުރުއާން ދަސް ކުރުމަށް ފަހު މުރާޖާކޮށް ނިމުމުން މާލެ އަންނަން ޖެހޭނީ އިމްތިހާނަށެވެ.
މި ބަދަލުތައް ގެނެސް އުސޫލު އެކުލަވާލާ މިހާރު ވަނީ ގެޒެޓް ކޮށްފަ އެވެ.