ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެެތެރެކުރާ ހިސާބުތަކަށް ބަލާއިރު އަހަރަކު 400 މިލިއަން ސިނގިރޭޓް އެތެރެ ކުރެ އެވެ. އެއީ 1.8 ބިލިއަން ރުފިޔާގެ ބޮޑު ހޭދަ އެކެވެ.
ރާއްޖެއަށް އަހަރަކު 400 މިލިއަން ސިނގިރޭޓް އެތެރެ ކުރާ ކަމަށާ ސިނގިރެޓް އެތެރެ ކުރަން 1.8 ބިލިއަން ރުފިޔާގެ ބޮޑު ހޭދައެއް ކުރާ ކަމަށް ތަފާސް ހިސާބުތަކާ ހަވާލާދީ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވާ އެ މިނިސްޓްރީން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަށް އިތުރުވަމުންދާ ކަމަށެވެ. އަދި ފުރާވަރު ކުދީންނާއި ޒުވާނުންގެ މެދުގައި ދުންފަތުގެ އެކި ބާވަތްތައް ބޭނުން ކުރުން އާންމުވެ ދުންފަތުގެ ވަބާ ގައި ޖެހޭ އާބާދީ ބޮޑުވެ އިތުރު ވަމުންދާ ކަމަށެވެ.
ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެެތެރެކުރާ ހިސާބުތަކަށް ބަލާއިރު އަހަރަކު 400 މިލިއަން ސިނގިރޭޓް އެތެރެ ކުރާ ކަމަށް ބަޔާނުގައި ވެއެވެ. އެއީ 1.8 ބިލިއަން ރުފިޔާގެ ބޮޑު ހޭދަ އެކެވެ. މީގެ އިތުރުން ޝީޝާ ގައި ބޭނުންކުރާ ދުންފަތާއި އީ-ސިނގިރޭޓާއި އެ ނޫން ބާވަތްތައް އެތެރެ ކުރުމަށް ވެސް އެތައް ލައްކަ ރުފިޔާއެއް އަހަރެއްގެ މައްޗަށް ހޭދަ ކުރަމުންދާ ކަމަށެވެ.
ތަފާސް ހިސާބުތަކުން 2022 ވަނަ އަހަރު ހިސާބުތަކަށް ބަލާއިރު އުމުރުން 15-16 އަހަރުގެ މަދުވެގެން 37 މިލިއަން ކުދިންނަކީ ކޮންމެވެސް ވައްތަރެއްގެ ދުންފަތެއް ބޭނުން ކުރާ ކުދީން ކަމަށް ހެލްތުގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
ރާއްޖޭގައި ދުންފަތް ވަރަށް ބޮޑަށް އާންމުވެ ޒުވާނުންގެ މެދުގައި ޝީޝާއާ އީ-ސިނގިރޭޓް ބުއިން ވަނީ ފެޝަނަކަށް ވެފަ އެވެ. އޮފީސް މާހައުލާއި ރެސްޓޯރަންޓް އަދި މީހުން ގިނައިން އެއްވާ ތަންތަނާއި ބެދިފައި ހުންނަ ތަންތަނުގައި ވެސް އެފަދަ ބާވަތްތައް ބޭނުން ކުރުން އެއީ އާންމު / އާދައިގެ ކަމަށް ވަނީ ހަދާފަ އެވެ.
ވޭޕްގެ ނަމުގައި ރާއްޖޭގައި މިހާރު މަސްތުވާ ވޭޕް ވެސް ދަނީ ވިއްކަމުންނެވެ. އެކަމަށް ޓެލެގްރާމް ގުރޫޕްތައް ހަދާ ފުޅާ ކޮށް އެ ވިޔަފާރި ހިންގަ އެވެ. ވަރަށް ޒުވާން އުމުރު ގައި ގިނަ ބަޔަކު ދަނީ ވޭޕް ބޭނުން ކުރަމުންނެވެ.