އެހެން ގޮތަކަށް ފައިސާ ހޯދައިގެން މިއަހަރު ރަސްމާލެ ހިއްކާ ނިންމަނީ

"ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، މިއަހަރުގެ ނިޔަލަށް މަސައްކަތް އެއްކޮށް ހިއްކާ ނިންމޭ ވަރަށް، ތަފާތު ގިނަ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި

ފުޅިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތަށް އެހެން މޮޑެލް އެއް ބޭނުންކޮށްގެން ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށާއި، މި އަހަރުގެ ނިޔަލަށް އެތަން ހިއްކާ ނިންމާލެވޭނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.

"ރަސްމާލެ" ގެ ނަމުގައި އިކޯސިޓީއެއް ތަރައްގީ ކުރަމުން ނިންމާފައިވާ ފުށިދިއްގަރު ފަޅު ހިއްކަން ސަރުކާރުން ހަވާލުކޮށްފައި ވަނީ ބޮސްކާލިސްގެ މި ސަރަހައްދުގެ "ޕާޓްނަރު" ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެވެ. އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެ ކުންފުނިން ފައިސާ ހޯދައިގެން އެތަން ހިއްކާ ގޮތަށެވެ.

އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމަށް އެ ކުންފުންޏަށް ހުޅުމާލެއިން 10 ހެކްޓަރުގެ ބިންވަނީ ދޫކޮށްފައެވެ. އަދި ރަސްމާލެއިން 60 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދިނުމަށް އެއްބަސްވިއެވެ. އެ ބިންތައް ދޫކުރީ 50 އަހަރުގެ މުއްދަތަށެވެ. އަދި ބިންތައް ވިއްކައިގެ ލިބޭ ފައިސާ އެޗްޑީސީގެ އެކްސްކްރޯ އެކައުންޓަކަށް ޖަމާކުރުމުން ބިން ހިއްކޭ މިންވަރަކަށް ސީއެމްސީއަށް ފައިސާ ދޫކުރަންވަނީ އެއްބަސްވެފައެވެ. 

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެ ފަޅު ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތީ އެމީހުންނަށް އެ ފައިސާ ނުހޯދިގެން ކަމަށެވެ.

"ސަރުކާރުން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ އިރާދަކުރެއްވިއްޔާ އެ މަޝްރޫއު ފެށިގެން ދާނެ. ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، މިއަހަރުގެ ނިޔަލަށް މަސައްކަތް އެއްކޮށް ހިއްކާ ނިންމޭ ވަރަށް، ތަފާތު ގިނަ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަޝްރޫއު އަލުން ފަށަން ސަރުކާރުން ކުރަމުންދާ މަސައްކަތަށް ގިނަ ކާމިޔާބީތަކެއް ވެސް ލިބިފައިވާ ކަމަށެވެ. އަދި، އެހެން މޮޑެލްއެއް މެދުވެރިކޮށް ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށާއި އޭގެ ތަފްސީލުތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ގޮންޖެހުންތައް ކުރިމަތިވީ، މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި މި މަޝްރޫއު ހިންގުމަށް ހިމެނި ފައިސާ އުނިކުރުމުންނެވެ.

ފުށިދިއްގަރު ފަޅު - ފުޅިދިއްގަރު ފަޅުގައި ތަރައްގީ ކުރާ އިކޯސިޓީ ރަސްމާލެ ހިއްކަން ސަރުކާރުން ޓާގެޓް ކޮށްފައި ވަނީ 8 މަސް ތެރޭގައި ފުށިދިއްގަރުފަޅުން 1،153 ހެކްޓަރު ބިން ހިއްކާ ގޮތަށެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ހިއްކާނެ އެންމެ ބޮޑު ބިމެވެ. ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލައި އޭގެ ތިން ގުނަ ކުރުމުން އުފެދޭ ވަރުގެ ބޮޑު ބިމެކެވެ. މި މަސައްކަތް ފެށި އިރު މިދިޔަ އަހަރަށް ސަރުކާރުން މި މަސައްކަތައް ހުށަހެޅި 400 މިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުން މަޖިލީހުން އަތުލި އެވ.

ނަމަވެސް ދައުލަތުގެ ބަޖެޓުން އެ މަޝްރޫއުއަށް ފުރުސަތު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ނުދިނުމުން ފުށިދިއްގަރުފަޅު ހިއްކަން މިފެށީ އާބަންކޯ އާއި ސީއެމްސީ ކުންފުންޏާ ދެމެދު އެއްބަސްވުމެއްގައި ސޮއި އަޅައިގެނެވެ. މި މަޝްރޫއު ހިންގަނީ ކ. ގުޅީގެ އިހްތިސޯސުގެ ތެރޭ ކުރިން އޮތް ފުށިދިއްގަރުފަޅު އެ ރަށުގެ އިހްތިސޯސުން ނަގައިގެންނެވެ.

ނަމަވެސް އެކަން ހިނގި އިރު މަޝްރޫއަށް ބަޖެޓްގައި ޖެހި 400 މިލިއަން ރުފިޔާ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ބައިބަޔަށް އަޅާލި އެވެ. އެ ގޮތުން އެމްޑީޕީ ސަރުކާރުން ފެށި ގިރާވަރު، ގުޅިފަޅު އަދި ހުޅުމާލެ އިން ގޯދި ދޭ ސަރަހައްދުގައި ވަސީލަތްތައް ގާއިމުކުރަން 200 މިލިއަން ރުފިޔާ ބަދަލު ކުރީ އެވެ. އަދި އަނެއް 200 މިލިއަން ރުފިޔާ ވަނީ އެކި މަޝްރޫއު ތަކަށް ބަހާލައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.