ހުޅަނގުގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާއަށް ހަމަލާ ދިނުމާ ދެކޮޅަށް ޕުޓިންގެ އިންޒާރު

ރަޝިޔާގެ ރައީސް ވިދާޅުވީ ޔޫކުރެއިނުން ހަމަލާތައް ދިން ނަމަވެސް އެ ހަމަލާތަކުގެ ޒިންމާ ނަގަންޖެހޭނީ އެ ޤައުމަށް އެ ހަމަލާތަކުގައި ބޭނުންކުރާ ހަތިޔާރު ފޯރުކޮށްދޭ ދައުލަތްތައް ކަމަށެވެ.

ހުޅަނގުގެ ޤައުމުތަކުން ހުއްދަދީގެން އެ ޤައުމުތަކުގެ ހަތިޔާރު ބޭނުންކޮށްގެން ޔޫކުރެއިނުން ރަޝިޔާގެ ސަރަހައްދަށް ހަމަލާއެއް ދީފިނަމަ އެކަމުގެ ސަބަބުން ނުރަނގަޅު ނަތީޖާތަކެއް ނުކުންނާނެކަމަށް ރަޝިޔާގެ ރައީސް ވަލްޑަމިއަރް ޕޫޓިން އިންޒާރުކުރައްވައިފިއެވެ. 

އުޒްބަކިސްތާނުގައި ވާހަކަދައްކަވަމުން ޕުޓިން މިފަދައިން ވިދާޅުވީ އެމެރިކާއާއި ޔޫރަޕުގެ ބައެއް ޤައުމުތަކުން އެ ޤައުމުތަކުގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާގެ ސަރަހައްދުތަކަށް ހަމަލާދިނުމުގެ ހުއްދަ ޔޫކުރެއިނަށް ދިނުމަށް ނިންމަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ. 

"ނުތަނަވަސްކަން އިތުރަށް ބޮޑުވާ ގޮތަށް އަޅާާ މިފަދަ ފިޔަވަޅުތަކުން ނުކުންނާނީ ސީރިއަސް ނޭދެވޭ އަސަރުތަކެއް،"ޕުޓިން ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ ޔޫރަޕުގެ ޤައުމުތަކުން އަދި ޚާއްޞަކޮށް ކުދި ޤައުމުތަކުން އެ ޤައުމުތަކަށް ބެހިގަނެވެނީ ކޮން ބަޔަކާކަން ރަނގަޅަށް ދަންނަންޖެހޭ ކަމަށެވެ. އަދި ޔޫރަޕުގެ ޤައުމުތަކުގެ ސަރަހައްދުގެ ކުޑަކަމާއި އާބާދީ އެއްތަނަކަށް ތޮއްޖެހިފައި އޮންނަ މިންވަރަށް އެ ޤައުމުތަކުން ރިއާޔަތްކުރަންވާނެކަމަށް އޭނާ ވިދާޅުވިއެވެ. 

"ރަޝިޔާގެ ސަރަހައްދުގެ އެތެރެއަށް ހަމަލާދޭ ވާހަކަ ދެއްކެވުމުގެ ކުރިން އެ ޤައުމުތަކުގެ ލީޑަރުންގެ ވިސްނުންފުޅުގައި މި ހަގީގަތް ބަހައްޓަވަން ވާނެ،" އޭނާ ވިދާޅުވިއެވެ. 

އިތުރަށް ރަޝިޔާގެ ރައީސް ވިދާޅުވީ ޔޫކުރެއިނުން ހަމަލާތައް ދިން ނަމަވެސް އެ ހަމަލާތަކުގެ ޒިންމާ ނަގަންޖެހޭނީ އެ ޤައުމަށް އެ ހަމަލާތަކުގައި ބޭނުންކުރާ ހަތިޔާރު ފޯރުކޮށްދޭ ދައުލަތްތައް ކަމަށެވެ. އަދި އެ ދައުލަތްތަކުން ބޭނުންވަނީ މުޅި ދުނިޔެ ޝާމިލުވާ ހަނގުރާމައެއްކަމަށްވެސް ޕުޓިން ތުހުމަތުކުރެއްވިއެވެ. 

ޕުޓިން ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ހުޅަނގުގެ އަސްކަރީ އިންސްޓްރަކްޓަރުން ކުލީ ސިފައިންގެ ނަމުގައި މިހާރުވެސް ޔޫކުރެއިނުގައި ހަރަކާތްތެރިވާ ކަމަށެވެ. އަދި ރަސްމީކޮށް ފުރާންސް ފަދަ ގައުމުތަކުން އަސްކަރީ މުދައްރިބުން ޔޫކުރެއިނަށް ފޮނުވުމަކީ އިތުރަށް ހަނގުރާމައިގެ ހުޅުގަނޑު ފަޅައިގެންދާނެ ކަމެއްކަމަށެވެ. 

ފާއިތުވި ހަފުތާ ޔޫކުރެއިނުގެ އެންމެ އިސް ކޮމާންޑަރުވަނީ އެ ޤައުމަށް ފަރަންސޭސި އަސްކަރީ މުދައްރިބުން ފޮނުވުމާމެދު ދެ ގައުމުގެ މެދުގައި މަޝްވަރާތައް ފެށިގެން ކުރިއަށްދާކަން އިއުލާނުކުރައްވާފައެވެ. 

ޕުޓިން ވިދާޅުވީ އަސްކަރި މުދައްރިބުންނާއި ކުލީ ސިފައިންނާއި ހަތިޔާރު ހުޅަނގުގެ ޤައުމުތަކުން ޔޫކުރެއިނަށް ފޯރުކޮށްދީ މަދަދުވެރިވި ނަމަވެސް މި ހަނގުރާމާގައި ހުޅަނގު ބަލިކުރައްވާނެ ކަމަށެވެ. އަދި އެކަން ހުޅަނގުން ގަބޫލުކުރަން ޖެހޭ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.