އަސްކަރީ އެއްބާރުލުމުގެ ނަމުގައި ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާއެއް އޮވެގެން ނުވާނެ: ޣައްސާން

ރާއްޖެ - އިންޑިއާގެ މަޝްވަރާތަކަށް ފަހު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސް އެމީހުންގެ ބަދަލުގައި މަދަނީން ގެނައުމަށް ދެ ޤައުމުން އެއްބަސްވެފައި ވެއެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން

ދޭދޭ ޤައުމުތަކާއެކު އޮންނަ ދިފާއީ އެއްބަސްވުންތަކުގެ ތެރޭން ރާއްޖޭގައި ޤާއިމުވެ، ބޭރު ޤައުމެއްގެ އަސްކަރިއްޔާއެއް އޮވެގެން ނުވާނެ ކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ. 

ސިންގަޕޫރުގެ އިންޓަނޭޝަނަލް އިންސްޓިއުޓް ފޯ ސްޓްރެޓެޖިކް ސްޓަޑީސްގެ ފަރާތުން ބޭއްވި "ޝަންގްރިލާ ޑައެލޮގް 2024" ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ ފާއިތުވި 80 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖެ ފަދަ ކުދި ޤައުމުތަކުން، މިނިވަންކަމުގެ އެންމެ ބޮޑު ޔަގީންކަމެއްގެ ގޮތުގައި ބަލާފައިވަނީ ބައިނަލްއަޤުވާމީ ޤާނޫނުތައް ކަމަށެވެ.  

"[ކުދި ޤައުމުތަކުން] ޤަބޫލުކުރި ގޮތުގައި ބޮޑެތި ޤައުމުތަކުން ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އެކުލަވައިލެވުނު ބައިނަލްއަޤުވާމީ ނިޒާމަށް އިހުތިރާމު ކުރާނެ. އަޅުގަނޑުމެން މިގޮތަށް ޤަބޫލު ކުރުން ގޯހަކަށް ނުވި ނަމަވެސް، ފަހަކަށް އައިސް ބައެއް ޤައުމުތަކުން މި އަގު ކުރުންތައް ދޫކޮށް، މި ޤަބޫލުކުރުންތަކުގެ ނިޒާމަށް ވަނީ ގޮންޖަހަން ފަށާފައި،" ޣައްސާން ވިދާޅުވިއެވެ. 

މިފަދައިން ބައެއް ޤައުމުތައް ބައިނަލްއަޤުވާމީ ނިޒާމާ ދުރަށް ގޮސް އެ ނިޒާމުގެ އަގު ކުރުންތައް ދޫކޮށްލުމަކީ ކުދި ޤައުމުތަކުގެ ރައްކާތެރިކަމާއި ސަލާމަތަށް އާ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވައި، ޣައްސާން ވިދާޅުވީ އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުދި ޤަައުމުތަކުން ބޭނުން ވެއްޖެ ނަމަ އާ އަދި ހަރުދަނާ ގުޅުންތައް އުފައްދަންޖެހޭ ކަމަށެވެ. އެއީ ކުދި ޤައުމުތަކުގެ ތެރޭގަ އާއި ކުދި ޤައުމުތަކުގެ ބޭރުން އުފައްދަން ޖެހޭ ގުޅުންތަކެއްކަމަށް ވެސް ވިދާޅުވި އެވެ. 

ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިހުތިރާމު ކުރުމުގެ މުހިއްމުކަން ވިސްނުމުގައި ބެހެއްޓުމާއެކު، މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް އަމިއްލަ ޤާބިލުކަން އިތުރު ކުރުން ނޫން ގޮތެއް ނެތް ކަމަށް ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. އަދި ވިދާޅޫވީ އެހެން ދައުލަތްތަކާ ގުޅިގެން އަދި އަމިއްލައަށް ވެސް ޤާބިލުކަން އިތުރު ނުކުރެވިއްޖެނަމަ ކުދި ޤައުމުތަކުގެ ނާޒުކުކަން ބޮޑުވާނެ ކަމަށެވެ. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ އާންމުކޮށް ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރަން ތާއީދު ކުރައްވާ ބޭފުޅެއް ކަމަށާއި، ޚާއްޞަކޮށް ދިފާއީ ކަންކަމުގައި އެކީ މަސައްކަަތް ކުރަން އެމަނިކުފާނުގެ ތާއީދު އޮތް ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ. 

