މި ހުކުމާއެކު ޓްރަމްޕުގެ މަގުބޫލު ކަމަށް އަންނާނެ އަސަރުތައް ދެނެގަނެވޭނީ އަންނަ މަހުގައި ހަދާ ޕޯލްތަކުގެ ނަތީޖާތައް ނުކުތުމުންނެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑު ޓްރަމްޕުގެ މައްޗަށް ނިއުޔޯކުގައި އުފުލާފައިވާ 34 ދައުވާއެއް ސާބިތުވާ ކަމަށް މިދިއަ ބުރާސްފަތި ދުވަހު ނިއުޔޯކުގެ ކޯޓެއްގެ ޖޫރީއަކުން ވަނީ ކަނޑައަޅާފަ އެވެ. އެއީ ބަރަހަނާ ފިލްމު ކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާއެކު ހިންގި ގުޅުމެއްގެ ވާހަކަ ސިއްރު ކުރައްވަން އޭނާއަށް ފައިސާ ދެއްވުމަށްފަހު، އެ ފައިސާގެ އަސްލު އޮޅުވައިލެއްވިކަމުގެ ތުހުމަތުގައި އުފުލި ޖިނާއީ ދައުވާ ތަކެކެވެ.
މިއީ އެމެރިކާގެ ތާރީޚުގައި އެ ޤައުމުގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް މިބާވަތުން، ފެލަނީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ. އަދި އެ ޤައުމުގެ ރިޔާސީ އިންތިޚާބުގައި މައި ޕާޓީއެއްގެ ފަރާތުން ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ކެނޑިޑޭޓެއްގެ މައްޗަށް މިފަދަ ކުށެއް ސާބިތުވި ވެސް ފުރަތަމަ ފަހަރެވެ.
މި ހުކުމާއެކު އެމެރިކާގެ ތާރީޚުގައި ކުރިން ލިޔެވިފައި ނެތް އާ ސަފުހާއެއް ލިޔެވޭން ފެށޭނެ އެވެ. ނަމަވެސް ޤާނޫނީ ގޮތުން ދެން ރައީސް ޓްރަމްޕު އަޅުއްވާނެ ފިޔަވަޅުތައް އަންދާޒާ ކުރާކަށް އެހާ ދައްޗެއް ނޫނެވެ.
ބުރާސްފަތި ދުވަހުގެ ހުކުމަށް ފަހު އެ ހުކުމް ކަނޑައެޅި ޖޫރީ ވަނީ އުވާލާފަ އެވެ. ދެން އޮންނާނީ އެ ހުކުމުގެ މައްޗަށް ބިނާކޮށް އަދަބެއް ކަނޑައެޅުމެވެ. އެ މަރުހަލާގައި ގޮތެއް ނިންމަވާނީ ފަނޑިޔާރު ހުއާން މާޗަން އެވެ. ބުރާސްފަތި ދުވަހު މެންދުރު ފަހުގެ އަޑުއެހުން ނިންމަވައިލެއްވުމުގެ ކުރިން ފަނޑިޔާރު ވަނީ ޖުލައިމަހުގެ 11 ވަނަ ދުވަހަށް އަދަބު ކަނޑައެޅުމުގެ އަޑުއެހުން ތާވަލު ކުރައްވާފަ އެވެ.
ޖޫންމަހުގެ 13 ވަނަ ދުވަހުގެ ކުރިން އަދަބާމެދު ދެ ފަރާތުން ހުށަހަޅަންހުރި ކަންކަން ހުށަހެޅުމަށް ފަނޑިޔާރު ފުރުސަތު ދެއްވި އެވެ. އެ ހުށަހެޅުންތަކުގައި ހުކުމާ ގުޅިގެން ކަނޑައަޅަންވީ އަދަބާމެދު ދެ ފަރާތަށް ފެންނަ ކަންކަން ބަޔާން ކުރާނެ އެވެ. އަދަބު ކަނޑައަޅާނީ ދެ ފަރާތުން ހުށަހަޅާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު އެވެ.
