ނިމުނު ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ގޯތި ބަދަލުކުރަން އެދުނު މީހުންގެ މެދުގައި ގުރުއަތު ނެގުން އަންނަ އަންގާރަދުވަހު ބާއްވަން ނިންމައިފިއެވެ.
ކުރީ ސަރުކާރުން ގުޅިފަޅު ހިއްކުމަށް ނިންމާފައިވާ މިންވަރަށްވުރެ އިތުރަށް އެ ފަޅުން ބައެއް ހިއްކުމާއެކު، ގުޅިފަޅުގައި ތަރައްޤީކުރަން ކުރީ ސަރުކާރުން ނިންމި ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ނިންމުމުން ގުޅިފަޅުން ދޫކުރަން ކުރިން ކަނޑައެޅި އަދަދަށްވުރެ އިތުރަށް ގޯތި ދޫކުރާނެ ޖާގަވަނީ ތަނަވަސްވެފައެވެ.
އެއާއެކު މި ސަރުކާރުންވަނީ ގިރާވަރުފަޅުން ދޫކުރި ގޯތީގެ ތެރެއިން 1،347 ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް ނިންމައި، ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގުޅިފަޅަށް ގޯތި ބަދަލުކުރަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ.
ސަރުކާރުން ހުޅުވައިލި ފުރުސަތުގައި 2،210 މީހަކުވަނީ އެމީހުންނަށް ގިރާވަރުފަޅުން ލިބުނު ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް އެދިފައެވެ.
އަންނަ އަންގާރަދުވަހު މެންދުރު 12 ޖަހާއިރު ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ގުރުއަތު ނެގުން ކުރިއަށްގެންދަން ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ގުރުއަތު ނެގުމުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށްގެންދިއުމަށް ގުރުނަގާ ފޮއްޓަށް އަމިއްލައަށް ނަން ލާން ބޭނުންވާ މީހުންނަށް އެދުވަހުގެ ހެނދުނު 9:00 އާއި 10:00 އާ ދެމެދު އެތަނަށް ހާޒިރުވެ އަމިއްލައަށް ފޮއްޓަށް ނަން ލުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
އަދި ލިސްޓުގައި ހިމެނޭ މީހަކަށް އަމިއްލައަށް ހާޒިރުނުވެވޭނަމަ ނުވަތަ ބަދަލުގައި މީހަކު ފޮނުވަން ބޭނުންވާނަމަ އެ މައުލޫމާތު ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެ މައުލޫމާތު ހުށަހެޅުމަށް ކަނޑައަޅާފައިވާ މުހުލަތަކީ މާދަމާ ހެނދުނު 10:00 އިން ފެށިގެން ހޯމަދުވަހުގެ މެންދުރު 12:00 އާ ދެމެދެވެ.
ގޯތި ބަދަލުކުރަން އެދުނު މީހުންގެ މެދުގައި ގުރުއަތު ނަގަނީ އެކަމަށް ހުޅުވައިލި ފުރުސަތުގައި، 1،250 އާއި 1،650 އަކަފޫޓުގެ ގޯތި ބަދަލުކުރަން އެދުނު މީހުންގެ އަދަދު ބަދަލުކުރަން ހުޅުވައިލި ގޯތީގެ އަދަދަށްވުރެ އިތުރުވުމާ ގުޅިގެންނެވެ.
ނަމަވެސް 2،450 އަކަފޫޓާއި 2،050 އަކަފޫޓުގެ ގޯއްޗަކަށް އެދި ހުށަހަޅާފައިވާ މީހުންގެ އަދަދު ބަދަލުކުރަން ހުޅުވައިލި ގޯއްޗަށްވުރެ މަދުވުމާއެކު، އެ ކެޓަގަރީތަކުގެ ގޯތި ބަދަލުކުރަން އެދުނު މީހުންގެ މެދުގައި ގުރުނެގުމެއް ނޯންނާނެއެވެ.