"[ޑރ. މުއިއްޒު] ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭން އަންނަނީ، އިންޑިއާ އެމެރިކާ ފަދަ ކުރީއްސުރެ އެކީގައި މަސައްކަތްކުރި ޤައުމުތަކާއެކު މަސައްކަތް ކުރަމުން. އަދި މި އަހަރު އިންޑިއާ އާއި ސްރީލަންކާއާ ގުޅިގެން ކަނޑުގެ އަސްކަރީ ތަމްރީނެއް ވަނީ ބާއްވާފައި،" ޣައްސާން ވިދާޅުވި އެވެ. 

ޣައްސާން ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒުގެ ސިޔާސަތަކީ ޤައުމީ ދިފާއީ ބާރުގެ ޤާބިލުކަން އިތުރުކޮށް ރާއްޖެ އާއި ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުގެ ރައްކައުތެރިކަން، އެންމެނަށް ޤަބޫލު ކުރެވޭ މިންގަނޑުގައި ބަލަހައްޓަމުން ގެންދިއުމެވެ. 

އަދި ރާއްޖޭން ޤަބޫލުކުރާ ގޮތުގައި، ދިފާއީ ކަންކަމުގައި އެކުގައި މަސައްކަތްކުރުމުގެ މާނައިގެ ތެރޭގައި ދިވެހި ފަސްގަނޑުގައި ބޭރުގެ ސިފައިން ތިބުން ނުހިމެނޭނެ އެވެ. 

"އަޅުގަނޑުމެންގެ އުންމީދަކީ އަޅުގަނޑުމެންގެ އެކުވެރިންނާއި ބައިވެރިން [ދިވެހި] ރައްޔިތުންގެ މި ޑިމޮކްރެޓިކް ނިންމުމަށް އިހުތިރާމު ކުރުން،" ޣައްސާން ވިދާޅުވި އެވެ. 

އުންމީދަކީ އަޅުގަނޑުމެންގެ އެކުވެރިންނާއި ބައިވެރިން، ދިވެހި ރައްޔިތުންގެ މި ޑިމޮކްރެޓިކް ނިންމުމަށް އިހުތިރާމު ކުރުން،

ޣައްސާން މައުމޫން | ޑިފެންސް މިނިސްޓަރު

ބޭރު ސިފައިން ފޮނުވައިލުން ރާއްޖޭގައި ޤާއިމުވެގެން ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވާލުމަކީ ރައީސް މުޢިއްޒުގެ އެންމެ ބޮޑު ރިޔާސީ ވައުދުފުޅެވެ. އެ ވައުދުފުޅާ އެއްގޮތަށް އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް އެމަނިކުފާނަށް އިންތިޚާބު ކާމިޔާބުވެވަޑައިގަތުމާއެކު ފެއްޓެވި އެވެ. އެ މަސައްކަތްޕުޅުގެ ތެރެއިން، ދެ ޤައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސް އެމީހުންގެ ބަދަލުގައި މަދަނީން ގެނައުމަށް ދެ ޤައުމުން އެއްބަސްވެފައި ވެއެވެ.

އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ގެންގޮސް ނިންމާލީ މިދިއަ މޭ މަހުގެ 10 ވަނަ ދުވަހު އެވެ. އިންޑިއާ ސިފައިންގެ ބަދަލުގައި ގެނައި މަދަނީންނަކީ އިންޑިއާއިން ރާއްޖޭގައި އުދުއްސާ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މުވައްޒަފުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.