ބެލެވޭ ގޮތުގައި ޓްރަމްޕުގެ ގާނޫނީ ޓީމުން މަސައްކަތް ކުރާނީ އަދަބު ކަނޑައެޅުމުގެ ތާރީޚު ފަސް ކުރުމަށެވެ. ފަހަރުގައި ނޮވެންބަރު ފަސް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ވުރެ އެ އަޑުއެހުން ފަސް ކުރުމަށް ޤާނޫނީ ޓީމުން މަސައްކަތް ކޮށްފާނެ އެވެ. ނަމަވެސް ފަނޑިޔާރު އެ ޖާގަ ދެއްވާނެ ކަމަށް ނުބެލެވެއެވެ.
އަދަބު ކަނޑައެޅުމާ ދެމެދުގައި ހޭދަވާ ވަގުތުގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރިއަށް ގެންދަވައި، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވައި ހެއްދެވުމަށް ޓްރަމްޕަށް ހުރަހެއް ނޯންނާނެ އެވެ. އަދި ޝަރީއަތުގެ މަރުހަލާގައި ޖޫރީއާއި ހެކިވެރިންނާއި ފަނޑިޔާރާއި ފަނޑިޔާރުގެ އާއިލާއާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުން މަނާ ކޮށްފައި އޮތް އޮތުން ވެސް ނިމުމަކަށް އައިސް އަދަބު ކަނޑައެޅުމާ ދެމެދުގައި ފާއިތުވާ މުހުލަތުގައި އެ ވާހަކަތައް ވެސް ރައީސް ޓްރަމްޕަށް ދެއްކެވޭނެ އެވެ.
ރައީސް ޓްރަމްޕުގެ މައްޗަށް އުފުލާފައި ވަނީ އެމެރިކާގެ ޤާނޫނުލް ޢުޤޫބާތުގައި "އެފް" ދަރަޖައިގެ ޖިނާޔާތުގެ ކުށްތައް ނުވަތަ ފެލަނީގެ ގޮތުގައި ގިންތި ކޮށްފައިވާ ދައުވާތަކެވެ. އެއިން ކޮންމެ ދައުވާއަކީ ސާބިތު ވެއްޖެ ނަމަ އެންމެ ދިގު ވެގެން 4 އަހަރުގެ ޖަލު ހުކުމެއް އިއްވިދާނެ ދައުވާތެކެވެ.
ޓްރަމްޕަށް އިއްވާ އަދަބުގެ ތެރޭގައި ޖޫރިމަނާ އާއި ބަދަލު ނެގުމާއި، ޕްރޮބޭޝަން އާއި އިތުރު ކަންކަން ހިމެނިދާނެ އެވެ. ނަމަވެސް ޖަލަށްލުމުގެ ފުރުސަތަކީ ވެސް ނެތް އިހުތިމާލެއް ނޫނެވެ. ފަނޑިޔާރަށް އަދަބު ކަނޑައެޅުމުގައި ބޮޑު މިނިވަން ކަމެއް އޮންނާނެ އެވެ.
ޓްރަމްޕުގެ އުމުރުފުޅުން 77 އަހަރުފުޅުވެފައި ވުމާއި، ކުރިން ޖިނާއީ ކުށެއްގެ ރެކޯޑު ނެތުން ފަދަ ކަންކަމަކީ ޓުރަމްޕުގެ އަދަބު ކުޑަ ކުރުމަށް ބާރު އަޅާނެ ކަންކަމެވެ. ނަމަވެސް ފަނޑިޔާރާ ގުޅޭ ގޮތުން ޓުރަމްޕު ދެއްކެވި ވާހަކަފުޅުތަކާއި، އޭނާއަކީ ސިޔާސީ ގޮތުން ވަކި އަތަކަށް ބުރަވެވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް ވިދާޅުވެފައި ވުމަކީ ޓްރަމްޕަށް ދޭ އަދަބު ބޮޑުވުމަށް މެދުވެރި ވެދާނެ ސަބަބުތަކެވެ.
މި ހުކުމުގެ ސަބަބުން ޓްރަމްޕަށް ޖަލު އަދަބެއް ކުރިމަތިވެވަޑައިގަތުމަކީ ނާދިރު ކަމެއް ކަަމަށް ގިނަ މާހިރުން ދެކެވަޑައިގަންނަވަ އެވެ.
