މިނިސްޓަރު ޝަފީގު މިނިސްޓަރު ކަމަށް ވަޑައިގެން ވަނީ އޭޑީބީއާއެކު އޮންނަ ގުޅުން ވަރުގަދަ ކުރައްވަން ގިނަ މަސައްކަތްތަކެއް ފައްޓަވާފަ އެވެ.

އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) އިން އަންނަ އަހަރު ބާއްވާ 58 ވަނަ އަހަރީ އާއްމު ޖަލްސާގެ ވައިސް ޗެއާއަކަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ހަމަޖައްސައިފި އެވެ.
ފިނޭންސުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދޭން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. ޝަފީގު ވިދާޅުވީ 58 ވަނަ އެނުއަލް ޖެނެރަލް މީޓިންގެ ވައިސް ޗެއާއަކަށް ރާއްޖޭގެ ފިނޭންސް މިނިސްޓަރު ހަމަޖައްސާފައިވާ ކަމަށާ، ރާއްޖޭން އޭޑީބީއާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަންނަ އަހަރު އޮންނަ ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވެސް ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ.
އޭޑީބީގެ އެނުއަލް މީޓިން ދެން އޮންނާނީ 7، މާރިޗު 2025 ވަނަ އަހަރު އިޓަލީގެ ވެރިރަށް ރޯމްގަ އެވެ. އެ ޖަލްސާގެ ޗެއާއަކީ އިޓަލީގެ ފަބިއޯ ޕަނެޓާ އެވެ.

ފިނޭންސް މިނިސްޓަރު ދާދި ފަހުން ވަނީ ރާއްޖޭގެ ހާލަތާއި ރާއްޖެ ދާން ބޭނުންވާ މިޝްރާބުގެ މައުލޫމާތު ބޭރުގެ މާލީ އިދާރާތަކަށް ދީފަ އެވެ. އަދި ސައިޑް މީޓިންތަކުގެ ގޮތުގައި ދުނިޔޭގެ މާލީ އިދާރާތަކާއެކު މަޝްވަރާ ތަކެއް ވަނީ ކޮށްފަ އެވެ. މި މަޝްވަރާތަކާއެކު ރާއްޖެއާމެދު ބޭރުގެ މާލީ އިދާރާތަކުގެ އިތުބާރު ވަނީ ބޮޑުވެގެން ގޮސްފަ އެވެ.