އިސްރާއީލު މީހުން ރާއްޖެއަށް އެތެރެވުން މަނާކުރަން ގާނޫނަށް އެމްޑީޕީން އިސްލާހެއް

ރާއްޖެއަކީ އިސްރާއީލުގެ ފަތުރުވެރިން އަންނަ ޤައުމެކެވެ. ޚާއްޞަކޮށް އިސްރާއީލުގެ ރާޅާއަޅާ މީހުން ރާއްޖެއަށް ވަރަށް ގިނައިން އާދެއެވެ.

މެންބަރު މީކާއިލް އަހުމަދު ނަސީމް: ސަރުކާރުގެ ފުރަތަމަ 100 ދުވަހު ހެދީ ހުސް ދޮގު ކަމަށް ބުނެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައި

އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އެމްޑީޕީން އިމިގުރޭޝަން ޤާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. 

ފާއިތުވި އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ރާއްޖެއަށް އިސްރާއީލު މީހުން އެތެރެވުން މަނާކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވައިލަމުންނެވެ. އަދި އެކަމުގައި ސަރުކާރުން ވަކި ގޮތެއް ނުނިންމާތީ އާންމުންގެ ފާޑުކިޔުން ސަރުކާރަށްވެސް އަންނަނީ އަމާޒުވަމުންނެވެ. 

އަދި އިސްރާއީލު ޕާސްޕޯޓު މަނާކުރުމަށް އާންމުން ގޮވައިލަމުންދަނިކޮށް ފާއިތުވި ރައްޔިތުންގެ މަޖިލީހުންވަނީ އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް ގޮވައިލާ ޤަރާރެއް ފާސްކޮށްފައެވެ. އެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހު އިއުލާނުކުރާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ. 

އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ޤާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމެވެ. އެ އިސްލާހު ހުށަހެޅުއްވިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯޓެއްގައި މީކާއީލު ވިދާޅުވީ މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ކުރާ ފުރަތަމަ މަސައްކަތުގެ ގޮތުގައި ހިންގުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ފަރާތުން އޭނާ ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ. 

އެ ބިލު ހުށަހެޅި ސަބަބެއްކަމަށް ބިލުގައި ބަޔާންކޮށްފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ގަތުލުއާންމާ ރާއްޖެއިން ދެކޮޅުހެދުމުގެ ގޮތުން، އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖެއަށް އެތެރެވުން މަނާކުރަން ސަރުކާރަށް ގޮވައިލާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކުރި ނަމަވެސް، އެކަން ކުރެވޭނެ ވަކި މުއްދަތެއް ސަރުކާރުން އަމަލުކުރާ ގޮތުން ސާފުނުވާތީ ކަމަށެވެ. 

އަދި މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، އިސްރާއީލު ރައްޔިތުންނަށް ރާއްޖެއަށް އެތެރެނުވެވޭނެ ގޮތް ހެދުމަށް ސަރުކާރަށް ގޮވައިލާ މަޖިލީހުން ފާސްކުރި ޤަރާރަށް އަމަލުކުރުން، ޤާނޫނު އިސްލާހުކޮށް ބަދަލުކޮށްގެން އަވަސްކުރުންކަމަށްވެސް އެ ބިލުގައި ބުނެފައިވެއެވެ. 

މީކާއީލު ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހަކީ އިމިގުރޭޝަންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ)އަށް އަކުރެއް އިތުރުކުރުމަށެވެ. އެ ޤާނޫނުގެ 8 ވަނަ މާއްދާއަކީ ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހުން ބަޔާންކުރާ މާއްދާއެވެ. އެ މާއްދާއަށް އިތުރުކުރައްވަން މީކާއީލު ހުށަހެޅުއްވި އަކުރުގެ ދަށުން ހަމައެކަނި އިސްރާއީލު ޕާސްޕޯޓު ނުވަތަ އިސްރާއީލު ޕާސްޕޯޓާއެކު އެހެން ޤައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންވެސް ރާއްޖެއަށް އެތެރެވުން މަނާވާނެއެވެ. 

މެލޭޝިޔާއާއި ޢިރާޤާއި ސޫރިޔާ އަދި ލުބުނާނު ފަދަ ބައެއް އިސްލާމީ ޤައުމުތަކުން މިހާރުވެސްވަނީ އިސްރާއީލު ޕާސްޕޯޓު ބޭނުންކޮށްގެން އެ ޤައުމުތަކަށް އެތެރެނުވެވޭ ގޮތް ހަދާފައެވެ. 

ރާއްޖެއަކީ އިސްރާއީލުގެ ފަތުރުވެރިން އަންނަ ޤައުމެކެވެ. ޚާއްޞަކޮށް އިސްރާއީލުގެ ރާޅާއަޅާ މީހުން ރާއްޖެއަށް ވަރަށް ގިނައިން އާދެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.