ޕޭސް ޔުނިވާސިޓީގެ ލޯ ޕްރޮފެސާއެއް ކަމަށްވާ ބެނެޓް ގާޝްމަން ވިދާޅުވެފައި ވަނީ ޓްރަމްޕުގެ މައްޗަށް ޖަލު ހުކުމެއް އިއްވައިފިނަމަ އެ ވާނީ ހައިރާން ކުރުވަނިވި ކަމަކަށް ކަމަަށެވެ. އޭނާ ލަފާ ކުރައްވާ ގޮތުގައި، ޓްރަމްޕަށް އިއްވާނީ މިފަދަ ކުށްތައް ސާބިތުވާ އެހެން މީހުންގެ މައްޗަށް ވެސް އާންމުކޮށް އިއްވާ ޕްރޮބޭޝަންގެ އަދަބެވެ.
މީގެ ކުރިން ފަނޑިޔާރު މާޗަން ވަނީ ޓްރަމްޕު ޖަލަށް ލެއްވުމަށް އޭނާ ފަސްޖެހި ވަޑައިގަންނަވާކަން ހާމަ ކުރައްވާފަ އެވެ. އެގޮތުން ކޯޓުން ނެރުނު ވާހަކަ ދެއްކުން މަނާ ކުރުމުގެ އަމުރާ ޚިލާފުވެވަޑައިގެން ތަކުރާރުކޮށް ކޯޓުގެ ހުރުމަތް ކެނޑުއްވި މައްސަލާގައި ފަނޑިޔާރު ވިދާޅުވީ ޓްރަމްޕަކީ އެމެރިކާގެ ކުރީގެ ރައީސް އަދި ފަހަރުގައި މުސްތަޤުބަލުގެ ރައީސަށް ވެސް ވެދާނެތީ އޭނާ ޖަލަށްލުމުގެ ފަހަތުގައިވާ ލޮޖިސްޓިކްސް ގޮންޖެހުންތަކާއި ފުޅާ ދާއިރާއެއްގައި ނުކުންނާނެ ނަތީޖާތަކަށް ބައްލަވައި ޓްރަމްޕު ޖަލަށް ލައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.
ގާޝްމަން ވިދާޅުވި ގޮތުގައި ޓްރަމްޕު ޖަލަށް ލުމަށް ޤާނޫނީ ގޮތުން ފަނޑިޔާރަށް ހުރަހެއް ނެތެވެ. ނަމަވެސް ކުރީގެ ރައީސަކު އަދި ރިޔާސީ ކެންޑިޑޭޓަކު ޖަލަށް ލައިފިނަމަ ދެން ކުރިމަތި ވެދާނެ ކަންކަމަށް ރިއާޔަތް ކުރައްވައި އޭނާގެ މައްޗަށް ޖަލު ހުކުމެއް ނުނެރުއްވުމުގެ އިހުތިމާލު ވަރަށް ބޮޑުކަން ގާޝްމަން ޤަބޫލު ކުރައްވަ އެވެ.
ބެލެވޭ ގޮތުގައި ޓްރަމްޕުގެ މައްޗަށް ނިއުޔޯކުގެ ދަށު ކޯޓުން އިއްވާ ހުކުމް އޭނާގެ ގާނޫނީ ޓީމުން އިސްތިއުނާފު ކުރާނެ އެވެ. އިސްތިއުނާފު މަރުހަލާ މަސްތަކަކަަށް ނުވަތަ އަހަރުތަކަކަށް ދެމިގެންދާނެ ކަމަށް ބެލެވެއެވެ. އެ ހުކުމް ބާތިލު ކުރެވުނަސް އިންތިހާބުގެ ކުރިން އެކަން ކުރެވުމުގެ ފުރުސަތެއް ޓްރަމްޕަށް ނޯންނާނެ އެވެ.
ޓްރަމްޕުގެ ފަރާތްޕުޅުން މި ހުކުމް އިސްތިއުނާފު ކުރާނީ ނިއުޔޯކު އެޕަލެޓް ކޯޓުގަ އެވެ. އެ ކޯޓުން ވެސް ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފިނަމަ ނިއުޔޯކުގެ އެޕީލްސް ކޯޓަށް މައްސަލަ ހުށަހެޅުއްވުމުގެ ފުރުސަތު އޭނާއަށް އޮންނާނެ އެވެ. އެއީ ނިއުޔޯކުގެ އެންމެ މަތީ ކޯޓެވެ.
އެމެރިކާގެ ޤާނޫނުއަސާސީގައި ބުނެފައި ވަނީ އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލެއްވޭނީ، އުމުރުން 35 އަހަރު ފުރިފައިވާ، އެ ޤައުމަށް އުފަން އެ ޤައުމުގެ ރައްޔިތަކަށެވެ. އަދި އެ ގައުމުގައި މަދު ވެގެން 14 އަހަރު ދިރިއުޅެންވާނެ ކަމަށެވެ. ޖިނާއީ ކުށްތައް ސާބިތުވެފައިވާ މީހުން ރައީސްކަމަށް ކުރިމަތިލުން އެމެރިކާގެ ޤާނޫނުއަސާސީން މަނައެއް ނުކުރެ އެވެ.
އެހެންކަމުން އިއްޔެގެ ނިންމުމާ ގުޅިގެން އެމެރިކާގެ ދުސްތޫރީ ނިޒާމުގެ ތެރެއިން ވެރިކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ޓްރަމްޕަށް ގެއްލިގެނެއް ނުދާނެ އެވެ.
ޓްރަމްޕުގެ މައްޗަށް ދައުވާތައް އުފުލުމާއެކު އޭނާ ގެންދަވަނީ އެ ދައުވާތަކަކީ ސިޔާސީ ބޭނުމަށް އުފުލާފައިވާ ދައުވާތަކެއް ކަމަށް ވިދާޅުވަމުންނެވެ. އަދި އޭނާގެ މައްޗަށް ހިންގާފައި ވަނީ ސިޔާސީ ޝަރީޢަތެއް ކަމަށް ތަކުރާރުކޮށް ޓްރަމްޕު ވިދާޅުވެއެވެ. އެހެންކަމުން މި ހުކުމާއެކު، ޓްރަމްޕަށް ސަޕޯޓު ކުރާ ގިނަ ބަޔަކަށް އެ ވާހަކަތައް އިތުރަށް ގަބޫލު ކުރެވުން އެކަށީގެން ވެއެވެ.
ރިޔާސީ އިންތިހާބުގައި ޓްރަމްޕާ ވާދަ ކުރައްވާނެ ކަމަށް ބެލެވެނީ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން އެވެ. ބައިޑަން އާއި ޓްރަމްޕުގެ ވާދަވެރިކަން ބޮޑުއިރު މިހާތަނަށް ހެދިފައިވާ ޕޯލްތަކުން ދައްކާ ގޮތުގައި ދެ ބޭފުޅުން އެކަނި އިންތިހާބުގައި ވާދަ ކުރައްވައިފިނަމަ ހަނި ގޮތަކަށް އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ފުރުސަތު ބައިޑަންއަށް އެބައޮތެވެ.
ނަމަވެސް ޓްރަމްޕާއި ބައިޑަންގެ އިތުރަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓުންނާއި، ކުދި ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ހިމަނައިގެން ހަދާފައިވާ ގިނަ ޕޯލްތަކުގައި ޓްރަމްޕު އުޅުއްވަނީ 5 ވަރަކަށް ޕޮއިންޓް ކުރީގަ އެވެ.
އެހެންކަމުން މި ހުކުމާއެކު ޓްރަމްޕުގެ މަގުބޫލު ކަމަށް އަންނާނެ އަސަރުތައް ދެނެގަނެވޭނީ އަންނަ މަހުގައި ހަދާ ޕޯލްތަކުގެ ނަތީޖާތައް ނުކުތުމުންނެވެ. ނަމަވެސް މި މައްސަަލާގަައި ޓްރަމްޕު ބިނާ ކުރައްވާފައިވާ އަނިޔާ ލިބުމުގެ ނެރޭޓިވް ކާމިޔާބު ކަމާއެކު ވިއްކިއްޖެ ނަމަ މި ހުކުމަކީ ޓްރަމްޕުގެ މަގުބޫލުކަން އިތުރުވެ އޭނާއަށް ހަމްދަރުދީގެ ވޯޓު ލިބޭނެ ސަބަބަކަށް ވެދާނެ އެވެ. އެ ނެރޭޓިވް ފެއިލު ވެއްޖެނަމަ މިއީ ޓްރަމްޕަށް އިންތިހާބު ކާމިޔާބު ކުރައްވަން ހުރަސް އަޅާ ލައްގަނޑަކަށް ވެސް ވެދާނެ އެވެ.